ކުރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޒު ހަސަން ސައީދު ފަނޑިޔާރުކަމުން ރިޓެއަރ ކުރައްވައިފިއެވެ.
ޝަރުއީ ދާއިރާގައި 21 އަހަރު ޚިދުމަތްކުރެއްވުމަށްފަހު، ރިޓެއަރ ކުރެއްވުމުން ހަސަން ސައީދު ރާއްޖޭގެ ޝަރުއީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ހަސަން ސައީދު ވަނި ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުވެސް އަދާ ކުރައްވާފައެވެ. ފެމިލީ ކޯޓާއި ކުރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި އިރުވެސް ހަސަން ސައީދާބެހޭ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅިއެވެ.
މީގެ ތެރެއިން އެއް މައްސަލައަކީ ފެމިލީ ކޯޓުގެ މުވައްޒަފުންތަކަކަށް އޭނާގެ ފަރާތުން ފުރައްސާތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނާ މައްސަލަތަކެކެވެ.
ކުރިމިނަލް ކޯޓުގައި ހުންނަވައިގެން ހަސަން ސައީދު ނިންމެވި ބައެއް ނިންމެވުންތަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ.
އޭގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ، މީހަކު ޖާމިނުކޮށް ދިނުމުގެ މައްސަލަ އާއި ސީލައިފް މައްސަލައިގައި ދައުވާ ލިބޭ އަހުމަދު މޫސާ (އަންމަޓީ) ދޫކޮށްލި މައްސަލަ ހިމެނެއެވެ.
އުމުރުން 55 އަހަރު ގައި ހަސަން ސައީދު ރިޓަޔާ މިކުރެއްވީ އަމިއްލަފުޅަށް އެދިވަޑައިގެންނެވެ.