
ރާއްޖޭގެ އަމާންކަން ގެއްލޭ ޒާތުގެ ވާހަކަތައް ފަތުރާ ފަރާތްތަކަށް އިތުރު އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ވަރުގަދަ އިންޒާރެއް ޑިފެންސް މިނިސްޓްރީން ދިވެހި މީޑިއާއަށް ދެއްވައިފިއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައި ގައުމުގެ ސަލާމަތަށް ނުރައްކާވާ ޒާތުގެ މައުލޫމާތާއި، ކޮންޓެންޓް ބައެއް ފަރާތްތަކުން ހާމަކުރަމުންދާކަން ޑިފެންސުންވަނީ ފާހަގަ ކޮށްފައެވެ.
މިވަގުތު ރާއްޖޭގައި ގެންދަނީ ތަފަތު ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ފަތުރަމުންނެވެ. މައުލޫމާތު ފަތުރާއިރު ވަގުތުން ދުރަށް ފޮނުވަމުންގެންދާ ޕްރޮގްރާމްތަކުގައި އާންމުގެ މެދުގައި ބިރުވެރިކަން އުފައްދައި، ރާއްޖޭގެ އަމާން ކަން ގެއްލޭ ގޮތަށްވެސް ފަތުރާކަމަށް އެމިނިސްޓްރީންވަނީ ފާހަގަ ކުރައްވައިފައެވެ.
އެބަޔާނުގައި ވިދާޅުވެފައިވަނީ އަމާންކަން ގެއްލި ގައުމީ ސަލާމަތަށް ނޭދެވޭ އަސަރުކުރާ ފަދަ މައުލޫމާތު ފެތުރުން ހުއްޓާލުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ.