އެމެރިކާގެ ޖައްވީ ދަތުރުވެރިއެއް ކަމަށްވާ ނީލް އާރމްސްޓްރޯންގ ހަނދުގައި ފައިތިލަ ޖައްސައިލީ 1969 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އޭނާ ހަނދަށް ފޭބުމާ އެކު ބިންމަތީގައި ހުރި އެމެރިކާގެ ޖައްވީ އިދާރާ އަށް އޭނާގެ އަޑު އިވުނެވެ. އޭނާ ބޭނުން ކުރީ ތިރީގައި މިވާ ޢިބާރާތެވެ.
"މިއީ އިންސާނަކަށް ބަލާ އިރު އެޅުނު ކުރު ފިޔަވަޅެކެވެ. އެހެން ނަމަވެސް މިއީ އިންސާނިއްޔަތަށްޓަކައި އެޅުނު ވަރަށް ދިގު ފިޔަވަޅެކެވެ."
ހަނދަށް ދާން އާރމްސްޓްރޯންގާއި އޭނާގެ ދެ ބައިވެރިން ހޮވިފައި ވަނީ އެމެރިކާގެ އެންމެ މޮޅު 30 ޖައްވީ ދަތުރުވެރިންގެ ތެރެއިން ހުނި ޖެހިގެންނެވެ. ޖައްވީ ދަތުރުތައް ފަދަ އުނދަގޫ އަދި ތާރީޚީ ދަތުރެއް ކުރާ މީހެއްގެ ކިބައިގައި ހަމަ ވާން ޖެހޭ ހުރިހައި ޝަރުޠެއް އޭނާގެ ކިބައިގައި ހުރީ ހަމަ ވެފަ އެވެ. އޭގެ ތެރޭގައި ބޯޓު އުދުއްސުމުގެ އާދަޔާ ޚިލާފު ހުނަރާއި ވިސްނުން ތޫނުކަމާއި ހަށިގަނޑުގެ ބާރާއި މީހަކު ބުނާ އެއްޗެއް ނުވަތަ ލިބޭ މަޢުލޫމާތެއް އަވަހަށް ސިކުނޑިއަށް ނަގައިގަތުމުގެ ބާރާއި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެއު ކަމާއި އެއްވެސް ޖެހިލުމެއް ނެތި ބޮޑެތި ނުރައްކަލުގެ ތެރެއަށް ވަދެގަތުމުގެ ކުޅަދާނަކަން ހިމެނެ އެވެ. މި ދަތުރަށް ޓަކައި އޭނާ ހޮވުމުން އޭނާ އަށް ޖެހުނީ ވަރަށް އުނދަގޫ އަދި ބުރަ ތަމްރީނު ތަކެއް ގައި ބައިވެރި ވާށެވެ. އޭގެ ތެރޭގައި ފެނުގެ އަޑީގައި ވަރަށް ގިނަ އިރު އޮންނާން ޖެހުން ހިމެނެ އެވެ. އޭގެ ބޭނުމަކީ ހަށިގަނޑުގެ ބަރުދަން ލުއި، މާޙަވްލެއްގައި އުޅެން ފަރިތަ ކުރުމެވެ. މީގެ އިތުރަށް އެކި ވައްތަރުގެ ކުއްލި ޙާލަތްތަކާ ކުރިމަތިލާން ދަސް ކުރުމުގެ ގޮތުން ޖައްވީ ޢިލްމާ ބެހޭ ބައެއް ކަންތައްތައް ދަސް ކުރުމާއި ޖައްވީ އުޅަނދާއި ރޮކެޓް އުދުއްސަން ދަސް ކުރުމާއި ހަނދުގެ އެކި ކަންކަމާ ބެހޭ މަޢުލޫމާތު ހޯދައި ދަސް ކުރުން ހިމެނެ އެވެ. މި ހުރިހައި ކަމެއް އޭނާ ދަސް ކުރީ ކޮމްޕިއުޓަރުން ލިބި ދެވޭ މަޢުލޫމާތުގެ އެހީގަ އެވެ.
އޭނާ ޖައްވަށް ދިޔަ އުޅަނދަށް ކިޔުނު ނަމަކީ އެޕޯލޯ 11 އެވެ. މި އުޅަނދުގެ ބަރުދަނަކީ 3100 ޓަނެވެ. ތިރީސް ހަ ބުރީގެ ޢިމާރާތެއްހައި އުހެވެ. އޭގައި 18 މިލިއަން ބައި (ޕާރޓްސް) ހިމެނެ އެވެ. 91 އިންޖީނު ހުއްޓެވެ. އޭގެ މަތީގައި ހުރި ކުޑަކުޑަ މެޝިނަކީ އޭގެ ސައިޒަށް ބަލާ އިރު ވަރަށް ކުޑަ ކުޑަ އެއްޗެކެވެ. އެއީ ކޮލަމްބިއާ އެވެ ނަމަކަށް ކިޔާ ކުޑަ ކުޑަ ބޯޓެކެވެ. ޖައްވަށް ދާ މީހުން އިށީނދެ ތިބީ މި ދެންނެވުނު ކުޑަ ބޯޓުގަ އެވެ.
މި ޖައްވީ އުޅަނދު ކަނޑައެޅިފައިވާ ގަޑީގައި ބިމުން ހަނދަށް ކުރާ ދަތުރު ފަށައިފި އެވެ. އެންމެ ފުރަތަމަ މި އުޅަނދު ދުނިޔޭގެ ވަށައިގެން ދެ ގަޑި އިރާ ބައި ވާންދެން އުދުހުނެވެ. އެއީ ސްޕީޑް ލިބެންދެނެވެ. އުޅަނދުގެ ސްޕީޑް މިނިޓަކު 403 މޭލަށް އަރައި ބިމުން ފެށިގެން 3000 މޭލު މައްޗަށް ދެވުނީމާ އެޕޯލޯ 11 އާއި ކޮލަމްބިއާ ވަކި ކޮށްލެވުނެވެ. ކޮލަމްބިއާ ގައި ދަތުރަށް ބޭނުންވާ އެއްޗެހި އަރުވާފައި ބާކީ އޮތީ ވަރަށް ކުޑަ ކުޑަ ޖާގައެކެވެ. އޭގައި ތިބި މީހުން އިށީންނަން ހުރި ޖާގައަކީ އާދައިގެ ކާރެއްގައިވެސް އިށީންނަން ހުންނާނޭ ވަރުގެ ޖާގައެކެވެ. އެންމެ ފަހުން މި އުޅަނދު ގޮސް ހަނދަށް ޖައްސައިފި އެވެ. އެ މީހުން ހަނދުން އެނބުރި އައީ ހަނދުގެ ބިމުން 46 ރާތަލުގެ ވެލި ހިފައިގެންނެވެ. އޭގެ ބަދަލުގައި 5 ލައްކަ ޕައުންޑުގެ އަގުހުރި ސާމާނު ހަނދަށް ދޫކުރި އެވެ. އެ މީހުން ހަނދަށް ފޭބި ވަގުތު ފިޔަވަޅު ޖެހުނު ތަން ވަރަށް ރީތިކޮށް ފާހަގަ ވާން ހުއްޓެވެ. އުއްމީދު ކުރެވޭ ގޮތުގައި އެ ފައިތިލައިގެ ނިޝާން ބައި މިލިއަން އަހަރު ވާންދެން ނުފޮހެވި ހުންނާނެ އެވެ.
އިންސާނިއްޔަތަށް ޓަކައި ދިގު ފިޔަވަޅަކަށް ވާ ކަހަލަ ކުރު ފިޔަވަޅެއް އެޅެނީ މަތީގައި ބަޔާން ކުރެވުނު ފަދަ ފުރިހަމަ ތައްޔާރީތަކެއް ވެގެންނެވެ.