ސްރީލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ދޭން އައިއެމްއެފުން ނިންމައިފި

ސްރީލަންކާގެ ބޮއްސުންލާފައިވާ އިގުތިސާދު ކޮޅަށްޖަހައި، ގައުމު ހަމައަކަށް އެޅުމަށް އެހީތެރިވުމަށް 2.9 ބިލިއަން ޑޮލަރުގެ ލޯނެއް އެގައުމަށް ދޭން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނިންމައިފިއެވެ. ރޭގެ ވަގުތެއްގައި ސްރީލަންކާގެ ނޫހަކަށް މައުލޫމާތުދެއްވަމުން އެގައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިނޭންސް ޝެހާން ސަމަސިންގޭ ވިދާޅުވީ ލޯނު ދޫކުރުމުގެ ހުއްދަ އައިއެމްއެފް އެގްޒެކެޓިވް ބޯޑުން ދީފައިވާ ކަމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދުގެ ވަގުތެއްގައި ރައީސު ރަނިލް  ވިކްރަމަސިންހަ މިކަމާ ގުޅޭގޮތުން ބަޔާނެއް ދެއްވާނެއެވެ.

ސްރީލަންކާގެ ރިޔާސީ ގަނޑުވަރުން ކުރިން ބުނެފައިވާ ގޮތުގައި މި ލޯނު ހަމަޖެހިގެން ދިއުމުން އެގައުމަށް ޖުމްލަ 7 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް މަގުފަހިވެގެން ދާނެއެވެ.

އައިއެމްއެފުން ދޭން ނިންމި ލޯނުގެ ފުރަތަމަ ބައިގެ ގޮތުގައި އެންމެ ފުރަތަމަ ސްރީލަންކާއަށް ލިބޭނީ 333 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި މިފައިސާ ލިބުމާއެކު، އެހީދޭ އެހެން ފަރާތްތަކުން އެގައުމަށް ފައިސާ ލިބުމަށް މަގުފަހިވާނެއެވެ. މިއާއެކު އިގްތިސާދު ކޮޅަށްޖެހުމަށް މަސައްކަތްކުރުމަށް ފުރުސަތު ލިބޭނެއެވެ.

ބޭރުގެ އެކި ފަރާތްތަކަށް އެތައް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހިފައިވާ ސްރީލަންކާއިން އައިއެމްއެފާ ވާހަކަދައްކަމުން ދާތާ އަހަރެއްހާ ދުވަސްވެއްޖެއެވެ.

ބީބީސީއާ ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު ޢަލީ ޞަބްރީ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ އޮނިގަނޑު ބަދަލުކޮށްގެންނާއި، ގައުމީ އެއާލައިން، ސްރީލަންކަން ޕްރައިވަޓައިޒްކޮށްގެން އާމްދަނީ އިތުރުވާނެ މަގުތައް އެގައުމުން ހޯދާނެ ކަމުގައެވެ. އެހެންނަމަވެސް، ތަޖުރިބާކާރުން ވިދާޅުވަނީ ސްރީލަންކާގެ ކުރިމަތީގައި އޮތީ ސަރާސަރު މަގެއް ނޫންކަމުގައެވެ.

ލޯނު ދޭން ނިންމުމަށް ފަހު އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓީނާ ޖިއޯޖީވާ ވިދާޅުވި ގޮތުގައި ސްރީލަންކާއިން ގިނަ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ.

"(އިގުތިސާދީ) ކާރިސާއިން އަރައިގަތުމަށް، ވަރުގަދަ އިސްލާހީ ޕްރޮގްރާމެއް ހިންގުމާއެކު، ލަސްނުކޮށް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި 'އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ' ބޭނުންކުރުމަކީ ސްރީލަންކާއިން ކުރަންޖެހޭ ކަމެއް." ޖިއޯޖީވާ ވިދާޅުވިއެވެ.

ސްރީލަންކާގެ އިގުތިސާދު ބޮއްސުންލުމުގެ މައިގަނޑު ސަބަބުތަކަކީ ކޮވިޑް-19 އާ ގުޅިގެން ގައުމު ބަންދުވުމާއި، އާއްމުންގެ ތާއީދު އިތުރަށް ހޯދުމުގެ ބޭނުމުގައި ޓެކްސްތައް ކުޑަކުރުމާއި، ހަކަތައިގެ ބާވަތްތަކުގެ އަގުތައް އުފުލިގެން ދިއުމެވެ.

މިއާއެކު އިންފްލޭޝަން %50 އާއި ހަމައަށް އުފުލި، އަސާސީ މުދަލުގެ އަގު އިންތިހާއަށް ބޮޑުވެ، ބޭސް ލިބުން ދަތިވެގެން ދިއުމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ހިސާބަށް ބޮޑުވެގެން ދިޔައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.