ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލުމަށް އުޅުނުކަމުގެ މައްސަލައެއްގެ ތަހުގީގު ފެއްޓެވުމަށްފަހު މިހާތަނަށް ލިބިފައިވާ މައުލޫމާތު ފުލުހުން ދެންމެ ހާމަކޮށްފިއެވެ.
އެ މައްސަލާގައި ފުލުހުންވަނީ 4 ބޭފުޅަކު ހައްޔަރު ކުރައްވައިފައެވެ. އެއީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ރާއްޖޭ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، ޖުޑީޝަލް އެޑުމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިނެވެ.
މި މައްސަލާގައި ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ މި ހިނގާ ފެބުރުއަރީމަހު 5 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ މައްޗަށް ފުލުހުން ކުރައްވާ ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީ ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރެއްވުމެވެ. އޭގެ އޭގެއިތުރަށް ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތުވެސްވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވައިފައެވެ. އަދި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރުދީ އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތުވެސް ފުލުހުންވަނީ ރައީސް މައުމޫނުގެ މައްޗަށް ކުރައްވައިފިއެވެ.
އެމަނިކުފާނުގެ މައްޗަށް ކުރައްވައިފައިވާ ތުހުމަތުތަކާބެހޭ ހެކިބަސް އެކިގޮތްގޮތުން ވަނީ ލިބިފައި ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް އެކަމާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރެވި ހެކިތައް ލިބެމުންވާދާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްފައިވަނީ 6 ފެބުރުއަރީ 2018 ވަނަދުވަހުގެރޭގައެވެ. އެމަނިކުފާނުގެ މައްޗަށް ކުރައްވާ ތުހުމަތުތަކަކީ، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރެއްވުން ކަމަށް ނަވާޒު ވިދާޅުވިއެވެ. އޭގެ އިތުރަށް ދައުލަތް ހިންގުމަށް ހުރަސްއަޅުއްވައި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްތުގައި ހުރަސްއެޅުއްވުމުގެ ތުހުމަތުވެސް އެމަނިކުފާނުގެ މައްޗަށްވަނީ ކުރައްވައިފައެވެ. އެ ތުހުމަތު ތަކާބެހޭ ބައެއް ހެކިތައް މިހާރުވެސް ލިބިފައިވާ ކަމަށާއި، އިތުރު ހެކިތައްވެސް ލިބިފައިވާ ކަމަށް ނަވާޒު ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހައްޔަރު ކުރެވިފައިވަނީ 6 ފެބުރުއަރީ 2018 ގައެވެ. ކުރެވޭ ތުހުމަތަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމެވެ. އޭގެ އިތުރަށް ދައުލަތް ހިންގުމަށް ހުރަސް އަޅައި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްތުގައި ހުރަސްއެޅުމުގެ ތުހުމަތުވެސް ވަނީ ކުރައްވައިފައެވެ. އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ މިކަމާ ގުޅިގެން އަލީ ހަމީދާ ގުޅުންހުރިކަމަށް ގަބޫލު ކުރެވޭ ގިނައަދަދެއްގެ ފައިސާވެސް ފުލުހުންވަނީ ހޯދައިފައި ކަމަށެވެ. އޭގެ އިތުރަށް މިކަމާ ގުޅުންހުރި އިތުރު ހެކިތައްވެސް ލިބިފައިވާ ކަމަށް ނަވާޒު ވިދާޅުވިއެވެ.
ޖުޑީޝަން އެޑުމިނިސްޓްރޭޝަންގެ އެޑުމިނިސްޓްރޭޓަރ ހަސަން ސައީދު ހުސައިން ހައްޔަރުކުރީ ފެބުރުއަރީ 5 ގައެވެ. އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާއި، ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމެވެ. އެ ތުހުމަތުގައި މިހާތަނަށް ފުލުހުން ހިންގި ތަހުގީގުގައި ހަސަންގެ ގެއަށްގޮސް އޭނާ ދިރިއުޅުއްވާ ކޮޓަރިވަނީ ބަލައި ފާސްކުރައްވައިފައެވެ. ފާސްކުރެއްވިއިރު އޭނާ ނިދިކުރައްވަމުން ގެންދެވި އެނދުގެ ގޮދަޑިދަށުން ގިނައަދަދެއްގެ ފައިސާ ވަނީ ފުލުހުންނަށް ފެނިފައި ކަމަށް ނަވާޒު ވިދާޅުވިއެވެ. އިތުރު ހެކިތައްވެސް ފުލުހުންނަށްވަނީ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ބެލި ބެލުމުން މިކަމާގުޅިގެން އެތައް މިލިއަންރުފިޔާއަކާއި، އެތައް މިލިއަން ޑޮލަރުގެ ޓްރާންސެކްޝަން ތަކުގެ ހެކި މިހާރުވެސް ފުލުސް އޮފީހަށް ލިބިފައިވާ ކަމަށް ނަވާޒު ވިދާޅުވިއެވެ. މި މައްސަލަ ތަހުގީގު ކުރިއަށްދާވަރަކުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިވެއެވެ.