ސަރުކާރުގެ އަމާޒަކީ ގުޅުންބޮޑު، ދިރުންހުރި އިޤުތިޞާދެއް އުފެއްދުމަށް: ރައީސް ސާލިހު

ސަރުކާރުން އަމާޒު ހިފާފައި ވަނީ ގުޅުންބޮޑު، ދިރުންހުރި އިޤުތިޞާދެއް އުފެއްދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

މިއަދު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސާލިހު ވަނީ މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ ބޮޑުވެގެންދާނެ ކަމަށާއި، ސަރުކާރުގެ ވުޒާރާގައި، %35 އެލަވަންސް މިހާރު ނުލިބި ތިބި މުވައްޒަފުންނަށް ވެސް މޭ މަހުގެ 1 ވަނަ ދުވަހުން ފެށިގެންް އެ އެލަވަންސް ދޭން ފަށާނެކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މާރިޗު މަހުން ފެށިގެން ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮބަދަލެއް އަންނާނެ ކަމަށާއި، ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތް ނިމިގެން ދާއިރު، ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން އޭގައި ޝާމިލްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވަނީ، މިނިމަމް ވޭޖުގެ ބޮޑު ބަދަލާއި، ސާރވިސް ޗާޖަށް ގެނެވުނު ބަދަލާއި އެކު، ޢާއިލާތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެން ދިޔަކަން ފާހަގަކުރައްވާފައެވެ. މަސައްކަތާ ދިރިއުޅުމުގެ މާޙައުލުގައި ޤާނޫނުގެ ރައްކާތެރިކަމާއި ޙިމާޔަތް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، އެކަމާއި ގުޅޭ ބިލްތައް މި ފެށުނު މަޖިލީހުގެ ފުރަތަމަ ދައުރުގައި ފާސްކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ ގޮތުގެ މައްޗަށް އަލި އަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިޞާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ %7.6 ކަމަށާއި  އެހެންނަމަވެސް، އަހަރު ނިމުނުއިރު ރާއްޖޭގެ އިޤްތިޞާދު %12.3 ކުރިއަރާފައިވާ ކަމަށެވެ. ހުސްވި ޖެނުއަރީ މަހަކީ މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް ކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޖެނުއަރީ މަހު އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އިޤްތިޞާދީ ކުރިއެރުމަށް ދަތުރުފަތުރުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ހުވަދު އަތޮޅާއި، ފުވައްމުލައްސިޓީ އަދި، އައްޑޫ ސިޓީ އާރް.ޓީ.އެލް ގެ ނިޒާމުން ގުޅައިލެވޭނެ ކަމުގައެވެ. އަދި، ސަރުކާރުގެ އަމާޒަކީ އާރް.ޓީ.އެލް ގެ ޚިދުމަތުން މުޅި ރާއްޖެ ގުޅައިލުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.