އެކައުންޓިންގެ ދާއިރާގައި ފަންނީ މަސައްކަތް ކުރުމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ޚަރަދުގައި ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ސްކޮލަރޝިޕް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މިއަދު އިއުލާންކޮށްފިއެވެ.
މި ސްކޮލަޝިޕް އިއުލާން ކުރުމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަދު މި ހުޅުވާލި 200 ފުރުސަތަކީ ވަރަށް މުހިއްމު ފުރުސަތުތަކެއް ކަމަށާއި މިއީ ޗާޓަރ އެކައުންޓެންޓުންނަށް ވުމަށްޓަކައި އެއާއި ގުޅުން ހުރި ހުރިހާ ޚަރަދެއް މިނިސްޓްރީން ދޭ ސްކޮލަޝިޕްގެ ފުރުސަތުތައް ކަމަށެވެ.
"ސީމާ އަދި އޭސީސީއޭގެ ފަހު ދެ ލެވެލްގެ އިމްތިހާނު ފީއާއި އެނޫންވެސް އެހެނިހެން ޚަރަދުތައް ހިމެނޭގޮތަށް ދެވޭ ސްކޮލަޝިޕްގެ ބޭނުން މިދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނާއި މިދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ޒުވާނުން ހިއްޕަވާނެކަމަށް އަޅުގަނޑު އުއްމީދު ކުރަން،" މިނިސްޓަރ ވިދާޅުވި އެވެ.
މިއަދު އިއުލާނުކުރި 200 ސްކޮލަރޝިޕް ބަހާލައިފައިވަނީ 2 ކެޓެގަރީއަށެވެ. އެއީ، 150 އޯޕަން ކެޓެގަރީ އަދި 50 ޕަބްލިކް ކެޓެގަރީއަށެވެ.
މިނިސްޓަރ ވިދާޅުވީ 50 ފުރުސަތު ޕަބްލިކް ސެކްޓަރއަށް ރިޒާވްކުރުމުގެ ބޭނުމަކީ ދައުލަތުގެ މާލީ ކަންކަމުގައި މަސައްކަތް ކުރާ ޒުވާނުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
ފަންނީ، ގާބިލު، ތައުލީމީ ޒުވާނުން މިކަންކަމުގައި އުޅެގެން މެނުވީ އަޅުގަނޑުމެންގެ މި މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ނުކުރެވޭނެ. އަޅުގަނޑުމެންގެ މާލީ ބަޔާންތަކާއި އަޅުގަނޑުމެން މިނެރޭ އޮޑިޓް ރިޕޯޓުތަކަކީ އާންމުންނަށް އޮޅުން ނާރާނެފަދަ ގޮތަކަށް ކުށެއް ނެތް ގޮތަކަށް ކަން ކުރެވޭނެފަދަ ބަޔަކު ލިޔާ ރިޕޯޓުތަކަކަށް ވާންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ޢިޢްލާނުކުރި ސްކޮލަރޝިޕް ތަކުގައި ފުރިހަމަކުރަން ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި، ފެންވަރު:
1. ACCA ސްކިލްސް ލެވެލް
2. ACCA ޕްރޮފެޝަނަލް ލެވެލް
3. CIMA މެނޭޖްމަންޓް ލެވެލް
4. CIMA ސްޓްރެޓީޖިކް ލެވެލް
އެކައުންޓިންގެ ދާއިރާއަކީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތަކެއް ހުރި ދާއިރާއެކެވެ. އަދި މިއީ ތަމްރީނުވެފައިވާ ފަރާތްތަކުން އަމިއްލަގޮތުން މަސައްކަތްކޮށް ރަނގަޅު އާމްދަނީ ހޯދިދާނެ ދާއިރާއެއްވެސްމެއެވެ. ވުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭފަރާތަކަށްވެސް މި ސްކޮލަރޝިޕްތަކުގެ އެހީގައި ޕްރޮގްރާމް ފުރިހަމަކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭނެމަގު ފަހިކުރެވިދާނެއެވެ.
މި ސްކޮލަރޝިޕްތަކަކީ ދިވެހިންނަށް އަމާޒުކޮށް އިޢުލާނުކުރި ސްކޮލަރޝިޕްތަކެކެވެ. މައިގަނޑު މަޤްޞަދަކީ ވާދަވެރި ވަޒީފާގެ ބާޒާރު ދިވެހިންނަށް ފަހިކޮށްދިނުމެވެ. މި ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފައްދައި، މި ދާއިރާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
މި ދާއިރާއިން މިހާރު ކިޔަވަމުން ދާފަރާތްތަކަށާއި، މިދާއިރާ އާއި ގުޅުންހުރި ދާއިރާތަކުން ތައުލީމުހޯދާފައިވާ ފަރާތްތަކުން ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓުންނަށްވުމަށް މި ސްކޮލަރޝިޕް ފުރުޞަތުތަކުގެ ބޭނުން ހިފޭނެއެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކޮށް ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓަކަށް ވުމަށްޓަކާ ތިރީގައިމިވާ ހުރިހާ ޚަރަދެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
• ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ
• އެނުއަލް ސަބްސްކްރިޕްޝަން ފީ
• އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ
• އެގްޒާމް ފީ
• އެފްލިއޭޝަން ފީ
• މެމްބަރޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާނަމަ)
• ބުކް އެލަވަންސް
• ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ
• އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދު
މިއީ، މި ދާއިރާއިން ސްކޮލަރޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފަހަރެވެ. މި ދިޔަ 2022 ވަނަ އަހަރުވެސް ވަނީ މި ދާއިރާއިން ކިޔެވުމަށް 173 ސްކޮލަރޝިޕް ދީފައެވެ. މިދިޔަ އަހަރުގެ ސްކޮލަރޝިޕްތައް ކާމިޔާބުކުރި ކެންޑިޑޭޓުންގެ ތެރެއިން 100 އަށްވުރެން ގިނަ ކެންޑިޑޭޓުން ވަނީ ސްކޮލަރޝިޕްގައި ކިޔެވުން ފަށާފައެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް 2 އަހަރުގެ މުއްދަތަކަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދެވޭނީ ގިނަވެގެން 2 އަހަރު ދުވަހެވެ.
މި ސްކޮލަރޝިޕަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މައިއެޑިޔު ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 26 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހެވެ.