އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހިންގަންއުޅުނު "ޖަރީމާ" އިން ދިވެހި ދައުލަތަށް ނަސްރު ލިބިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިންގަން އުޅުނު އަމަލު ނާކާމިޔާބުވީ ދިވެހި ސިފައިންކުރި ހިތްވަރާއި މަސައްކަތުގެ ސަބަބުން ކަމަށެވެ.
ސިފައިން ވަނީ ކޮމާންޑަރއިން ޗީފްގެ ހައިސިއްޔަތުން ރައީސް ދެއްވި ހުރިހާ އިރުޝާދަކަށް ބޯލަނބައި ރާއްޖެ ވެއްޓެން ދިޔަ އަނދަވަޅަކުން ސަލާމަތްކޮށްފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަމުގެ ހުރިހާ ޝުކުރެއްއޮތީ ސިފައިންނަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތަށް ނަސްރު ލިބުނީ އެމަނިކުފާނުގެ މޮޅުކަމުންވެސް ނޫންކަމަށެވެ. އެއީ މާތްﷲ ގެ ހެޔޮރަހުމަތްފުޅު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ ވާދަވެރިން ނުވަތަ އިދިކޮޅު ފަރާތްތަކުން ރާވައިފައިވަނީ ރާއްޖެއަށް އަނެއްކާވެސް ދެވަނަ ހަތެއް ފެބްރުއަރީއެއް ގެންނަން ކަމަށެވެ. ބޭނުމަކީ ނުރައްކަލުގެ ތެރެއަށް ރާއްޖެ ވައްޓައިލުން ކަމަށްވެސް ރައީސް މިރޭ ވިދާޅުވިއެވެ. އެކަން އެގޮތަށްނުވެ އަމާންކަމާއެކު ކަންކަން ހަމަޖެހުނީ ސިފައިންނާއި ފުލުހުންގެ މަސައްކަތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެރޭ ނެރުނު އަމުރަކީ އެކޯޓަށް ދީފައިވާ މުތުލަގު ބާރުގެ ނާޖާއިޒު ގޮތުގައި ބަޔަކު ބޭނުންކުރުން ކަމަށެވެ. އެކަން އެގޮތަށްކުރީ މުޅި ރާއްޖެ ހަލާކުގެރެއަށް ވައްޓާލަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ އަމުރަކީ ރާއްޖޭގެ ގާނޫނީ ވެރިކަން ވައްޓާލައި ކަންކަން އެކޮޅުންޖަހައިލުމަށް ރާވައިގެން ބަޔަކުކުރި މަސައްކަތުގެ ނަތީޖާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.