ފުއްގިރި މައްސަލައިގާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު

ރ. ފުއްގިރި މައްސަލައިގާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އެރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތް މިއަދު ބޭއްވުމަށް ނިންމާފައިވަނީ މެންދުރު 1 ޖަހާއިރު އެވެ.

އެކަން ވަނީ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އާދަމް ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާއެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އެންމެ ފުރަތަމަ މިމައްސަލަ ހަވާލުކުރި އިސްގާޒީ ޝަކީލު މި މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމާ ގުޅިގެން ފުއްގިރި މައްސަލަ އާއި ހަވާލުވެވަޑައިގެންފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްއެވެ.

ފުއްގިރި މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައެވެ.

މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވިފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

މި ޝަރީއަތް މިއަދު ކުރިއަށްގެންދާއިރު، ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް، ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.