ބޭންކް އޮފް މޯލްޑިވްސް އިން ރަހުނަކާ ނުލާ ދުކުރާ ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފިއެވެ. މިގޮތުން މިހާރު ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމަޔަށް ލިމިޓް އިތުރުކޮށްފިއެވެ.
މިއަދުން ފެށިގެން، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނު ދޫކުރަމުންދާނީ 'ބީއެމްއެލް ލުއި ލޯނު' ގެ ގޮތުގައެވެ. ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިންގ ދޫކުރާނެއެވެ. މި ބަދަލާއެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕަރސަނަލް ފައިނޭންސިންގ ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީ އަށްވެސް ބަލާނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ " އަޅުގަނޑުމެންގެ ޕޯޓްފޯލިއޯ އަށް މިގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފަ. ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން."
އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ލުއި ލޯނު އަދި ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި 5 ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެއެވެ.