ކައުންސިލާއި މަޝްވަރާނުކޮށް އެމްޓީސީއަށް ބަހުގެ ޚިދުމަތް އިޢުލާނެއް ނުކުރެވޭނެ: އައިފާން

ކައުންސިލާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި އެމްޓީސީސީ އަށް ބަހުގެ ޚިދުމަތް ދޭކަމަށް އިޢުލާން ނުކުރެވޭނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދަޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ތައްޔާރުވެފައިވަނިކޮށް ކައުންސިލްގެ އިޙުތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްގައި ކައުންސިލާއި މަޝްވަރާނުކޮށް ސަރުކާރުން ބަހުގެ ޚިދުމަތްވެސް ފަށަން އުޅުމަކީ ލާމަރުކަޒީ ޤާނޫނާއި މުޅިން ޚިލާފު ކަމެއް ކަމުގައި އައިފާން ވަނީ ވިދާޅުވެފައެވެ.

އައިފާން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ޤާނޫނުގެ ދަށުން ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ދިނުމަކީ އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލެއްގެ ޒިންމާގެ ދަށުގައި އޮންނަކަމެއް ކަމަށެވެ. މިއާއިއެކު އައިފާން ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމް ގެ ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން އައިފާން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މިހާތަނަށްވެސް މަސައްކަތްކޮށްފައިވަނީ ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދީގެން ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ފަރާތުން މިކަން ފެނިގެންނުދާކަމުގައި ވިދާޅުވެފައެވެ.

އައިފާން އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ވަކި ކަމެއް ފައްޓާތީއޭ ކިޔާފަ ޖެއްސުން ކުރުމުގެ ބޭނުމުގަ މިކަންކަން ކުރުމަކީ ބަލއިގަނެވޭނެ ކަމެއްނޫން ކަމަށާއި، އެހެންކަމުން ސަރުކާރުން މިގޮތަށް މިކުރާ ކަންތައްތައް ހުއްޓާލުމަށްފަހު މާލެ ސިޓީ ކައުންސިލަށް ޤާނޫނުން ދީފައިހުރި ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތަށް މަގުފަހިކޮށްދީ ކައުންސިލްގެ އިޙުތިޞާސް ތެރޭގައި ހުރި ކަންތައްތައް ކައުންސިލާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.