
ފުލުހުން ހައްޔަރުކުރިޔަސް އިސްލާހަށް ކުރައްވަމުން ގެންދަވާ މަސައްކަތް ދުލެއް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަންދުލް ހައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެންދެރިމާގެއަށް ފުލުހުން ގޮސް އެމަނިކުފާނު ހައްޔަރު ކުރުމުގެ ކުރިން ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"އަޅުގަނޑު މިކުރާ އިސްލާހީ މަސައްކަތް ދުލެއް ނުކުރާނަން. ކުރިއަށްގެންގޮސް އިރާދަ ކުރެއްވިއްޔާ ކާމިޔާބު ކުރާނަން. ދިވެހިރައްޔިތުންނަށް ހުރިހާ ކާމިޔާބީއަކާއި ހުރިހާ ކުރިއަރުމަކަށް އަޅުގަނޑު އެދެން،" މައުމޫން ވިދާޅުވިއވެ.
ރައީސް މައުމޫން ވިދާޅުވީ ހައްޔަރު ކުރަންޖެހޭ ވަރުގެ ކަމެއް ކުރައްވައިފައިނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާނު ގެންދެވީ ކޮންތުހުމަތެއްގައި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހި ލޮބުވެތި ރައްޔިތުންނަށް ވެދުމާ ސަލާމް. އަޅުގަނޑު މިހާރު މިދަނީ ޕޮލިސް ބަލައިއައިމާ އެމީހުނާއެކީގައި، އަޅުގަނޑު ހައްޔަރުކޮށްގެން މިގެންދަނީ ކޮންތުހުމަތެއްގައި ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ހައްޔަރުކުރާކަހަލަ ކަމެއް ކޮށްފައެއް ނޯންނާނެ. ތިޔަ ހުރިހާބޭފުޅުންނަށް އެކަމުގެ ޔަގީންކަން އަރުވަން. މިއީ ގާނޫނާ ޚިލާފަށް އަޅުގަނޑު ހައްޔަރުކުރާ ހައްޔަރުކުރުމެއް،" މައުމޫން ވިދާޅުވިއެވެ.