މި ސަރުކާރުގެ ފަސް ވަނަ އަހަރު ފެށިގެން ކުރިއަށްދާއިރު ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ރާއްޖެއަށް އަލުން އަނބުރާ ހަމަޖެހުން ގެނެވިއްޖެ ކަމުގެ ހިތްހަމަޖެހުން އެބަ އޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ މަނިކުފާނުގެ ސަރުކާރުން ހާސިލުކޮށްފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތަކުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ބާރު ދުވެލީގައި ސަރުކާރުން ކުރިއަށްގެންދާ ކަމުގައެވެ. މި ގޮތުން ކުރިއަށްދާ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފުބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް 141 މަޝްރޫޢެއް ކުރިއަށްދާ ކަމަށާއި، ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން ކަށަވަރު ކޮށްދިނުމަށް 144 ރަށެއްގައި 313 ޖަނަރޭޓަރު ސެޓު ބެހެއްޓިފައިވާ ކަމުގައެވެ. އަދި، 76 ރަށެއްގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 47 ރަށެއްގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވެސް ނިމިފައިވާ ކަމަށާއި، އިތުރު 36 ރަށެއްގައި އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމުގައެވެ. އަދި، 31 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތާއި، 7 ރަށެއްގެ ބިން އިތުރު ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، އިތުރު 8 ރަށެއްގެ ބިން އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމުގައެވެ.
ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމަށް ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ދާއިރާއިން 31 މަޝްރޫޢެއްގެ މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށާއި، ރަށްރަށުގައި ހުރި ޓަރޝަރީ ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ އިތުރުން ޞިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީ ކުރުމަށް ތަފާތު 40 މަޝްރޫޢެއްގެ މަސައްކަތް މިހާރު ވެސް ހިނގަމުންދާ ކަމުގައެވެ.
ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ޒަމާންވީ އެންމެ ބޮޑު އެއް ތަކުލީފު ކަމުގައިވާ ދަތުރުފަތުރު ކުރުމަށް އޮތް ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ހިއްސާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ދަތުރުފަތުރުގެ ވިއުގައިން މުޅި ރާއްޖެ ގުޅައިލުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މާލެ ސިޓީގެ އިތުރުން ލ. އަތޮޅާއި، ފުވައްމުލައް ސިޓީއާއި، އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ތަޢާރުފުކޮށް، އެ ސަރަޙައްދުތަކުގެ ރައްޔިތުން އެ ޚިދުމަތުގެ މަންފާ ހޯދަމުންދާ ކަމުގައެވެ.
16,000 ޢާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުގައި ބިނާކުރަމުންދާ 8,700 ފުލެޓާއި، އަތޮޅުތަކުގައި ބިނާކުރަމުންދާ ފުލެޓުތަކުގެ އިތުރުން، މި ސަރުކާރުގެ ގެދޮރުވެރިޔާ ލޯނު ސްކީމްގެ ދަށުން ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މާލެ ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 5,000 ގޯއްޗަށް އެދި 15,164 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަން ވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.
އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މި ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ހިލޭ ޑިގްރީ ޕުރޮގުރާމުގައި މިހާތަނަށް 16,000 އަށްވުރެ ގިނަ މީހުން މަތީ ތަޢުލީމުގެ ހަރުފަތްތައް ގިރާކުރަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ޤާނޫނީ ގޮތުން ކަށަވަރު ކޮށްދެއްވާފައިވާނެ ކަމަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ 10,000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާފައިވާ ކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި، ލާމަރުކަޒީ ބޮޑެތި ބަދަލުތަކެއް ގެންނަވައި، ކުރިން މާލެއަށް ޖަމާކޮށްފައި އޮތް ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައްވާފައިވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކިއެކި ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ވެސް ޖަވާބުދެއްވާފައެވެ.