
ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ހަނދާނުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފި އެވެ.
ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ތަޢުޒިޔާ ވިދާޅުވެފަ އެވެ.
ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ޒަޢާމަތުގައި އެޤައުމަށް ލިބިގެންދިޔަ ކުރިއެރުންތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ޒަޢާމަތުގައި، ޗައިނާއިން ބައިނަލްއަޤުވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފްކުރެއްވި އެވެ.
ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވީ، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ، 96 އަހަރެވެ.