ވޯލްޑް ކަޕް 2022: އެމެރިކާ ކަޓުވާލުމަށް ފަހު ނެދަލެންޑްސް ކުއާޓާއަށް

ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގެ ގެ ފުރަތަމަ މެޗުގައި މިރޭ 3-1 ގެ ނަތީޖާއިން އެމެރިކާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މިރޭގެ މެޗު ފެށިގެން ކުރީކޮޅު ލީޑު ނަގަން ޔޫއެސްއޭއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނެދަލެންޑްސްގެ އޭރިޔާގެ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ޕުލިސިޗް ފޮނުވާލި ނަމަވެސް ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް ވަނީ މި ހަމަލާ މަތަކޮށްފައެވެ.

އޭގެ އިރުކޮޅެއް ފަހުން މެޗުގެ 10 ވަނަ މިނިޓުގައި ނެދަލެންޑްސް އިން ފުރަތަމަ ލަނޑު ޖެހިއެވެ. ޑަމްފްރީސް އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ މެމްފިސް ޑިޕާއީއެވެ. އޭގެ އިރުކޮޅެއް ފަހުން ވެސް ޑިޕާއީ އަށް ވަރަށް ހުސްފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.

ފުރަތަމަ ހާފުގެ މެދެއްކަންހާ ހިސާބުން ފެށިގެން ޔޫއެސްއޭއިން ރަނގަޅަށް ކުޅެ ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް އެކަންވީ ބޭކާރެވެ. މިގޮތުން ޓިމް ވެއާ ދުރުން ފޮނުވާލި ބާރު ބޯޅައެއް ކީޕަރު ދިފާއުކުރިއިރު، އުފެއްދި އަވަސް ކައުންޓަރ އެޓޭކެއްގައި ނެދަލެންޑްސް އިން ފުރަތަމަ ހާފު ނިންމާލީ އިތުރު ލަނޑެއް ޖަހައިގެންނެވެ. ޑަމްފްރީސް ދިން ބޯޅައަކުން މި ލަނޑު ޖެހީ ބްލިންޑެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު، ދެ ޓީމުގެ ގޯލްކީޕަރުން ވެސް ފެނުނީ ވަރަށް ހުސިޔާރުކޮށެވެ. ނަމަވެސް، މެޗުގެ 76 ވަނަ މިނިޓުގައި ޕުލިސިޗް ހުރަސްކޮށްލި ބޯޅައަކުން ރައިޓް ޖެހި ލަނޑުން ޔޫއެސްއޭއިން ފަރަގު ކުޑަކޮށްލިއެވެ.

ނެދަލެންޑްސްއަށް ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންވީ 81 ވަނަ މިނިޓުގައި ޑަމްފްރީސް ނެދަލެންޑްސް ގެ 3 ވަނަ ލަނޑު ޖެހުމުންނެވެ.

އެމެރިކާ އަތުން މޮޅުވެ، ނެދަލެންޑްސް ކުއާޓާ ފައިނަލަށް ދިޔައިރު، އެޓީމުން ކުއާޓާގައި ބައްދަލުކުރަން ޖެހޭނީ މިރޭ 12 ޖަހާއިރު، އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.