
ރާއްޖެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ 3 މަސްބޯޓު ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 3 މަސްބޯޓެއް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެ ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އެމްއެންޑީއެފް އިން ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
މީގެ އިތުރުން މިދިޔަ ސެމްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޯޓެއް އަތުލައިގަނެފަ އެވެ.
ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަލައަކީ ދޭތެރެދޭތެރެއިން ފާހަގަ ކުރެވޭ ކަމެކެއެވެ.
މިފަދަ ބޯޓުތައް އަތުލައިގަތުމުގައި ދިވެހި މަސްވެރިންނާއި މަސްވެރި އުޅަނދުތަކުން ވަރަށް ބޮޑު އެއްބާރުލުންތަކެއް ދެމުންއަންނަކަން ކޯސްޓްގާޑުން ފާހަގަކުރައްވާފަ އެވެ.