ގަތަރުގައި މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގުރޫޕް ޖީގެ ފަހު މެޗުގައި ރޭ ކެމަރޫން އިން ވަރުގަދަ ބްރެޒިލް ބަލިކުރިއިރު، ސާބިއާ އަތުން މޮޅުވެ ސްވިޒަލެންޑް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ގުރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު ދެމެޗުން ވެސް މޮޅުވެ، މާ ކުރިންވެސް ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފައިވާ ބްރެޒިލް ރޭ ކެމަރޫން އަތުން ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.
މި މެޗުން ކެމަރޫން މޮލުވި ނަމަވެސް އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. އެޓީމަށް މުބާރާތް ނިމުނީ ރޭ ސްވިޒަލެންޑް އަދި ސާބިއާ ބައްދަލުކުރި މެޗުން 2-3 އިން ސްވިޒަލެންޑުން ކުރި ހޯދުމުންނެވެ. ރޭގެ ބްރެޒިލް އަތުން ހޯދި މޮޅާއި އެކު ކެމަރޫން އަށް އެ ޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު ލިބުނީ ގުރޫޕުގެ ތިންވަނައެވެ. ސާބިއާ ބަލިކުރި ސްވިޒަލެންޑަށް ވަނީ ރޭގެ މޮޅާއި އެކު ހަ ޕޮއިންޓު ލިބިފައެވެ. އެ ޓިމުން ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕުގެ ދެވަނަ ލިބިގެންނެވެ.
ރެ ކެމަރޫން އަތުން ބަލިވި ނަމަވެސް ބްރެޒިލް އަށް ދެވަނަ ބުރަށް ދިޔައީ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ދެވަނަ ހޯދި ސްވިޒަލެންޑަށް ވެސް ހަ ޕޮއިންޓު ލިބުނުއިރު، ބްރެޒިލް އަށް ގުރޫޕުގެ އެއްވަނަ ލިބުނީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ.
ކެމަރޫން އާއި ދެކޮޅަށް ކުޅެ ބަލިވި މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައި ވަނީ ބްރެޒިލުންނެވެ. ނަމަވެސް އެޓީމުގެ ހަމަލާތައް ނާކާމިޔާބު ކޮށްލީ ކެމަރޫންގެ ކީޕަރު ޑާވިސް އެޕަސީ އެވެ. މި މެޗުގައި ކެމަރޫން އިން ބްރެޒިލްގެ މައްޗަށް ކުރި ހޯދި ހަމަ އެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ވިންސެންޓް އަބޫބަކާރެވެ.
މި ގުރޫޕުގައި ހިމެނޭ ސްވިޒަލެންޑު އަދި ސާބިއާ ބައްދަލުކުރި މެޗުގައި ވެސް ފޯރިގަދަ ކުޅުމެއް ފެނުނުއިރު، ފުރަތަމަ ލަނޑު ޖަހާ ލިޑު ނެގީ ސްވިޒަލެންޑުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ޒެރްޑަން ޝަގީރީ ޖެހި ގޯލުން ސްވިޒަލެންޑް ލީޑު ނެގިއެވެ. ނަމަވެސް ސާބިއާ އިން ވަނީ ފުފުލު ދެ ލަނޑު ޖަހާ ލީޑު އަތުލާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އަލެކްސަންޑަ މިޓްރޮވިޗް ޖަހައިިދިންއިރު، ސާބިއާގެ ދެ ވަނަ ލަނޑު ޖަހައިދިނީ ޑޫސާން ވްލަހޯވިޗް އެވެ. ސްވިޒަލެންޑުން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ބްރީލް އެމްބޯލޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ސްވިޒަލެންޑަށް މި މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ދެ ވަނަ ހާފުގެ 48 ވަނަ މިނެޓުގައި ރެމޯ ފްރެއޮލާއެވެ.
ގުރޫޕް ޖީގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދިޔަ ބްރެޒިލް ނުކުންނާނީ ގްރޫޕް އެޗްގެ ދެ ވަނަ ހޯދި ދެކުނު ކޮރެއާއާ ދެކޮޅަށެވެ. އަދި ގުރޫޕުގެ ދެވަނަ ހޯދައިގެން ދެވަނަ ބުރަށް ދިޔަ ސްވިޒަލެންޑު ނުކުންނާނީ ގްރޫޕް އެޗްގެ އެއް ވަނަ ހޯދި ޕޯޗުގަލްއާ ދެކޮޅަށެވެ.