އުއްތަމަ ފަނޑިޔާރުވަނީ ރިޝްވަތު ހިފައިފައި:ފުލުހުން

 

އަލީ ހަމީދުގެ އާއިލާގެ ބޭފުޅަކާ ހަވާލާ ދެއްވައި ބައެއް ނޫސްތަކުގައި ބުނެފައިވަނީ އަލީ ހަމީދުގެ އަނބިކަނބަލުންގެ ކޮއްކޮ މ. މިބިނާ އިން މިއަދު ހައްޔަރު ކޮށްފައިވާކަމަށެވެ. އޭގެ އިތުރަށް ރޭވަނީ އަލީ ހަމީދުގެ އަނބިކަނބަލުންގެ އެހެން ކޮއްކުއަކާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްފައި ކަމަށެވެ. އެ ބޭފުޅުން ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމުގެ ހަރަކާތެއްވެސް ފުލުހުންވަނީ ރޭ ހިންގައިފައެވެ. އެގެ ފާސްކުރުމަށްފަހު ލެޕްޓޯޕެއް ގެންދިޔަ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރާއްޖޭގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ބުރާސްފަތި ދުވަހުގެރޭ ސުޕްރީމް ކޯޓުން ކުރެއްވި ހުކުމަށްފަހު ސަރުކާރުންވަނީ އަލީ ހަމީދާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެބޭފުޅުން ގެންދެވީ ގާމާދުއަށެވެ. އަލީ ހަމީދަށް ދިމާވި ސިއްހީ މައްސަލައެއްގައި އެމަނިކުފާނު މިހާރުގެންދަވަނީ އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުންނެވެ.

 

އެދެބޭފުޅުން ހައްޔަރުކުރީ ފުލެޓް ގަތުމަށް ހިންގެވި މުއާމަލާތެއްގައި ރިޝްވަތު ހިމެނޭ ކަމުގެ ތުހުމަތުގައެވެ. މި ކަމާގުޅިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުވެސްވަނީ ހައްޔަރު ކޮށްފައެވެ.

އަލީ ހަމީދުގެ ފަރާތްޕުޅުން ވިދާޅުވެފައިވަނީ ފްލެޓް ގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިންގާފައި ނުވާނެ ކަމަށެވެ.

1:47 ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ 3 މެންބަރަކު ހައްޔަރު ކޮށްފި ކަމުގެ މައުލޫމާތު ލިބޭ

11:26 ރައީސްގެ ވާހަކަފުުޅު ނިންމަވައި ލައްވައިފި

11:25 ރައީސް: އަޅުގަނޑަކީ މިހާރު ޒުވާނެއްނޫން. އަޅުގަނޑު ވަރުބަލިވެއްޖެ. ފާއިތުވި ދެތިންދުވަހު އަޅުގަނޑަށް 6 ގަޑިއިރު ނިދިނުލިބޭ

11:24 ރައީސް: މިރޭ މިއައީ ސިޔާސީ ވާހަކަ ދައްކާކަށްނޫން، މިއައީ ތިޔަބޭފުޅުންނަށް ޝުކުރިއްޔާ ބުނެލަން

11:23 ރައީސް: ލާރިން ކުރާނެކަމެއްނެތް. އެންމެންވެސް މަހުޝަރު ކުރައްވާނެ

11:22ރައީސް: ކުރީގެ ރައީސުން ކަންތައް ކުރެއްވި ގޮތް އެންމެ ރަނގަޅަށް ފެންނާނީ ތިޔަބޭފުޅުންނަށް. ރާއްޖެއަށް ދެރަގޮތެއް ވިޔަނުދިނުމަށް ކުރިއަށްއޮތް އިންތިޚާބުގައި ވިސްނަވާ.

11:20 ރައީސް: އިޚުލާސްތެރިކަން ފިޔަވައި ރައްޔިތުންގެ ފަރާތުން އެއްވެސް އެއްޗެއް ބޭނުމެއްނޫން

11:19 ރައީސް: މިކަމް މިގޮތަށް ވެގެން މިދިޔައީ އަޅުގަނޑުގެ މޮޅުމަކަމުން ނޫން. ﷲ ގެ ކުޅަދުންވަންތައް.

11:17 ރައީސް: ހައްގުނޫން އަދަބު ބަޔަކަށް ދިނުމަށް ބައެއްގެ ފަހަތުން ދުވުމަކީ ސަރުކާެރަށް ފަސޭހައެއް ނޫން

11:13 މިހާރުކުރިއަށްދާ ޕީޕީއެމްގެ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނަށް އެންމެގިނައިން ކެހިދީފައިވަނީ އެމަނިކުފާނު އެންމެ ގާތްކޮށް އުޅުއްވި، އެންމެ އެހީތެރިވީ މީހުން ކަމަށް.

ގާސިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ފުލުހުން އަރައި ފާސްކުރަން ފަށައިފި4:56

އެމްޑީޕީ ގައުމީ މަޖިލިސް/ ގަމުދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލް: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ގާނޫނު އަސާސީއާ ޚިލާފަށް.4:52

އެމްޑީޕީ ގައުމީ މަޖިލިސް/ އަބްދުﷲ ޝާހިދު: ރާއްޖޭގެ ގާނޫނު އަސާސީއަކީ ރައީސް ޔާމީން މޮޑެންއޮތް ފުށްގަނޑެއްނޫން.4:50

ޕެރަޑައިސް އައިލެންޑް ރިސޯޓަށް ފުލުހުން އަރައިފި. 4:36

4:14 އައިޓީބީ ފެއާއަށް ޖަރުމަނަށްދާ ދިވެހީންނަށް ވިސާދޫކުރަން ހަމަޖެއްސުމަށްފަހު އެކަން ކެންސަލްކޮށްފި

4:12 ސަމީރު: ފުލުހުންގެ އެ އަމަލުގެ ސަބަބުން ގާސިމްގެ އަޒުމަކަށް ބަދަލެއް ނާންނާނެ

4:09 ރައީސް ޔާމީނަށް ކުރިންއޮތް މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނަށް މިހަރުނެތް. ނޯކޮންފިޑެންސް ވޯޓެއްނެގިޔަސް ބަލިވާނެ ކަމަށް ސަމީރު ވިދާޅުވި.

4:03:ވިލާބިލްޑިންގަަށް ފުލުހުން ވަދެއްޖެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޖުމްހޫރީޕާޓީގެ ސެކްރެޓަރީޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ. އެތަން ބަލައި ފާސްކުރިޔަސް އެއްވެސް އެއްޗެއް ނުފެންނާނެ. މީގެ ކުރިންވެސް ފާސްކުރި އެކަމަކު ފެނިފައެއްނެތް.

2:15 ރައީސް: އަޅުގަނޑުގެ މައްސަލަ ބަލަމްޖެހުނަސް އެފުސަތު ދޭނަން. ފަނޑިޔާރެއްގެ މައްސަލަ ބެލުމުގެ ފުރުސަތުވެސް އޮންނަންވާނެ.

2:15 ރައީސް: މިހާރު ދިމާވެގެން އުޅޭ މައްސަލައިގެ ހަގީގާތް އެނގިގެންދާނެ. ފުލުހުން އެކަން ހާމަކުރާނެ

2:12 ރައީސް: އެއްވެސް އަސާސީ ހައްގެއް އުނިފައި ނުވާނެ

2:11 ރައީސް: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހުނީ ސްޕްރީމް ކޯޓުގެ ފަނޑުޔާރަކު ޖަވާދާރީ ކުރުވަން

11:58 ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ބަދަލު ގެންނަވައި. އެގެންނެވި ބަދަލަކީ ހިފެހެއްޓޭ ނުވަތަ ހަނިކުރެވޭ މާއްދާތަކަށް ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ހ، ނ އަދި ރ އިތުރު ކުރުން. އޭގައި ހިމެނެނީ ހައްޔަރުކުރާ މީހުންނާއި، ބަންދުކުރާ މީހުންގެ ހައްގުތައް ހިމެނޭ މާއްދާ. މިދަލު ގެންނަވާފައި ސަރުކާރުގެ ގެޒެޓުގައި މިއަދުވަނީ ޝާއިއު ކުރައްވައިފައި.

4:24 ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ފަނޑިޔާރު އަލީ ހަމީދު މުހައްމަދު.

4:04 ފަނޑިޔާރުންނާއެކު ބައިވަރު ތަކެތިވެސް ލޯންޗުގައި ގެންދިޔަ ކަމަށް މައުލޫމާތު ލިބޭ.

3:59 ސްޕްރީމްކޯޓުގެ ދެ ފަނޑިޔާރަކު  ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗެއްގައި ދޫނިދުއަށް ގެންގޮސްފި.

2:48 އަހުމަދު މަހުލޫފް: ޖަލަށްލިޔަސް އަނދަގޮނޑި ޖެހިޔަސް މަރާލިޔަސް އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބުކުރާނަން.

2:33 އަމިތު: މުޅި އިންޓަރނޭޝަނަލް ކޮމިޔުނިޓީ އޮތީ އަޅުގަނޑުމެންގެ އިއްތިހާދާއެކު.

2:32 އިދިކޮޅު ޕްރެސް ކޮންފަރެންސް/ މަޑުއްވަރީ ދާއިރާގެ މެންބަރު އަމިތު: ސްޕްރީމް ކޯޓުން އިންސާފުވެރި ހުކުމެއް ކުރެއްވީމައި، އާޒިމާ ޝަކޫރާއި، އަނިލް އެ ތިއްބެވީ އެ ހުކުމުގެ ދަށުވެފައި.

11:53: ރައީސް މައުމޫނު ހައްހަރު ކުރުމަށް އެސްއޯ ފުލުހުން އެންދެރިމާގޭގައި ހަރަކާތްތެރިވާން ފަށައިފި

11:55: ރައީސް މައުމޫނާއެކު އެމަނިފާނުގެ ދަނބި ދަރިކަލުން ނަދީމްވެސް ހައްޔަރު ކުރަންވަނީ ނިންމައިފައި

11:56: ރައީސް މައުމޫނާއި ނަދީމް ހައްޔަރުކޮށްގެން ގެންދަން ހަމަޖެހިފައިވަނީ ދޫނިދޫ ޖަލަށް

00:12 ރައީސް މައުމޫން ހައްޔަރު ކުރުމުގެ ކުރިން ރައްޔިތުންނަށް ދެއްވި މެސެޖު: "ދިވެހި ލޮބުވެތި ރައްޔިތުންނަށް ވެދުމާ ސަލާމް. އަޅުގަނޑު މިހާރު މިދަނީ ޕޮލިސް ބަލައިއައިމާ އެމީހުނާއެކީގައި، އަޅުގަނޑު ހައްޔަރުކޮށްގެން މިގެންދަނީ ކޮންތުހުމަތެއްގައި ކަމެއް އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑު ހައްޔަރުކުރާކަހަލަ ކަމެއް ކޮށްފައެއް ނޯންނާނެ. ތިޔަ ހުރިހާބޭފުޅުންނަށް އެކަމުގެ ޔަގީންކަން އަރުވަން. މިއީ ގާނޫނާ ޚިލާފަށް އަޅުގަނޑު ހައްޔަރުކުރާ ހައްޔަރުކުރުމެއް. އެހެންނަމަވެސް އަޅުގަނޑު މިހުރީ ސާބިތުކަމާއެކީގައި ހިތްވަރާއެކީގައި. ތިޔަހުރިހާ ބޭފުޅުންވެސް ސާބިތުކަމާއެކީ ހިތްވަރާއެކު ތިއްބެވުން އެދެން. އަޅުގަނޑު މިކުރާ އިސްލާހީ މަސައްކަތް ދުލެއް ނުކުރާނަން. ކުރިއަށްގެންގޮސް އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނަން. ދިވެހިރައްޔިތުންނަށް ހުރިހާ ކާމިޔާބީއަކާއި ހުރިހާ ކުރިއަރުމަކަށް އަޅުގަނޑު އެދެން. ތިޔަ ހުރިހާ ބޭފުޅުންވެސް ވަރަށް ހިތްވަރާއެކު ތިއްބަވާ އަދި މިކަންތައްތައް ރަނގަޅުމަގުން ދިޔުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް ދުޢާ ކުރުންމަތީ ދެމިތިއްބަވާ"

00:15 ރައީސް މައުމޫނުގެ މައްޗަށްކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމުގެ ތުހުމަތު.

00:21: ރައީސް މައުމޫން ހައްޔަރުކޮށްފި. އެކަމަކު އަދިހުންނެވީ ގެކޮޅުގައި.

00:22 އިދިކޮޅު މެންބަރުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވާން ފަށައިފި.

00:27 މައުމޫނާއި، ނަދީމް ހައްޔަރުކުރަނީ ކުއްލި ނުރައްކަލިގެ ހާލާތު އިއުލާން ކުރައްވައިފައިވަނިކޮށް. މިހާރުވެސް ފުލުހުން ގެންދަވަނީ މައުމޫނާއި، ނަދީމް ދިރިއުޅުއްވާ އެޕާޓްމެންޓް ބަލައި ފާސްކުރަމުން.

00:30 މައުމޫން ހައްޔަރުކުރަނީ ސަރުކާރު ވައްޓާލަން އުޅުމާއި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައިކަމަށް ވަކީލުން ވިދާޅުވޭ.

00:33 އިދިކޮޅު މެންބަރުންގެ ޕްރެސްކޮންފަރެންސް ފަށައިފި

00:36 މިހާރު ވާހަކަ ދައްކަވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސާލިހު (އިބޫ)

00:37 އިބްރާހީމް މުހައްމަދު ސާލިހު: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންވީ ސަބަބެއްނެތް. އޮތްހާވެސް ކަމަކީ ސްޕްރީމް ކޯޓުގެ އަމުރު. ސަރުކާރުން އުޅެނީ އެ އަމުރު ތަންފީޒު ނުކުރަން

00:38 އިބޫ: ރައީސް މައުމޫން ހައްޔަރުކުރި ކުރިން އިބޫ ކުށްވެރި ކުރެއްވި. އެއީ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ކުރިކަމެއް ކަމަށް ވިދާޅުވި

00:41 ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު: ސްޕްރީމް ކޯޓުގެ މަސައްކަތް ހުއްޓުވާލައިފައިވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ރައީސް މައުމޫން ހައްޔަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.

00:43 އަބްދުﷲ ރިޔާޒު: ގާނޫނުގެ އިމުގެ ތެރޭގައި ކަންކަން ކުރެއްވުމަށް ސިފައިންނާއި ފުލުހުންނަށް ގޮވާލަން.

00:44 އަބްދުﷲ ރިޔާޒު: ސްޕްރީމްކޯޓުގެ އަމުރާއެއްގޮތަށް ފާރިސް މައުމޫނާއި، ސިޔާސީ އެހެން ބޭފުޅުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން.

00:45 އަނާރާ ނައީމް: ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ގަރާރަކީ ބަކައިގަނެވޭނެ އެއްޗެއްނޫން

އަނާރާ: އެގަރާރަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ކުރެއްވި ކަމެއް. އެފަދަ ބާތިލް ގަރާރެއް މިގޮތަށް ބޭއްވުމަކީ ގައުމަށް ގެއްލުންވާނެ 00:47 ކަމެއް.

00:47 ރައީސް މައުމޫން ވަގުތުން ދޫކޮށްލުމަށް އަނާރާ ގޮވައިކެއްވި

00:53 ލޯޔަރު ވައްޑެއް: ސްޕްރީމް ކޯޓާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓޭ ގޮތަށް ނެރެފައިވާ ކުއްލި ހާލަތުގެ ގަރާރު ބަލައި ނުގަނެވޭނެ. އެއީ ގާނޫނޫ އަސާސީއާ އެއްގޮތަށް ނެރެފައިވާ ގަރާރެއް ކަމަށް ނުދެކެން.

00:56 ސްޕްރީމްކޯޓަށް ވަދެ ފުލުހުންނާއި ސިފައިން ގެންދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުން ކަމަށް މައުލޫމާތު ލިބޭ. އެހެންނަމަވެސް އެއްވެސް ފަނޑިޔާރަކު ހައްޔަރު ކޮށްފައެއްނުވޭ.

00:57 ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަނބިދަރިކަލުން ނަދީ ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފި ކަމަށް ޚަބަރު ލިބިއްޖެ.

އެންދެރިމާގެއިން ނަދީމު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވައިފި.1:20

1:29 ރައީސް މައުމޫން ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވައިފި. އެމަނިކުފާނާއި، ނަދީމްވެސް ގެންދަވާނީ ދޫނިދުއަށް ކަމަށް ވަކީލުންވަނީ ވިދާޅުވެފައި.

1:31 ރައީސް މައުމޫން ދޫނިދުއަށް ގެންދިޔުމަށް ލޯންޗުވެސްއޮތީ ތައްޔާރަށް

 

......

މިއަދުން ފެށިގެން ރާއްޖޭގައި 15 ދުވަސްވަންދެން ކުއްލި ހާލަތު ދާދި ދެންމެއަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިކަމުގެ ގަރާރު ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އިއުލާން ކޮށްދެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރ އާއިޝަތު ޢާޒިމާ ޝަކޫރެވެ.

އެ ގަރާރުގައި ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވިޔަސް ދިވެހި އާންމު ރައްޔިތުންގެ އެއްވެސް ހައްގަކަށް އުނިކަމެއް ނުލިބޭނެ ކަމަށެވެ. އަދި ދިވެހިރައްޔިތުންނާއި ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ބިދޭސީންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އެންމެހާ ފަތުރުވެރިންނާއި އަދި ދިވެހިރާއްޖޭގައިކުރާ ވިޔަފާރިތަކަށް އެފަރާތްތަކުން ކުރަމުންދާ މުއާމަލާތްތަކަށް އެއްވެސް ހުރަހެއްނެތް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"މިގަރާރުގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ކަމުގައިވީނަމަވެސް މިހާލަތާ ގުޅިގެން މިހިނދަށް އަޅަންޖެހޭ ފިޔަވަޅުތައް ފިޔަވައި އާންމު ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ހުރަހެއްނެތްކަމާއި، ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނާއި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދޭނެކަމާއި، އެފަރާތްތަކުގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ހުރަހެއްނެތްކަމަށްވެސް ކަނޑައަޅަމެވެ.،" އެގަރާރުގައި ވިދާޅުވެފައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހު ގާނޫނު އަސާސީގެ ބައެއް މާއްދާތައްވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކުރައްވައިގައެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީގެ 29 ވަނަ މާއްދާވެސް ހިމެނެއެވެ. އެއީ މައުލޫމާތު ހޯދައި މައުލޫމާތު ދިނުމުގެ މިނިވަންކަމުގެ ހައްގުލިބިދޭ މާއްދާއެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނޫގެ 12 ވަނަ މާއްދާއި، 14 ވަނަ މާއްދާވެސް ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކުރައްވައިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފައިވަނީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި، މިހާރުދިމާވެގެންއުޅޭ މައްސަލައާ ގުޅިގެން ގާނޫނާ ޚިލާފު އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ތިބިތަނެއް ހިމެނޭ ސަރަހައްދު ތަކަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ ކަމަށް ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނެފައިވަނީ "ގުދުރަތީ ކާރިސާއެއް ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ހަނގުރާމައެއް ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއް ކުރިމަތި ވެއްޖެނަމަ ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެނަމަ،" އެވެ. އެފަދަ ހާލަތެއްގައި ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިދާނެ ކަމަށްވަނީ ބަޔާން ކުރައްވައިފައެވެ.

ތަފްސީލް އަންނަނީ...

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.