ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ސްޕެއިން 2-1 އިން ބަލިކޮށް ޖަޕާން ދެ ވަނަ ބުރުން ފުރުސަތު ހޯދިިއިރު، ކޮސްޓަ ރިކާ އަތުން 4-2 އިން މޮޅުވި ނަމަވެސް ޖަރުމަނު މުބާރާތުން ކަޓައިފި އެވެ.
ރޭގެ ނަތީޖާއާއި އެކު ގްރޫޕް އީގެ އެއް ވަނަ އަށް ޖަޕާން ދިޔައީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ސްޕެއިނާއި ތިން ވަނަ ހޯދި ޖަރުމަނަށް ވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، ސްޕެއިންއަށް ދެވަނަ ބުރުން ފުރުސަތު ލިބުނީ ފައިދާ ގޯލުންނެވެ.
ސްޕެއިންއިން ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރައި ޖަޕާން މޮޅުވި މެޗުގައި ސްޕެއިން އިން ލީޑު ނެގީ ފުރަތަމަ ހާފުގެ 11 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ސްޕެއިން އިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ޖަޕާނުން ދެ ވަނަ ހާފުގައި ނަތީޖާ އަނބުރާލީ ގާތްގާތުގައި ދެ ލަނޑު ޖަހައިގެންނެވެ. އެގޮތުން މެޗުގެ 48 ވަނަ މިނިޓްގައި ޖަޕާނަށް ނަތީޖާ އެއްވަރުކޮށްދިނީ ރިޓްސޫ ޑޯއާން ޖެހި ލަނޑުންނެވެ. ޖަޕާނުން މެޗުގެ ލީޑު ނެގި ލަނޑު ޖަހައިދިނީ 51 ވަނަ މިނެޓުގައި، އާއޯ ޓަނަކާ ޖަހައިދިން ލަނޑުންނެވެ.
ކޮސްޓަރީކާ އަދި ޖަރުމަން ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ޖަރުމަނުންނެވެ. މެޗު ފެށިގެން ރަނގަޅަށް ކުޅުނު ޖަރުމަނުން ލީޑު ނެގީ މެޗުގެ 10 ވަނަ މިނިޓްގައި ސާޖް ގްނަބްރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑާއި އެކު މެޗުގެ ފުރަތަމަ ހާފު ޖަރުމަނުން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ނަމަވެސް ފަހު ހާފަށް ކުޅެން ނުކުމެ ކޮސްޓަ ރިކާ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، މެޗުގެ ލީޑު ނަގާފައެވެ. ކޮސްޓަ ރިކާ އިން ފުރަތަމަ ލަނޑު ޖެހީ 58 ވަނަ މިނިޓްގައި ޔެލްސިން ޓެޖޭޑާ އެވެ. ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖެހިއިރު، މިއީ ކީޕަރު ނޯޔާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑަށް ފަހު ޖަރުމަނުން ގެނައި ބަދަލުތަކާއި އެކު ތިން ލަނޑު ޖަހައި ލީޑު ފުޅާކުރިއިރު، މި ލަނޑުތައް ޖަހައިދިނި ބަދަލުގައި އެރި ކައި ހަވާޓްޒް އާއި ނިކްލަސް ފުލްކްރޫގް އެވެ.
ޖަޕާން ގުރޫޕުގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދިޔައިރު، އެޓީމުން ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް އެފްއިން ދެ ވަނަ ޓީމުގެ ގޮތުގައި ދެވަބުރަށް ދިޔަ ކްރޮއެޝިއާއެވެ. އަދި ސްޕެއިން ބައްދަލުކުރަން ޖެހޭނީ އެ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔަ މޮރޮކޯއާއެވެ.