ވޯލްޑް ކަޕް 2022: އާޖެންޓީނާއާއި ޕޮލަންޑު ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ސީ އިން އާޖެންޓީނާ އާއި ޕޮލެންޑު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގުރޫޕް ސީގެ ފަހު މެޗުތަކުގެ ކުޅުން ރޭ ނިމިފައިވާއިރު، ގުރޫޕުގެ ފަހު މެޗުގައި އާޖެންޓީނާއިން ވަނީ 0-2 އިން ޕޮލަންޑް ބަލިކޮށްފައެވެ. އަދި މެކްސިކޯއިން ވަނީ 1-2 އިން ސައުދީ އަރަބިއާ ބަލިކޮށްފައެވެ.

ރޭގެ ނަތިޖާތަކާއި އެކު، މުބާރާތުގެ ދެވަނަ ބުރުގެ ޖާގަތައް އަޖެންތީނާއާއި ޕޮލަންޑުން ޔަގީން ކުރިއިރު، އާޖެންޓީނާ ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށް 6 ޕޮއިންޓު ހޯދައިގެން ގުރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޕޮލަންޑް ދެވަނަ ބުރަށް ދިޔައީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ސައުދީ ބަލިކުރި މެކްސިކޯއަށް ވެސް ޕޮލަންޑާއި އެއްވަރަށް ޕޮއިންޓު ލިބިފައިވާއިރު، ޕޮލެންޑު ދެވަނަ ބުރަށް ދިޔައީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ.

އާޖެންޓީނާ އާއި ޕޮލެންޑު ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ވެސް ލިބުނުއިރު، ލިއޮނެލް މެސީ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އާޖެންޓީނާއިން އުފައްދާފައިވާއިރު، އެޓީމުން ލީޑު ނެގީ މެޗުގެ 46 ވަނަ މިނެޓުގައި އަލެކްސިސް މެކް ލިސްޓަރ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި އާޖެންޓީނާއަށް މި މެޗުގައި ލީޑު ފުޅާކޮށްދިން ލަނޑު 67 ވަނަ މިނެޓުގައި ޖަހައިދިނީ ހޫލިއަން އަލްވަރޭޒްއެވެ.

މި ގްރޫޕްގައި މެކްސިކޯ އާއި ސައުދީ ބައްދަލުކުރި މެޗުގެ ދެވަނަ ހާފު ފެށިގެން މެޗުގެ 47 ވަނަ މިނެޓުގައި މެކްސިކޯއިން މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ޖަހައިދިނީ ންރީ މާޓިންއެވެ. އޭގެ ފަހުން 52 ވަނަ މިނެޓުގައި ލުއިސް ޝާވޭޒް ވަނީ އިތުރު ލަނޑެއްޖަހާ މެކްސިކޯއަށް ލީޑު ފުޅާކޮށްދީފައެވެ. ސައުދީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ސާލިމް އަލްދައުސާރީއެވެ.

ޕޮލަންޑު އަދި އާޖެންޓީނާ ދެވަނަ ބުރަށް ދިޔައިރު، ދެވަނަ ބުރުގައި އާޖެންޓީނާ ނުކުންނާނީ އޮސްޓްރޭލިއާ ދެކޮޅަށެވެ. އަދި ޕޮލަންޑް ނުކުންނާނީ ފްރާންސްއާ ދެކޮޅަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.