އިލްހާމާއި ސިނާން މިނިވަން ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން ކޯޓުން އެދެބޭފުޅުންވެސް މިނިވަން ކުރައްވައިފިއެވެ.

އެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އިއްޔެ މާލެ ވަޑައިގެންނެވުމުންނެވެ. އެދެބޭފުޅުންވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެދެބޭފުޅުން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދިއްގަރުދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލު ކުރެއްވުމަށެވެ.

ބަންދުން ދޫކުރެއްވުމުން ކޯޓުން ބޭރަށް ނުކުމެ އިލްހާމް ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއްކަމަށެވެ. ސްޕްރީމްކޯޓުގެ އަމުރުގެ ސަބަބުން ދަށުކޯޓުތަކަށްވެސް އިސްލާހީ ބަދަލްތަކެއް އައިސްފައިވާ ކަމުގެ އިހުސާސް މިއަދު ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

އެ ދެބޭފުޅުންނަކީވެސް މަޖީލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަނޑައަޅުއްވައިފައިވާ ދެބޭފުޅުންނެވެ. ސުޕްރީމް ކޯޓުގެ އަމުރަކުން މިހާރުވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ. އެ ދެ ބޭފުޅުން ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުވެސްވަނީ ބާތިލްކޮށްފަ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.