ވޯލްޑް ކަޕް 2022: އެމެރިކާ އާއި އިންގްލެންޑުން ފަހު މެޗުތަކުން މޮޅުވެ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ގުރޫޕު ބީގެ ފަހު މެޗުތަކުގެ ކުޅުން ނިމުނުއިރު، ގްރޫޕުގެ އެއް ވަނަ ހޯދައި އިންގްލެންޑުން ދެ ވަނަ ބުރަށް ދަތުރު ކުރިއިރު، ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އެމެރިކާ އިން ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންގްލެންޑުން ވޭސްލް ބަލުކުރީ 3-0 އިންނެވެ. އެމެރިކާ އިން ފަހު މެޗުގައި އިރާން ބަލިކުރީ 1-0 އިންނެވެ.

މި ނަތީޖާތަކާ އެކު ދެ ވަނަ ބުރުގައި އެމެރިކާ ނުކުންނާނީ ގްރޫޕް އެކެއްގެ އެއް ވަނަ ހޯދި ނެދަލެންޑްސްއާ ދެކޮޅަށެވެ. އިންގްލެންޑު ދެ ވަނަ ބުރުގައި ނުކުންނާނީ ގްރޫޕް އޭ އިން ދެ ވަނަ ހޯދި ސެނެގާލްއާ ދެކޮޅަށެވެ. ދެ މެޗު ވެސް ކުޅޭނީ އަންނަ މަހުގެ 3 ވާ ހޮނިހިރު ދުވަހުގަ އެވެ.

ވޭލްސް އަތުން އިންގްލެންޑުން ކުރި ހޯދި މެޗުގައި އެޓީމުގެ ތިން ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އިންގްލެންޑުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑު ޖެހި ފުރަތަމަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ޖެހި ލަނޑެކެވެ. އިންގެލެންޑުން ފުރަތަމަ ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިދިނީ ފިލް ފޮޑެން އެވެ. އިންގްލެންޑުގެ ފަހު ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ރަޝްފޯޑު ޖަހައިދިނީ ކެލްވިން ފިލިޕްސް ގެ އެހީތެރިކަމާއި އެކުގައެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އެމެރިކާ އިން އީރާންގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދިއިރު، އެމެރިކާގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. މިރޭ އަށެއް ޖަހާއިރު ކުޅޭނީ ގްރޫޕް ސީގެ ފަހު ދެ މެޗެވެ. މިގޮތުން ފްރާންސް ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. ޑެންމާކް ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. މިރޭ ދަންވަރު ބާރަ ޖަހާއިރު ކުޅޭނީ ގްރޫޕް ޑީގެ ފަހު ދެ މެޗެވެ. އާޖެންޓީނާ އިން ޕޮލަންޑާއި ދެކޮޅަށް ނުކުންނައިރު މެކްސިކޯ އިން ނުކުންނާނީ ސައުދީ އަރަބިއްޔާ އާ ދެކޮޅަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.