ގަތަރުގައި މިހާރު ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތުގައި އުރުގުއޭ ބަލިކޮށް މުބާރަތުގެ ދެވަނަ ބުރުގެ ޖާގައެއް ޕޯޗުގަލްއިން ކަށަވަރުކޮށްފިއެވެ.
ލުސާއިލް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ޕޮޗުގަލް އިން ކާމިޔާބު ކުރީ 0-2 އިންނެވެ.
މި މެޗުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ އުރުގުއޭގެ ފަރަތުންނެވެ. އޮލިވިއޭރާގެ ހަމަލާ ގޯލާއި އަމާޒު ނުވިއިރު، ޕޯޗުގަލް ގެ ވިލިއަމް ކަވާލިއޯ ފޮނުވާލި ހަމަލާވެސް ކާމިޔާބެއް ނުވިއެވެ. ޕޯޗުގަލްފެ 10 ހަމަލާއެއް މި ހާފުގައި ފެނިގެން ދިޔައިރު، އުރުގުއޭއިން ވެސް ވަނީ ފަސް ހަމަލާއެއް އުފައްދާ ފައެވެ. ނަމަވެސް ދެ ޓީމަސް ވެސް މީގެން ގޯލާއި އަމާޒުވެފައިވަނީ މަދު ހަމަލާއެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. މެޗުގެ ފަހު ހާފަށް ނުކުމެވެސް ރަނގަޅަށް ކުޅެ އުރުގުއޭގެ ހާފުތެރޭގައި ކުޅެމުން އައީ ޕޯޗުގަލް އިންނެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޕޯޗުގަލް އިން ލަނޑު ޖަހާ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. އޭނާ މި ލަނޑު ޖެހީ އުރުގުއޭގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ޕޯޗުގަލް ދެ ވަނަ ލަނޑުވެސް ބުރޫނޯ ކާމިޔާބު ކޮށްދިންއިރު، މިއީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މެޗުން މޮޅުވެ ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރިއިރު އެޓީމު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއްވަނާގައެވެ. ގުރުޕުގެ ދެވަނާގައި އޮތް ގާނާއަށް ލިބެނީ ތިން ޕޮއިންޓެވެ. ތިން ވަނާގައި އޮތް ސައުތު ކޮރެއާ އާއި ހަތަރުވަނާގައި އޮތް އުރުގުއޭއަށް ލިބެނީ އެއް ޕޮއިންޓެވެ. ސައުތު ކޮރެއާ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.
ޕޯޗުގަލްއަކީ މުބާރާތުގެ ދެވަނަ ބުރު ޔަގީންކުރި ތިންވަނަ ޓީމެވެ. ޕޯޗުގަލް ގުރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ކޮރެއާއާއި ދެކޮޅަށެވެ.