ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްވިޒަލެންޑް ބަލިކޮށް، ބްރެޒިލް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ދެވަނަ ބުރުން ޖާގަ ހޯދި ދެވަނަ ޓީމުގެ ގޮތުގައި ބްރެޒިލް ވި އިރު، ފުރަތަމަ ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއެވެ.
ސްޓޭޑިއަމް 974 ގައި މި ރޭ ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް މޮލުވީ 0-1 އިންނެވެ.
މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅެފައިވަނީ ބްރެޒިލް އިންނެވެ. އެގޮތުން އެޓީމުން ދިޔައީ ހަމަލާތައް އުފައްދަން މަސައްކަތް ވެސް ކުރަމުންނެވެ. ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާވެސް ލިއެވެ. ނަމަވެސް މި ހަމަލާތައް ލަނޑަކަށް ބަދަލުކޮށް ނުލެވުނެވެ.
ފުރަތަމަ ހާފު އެއްވަރެއްގައި އޮވެ ނިމުނު ނަމަވެސް ފަހު ހާފުގެ 83 ވަނަ މިނެޓުގައި ބްރެޒިލް އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އޭރިއާތެރެއިން ބްރެޒިލްގެ ރޮޑްރީގޯ ޖައްސާލި ބޯޅަ ކަސެމީރޯ ވަނީ އެއް ފަހަރުން ގޯލުގެ މަތީ ކަަނަށް ފޮނުވާލާފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ސްވިޒަލެންޑްގެ ޑިފެންޑަރު، މެނުއަލް އަކަންޖީގެ ގައިގައި ވެސް ޖެހިފަ އެވެ.
ބްރެޒިލްގެ ލަނޑަށް ފަހު ސްވިޒަލެންޑުން ވެސް މި މެޗުގައި ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.