ވޯލްޑް ކަޕް 2022: ކޮރެއާ ބަލިކޮށް ގާނާއިން އުންމީދު އާކޮށްފި

ފީފާ ވޯލްޑް ކަޕުގައި މިރޭ ކޮރެއާ ރިޕަބްލިކާއި ދެކޮޅަށް ކުޅުނު މެޗު ގާނާއިން ކާމިޔާބު ކޮށްފިއެވެ.

ކޮރެއާގެ މައްޗަށް ގާނާއިން ކުރި ހޯދީ 3-2 ގެ ނަތިޖާއިންނެވެ.

މި މޮޅާއި އެކު ގާނާއިން ވަނީ ތިން ޕޮއިންޓާއި އެކު ގުރޫޕު އެޗްގެ ދެ ވަނައަށް ޖެހިލާފައެވެ. އެއް ވަނައިގައި އޮތީ ޕޯޗުގަލް އެވެ. ދެ ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ޕޯޗުގަލް އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ.

މެޗުގެ ފުރަތަމަ ހާފު ރަނގަޅަށް ފެށީ ދެކުނު ކޮރެއާ އިންނެވެ. މި ގޮތުން ފުލުފުލުގައި ހަމަލާތައް އުފައްދި ނަމަވެސް މީގެން އެއްވެސް ހަމަލާއެއް ގޯލާއި އަމާޒުނުވިއެވެ.

ގާނާ އިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑު ގާނާއަށް ޖަހައިދިނި މުހައްމަދު ސަލީސޫއެވެ. ގާނާ އިން ދެ ވަނަ ލަނޑު 34 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ކުޑޫސް އެވެ.

ގާނާގެ ދެ ގޯލަށް ފަހު ކޮރެއާ އިން ދެ ހަމަލާއެއް ފޮނުވާލި އެވެ. ޖުން ވޫ ޔަންގް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު، ސަން ހުއެން މިން ފޮނުވާލި ހަމަލާ ޑިފެންޑަރުންވަނީ ބްލޮކް ކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން ދެކުނު ކޮޮރެއާ އިން ނަތީޖާ ހަމަހަމަ ކުރީ ތިން މިނެޓުގެ ތެރޭ ދެ ލަނޑު ޖަހައިގެންނެވެ.. ކޮރެއާއަށް ދެ ލަނޑު ވެސް ޖަހައިދިނީ ޗޯ ގޫ ސުން އެވެ. ފުރަތަމަ ލަނޑު ޖެހީ ލީ ކަން އިން ނަގައިދިން ހުރަހުން ޗޯ ޖަހައިންއިރު، ދެ ވަނަ ގޯލު އޭނާ ޖެހީ ކިމް ޖިން ސޫ ނަގައިދިން ހުރަހަކުންނެވެ.

ދެކުނު ކޮރެއާ އިން ދެ ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، ގާނާ އިން އިތުރު ލަނޑެއް ޖަަހައި އަނެއްކާވެސް މެޗުގެ ލީޑު ނެގި އެވެ. މި ގޯލުވެސް ޖަހައިދިނީ ދެ ވަނަ ގޯލު ޖަހައިދިން ކުޑޫސް އެވެ.

ގާނާ ފަހު މެޗުގައި ނުކުންނާނީ އުރުގުއޭ އާ ދެކޮޅަށެވެ. ކޮރެއާ ފަހު މެޗުގައި ނުކުންނާނީ ޕޯޗުގަލް އާ ދެކޮޅަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.