ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ސާބިއާ އަދި ކެމަރޫން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
މި ދެ ޓީމު ބައްދަލުކުރި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ ސާބިއާ އިންނެވެ. މިގޮތުން ފޯވާޑް އެލެގްޒަންޑާ މިޓްރޮވިޗަށް ހުސް ދެ ފުރުސަތެއް ލިބުނެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ހުސްކޮށް އޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑީ ކައިރިން ބޭރަށެވެ.
ސާބިއާ އިން ރަނގަޅަށް ކުޅުނު ނަމަވެސް ލިބުނު ކޯނަރަކުން ކެމަރޫނުން ފުރަތަމަ ގޯލް ޖަހައި ލީޑު ނެގި އެވެ. ކެމަރޫންގެ މި ގޯލު ޖަހައިދިނީ ޑިފެންޑަރު ޗާލްސް ކަސްޓެލެޓޯ އެވެ.
ކެމަރޫންގެ ގޯލަށް ފަހު ސާބިއާ އިން ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގެ ނަތީޖާއަކަށް ވީ ފުރަތަމާ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ފުލުފުލު ދެ ގޯލު ޖަހައި ސާބިއާ އިން ފަހަތުން އަރާ މެޗުގެ ލީޑު ނެގުމެވެ. ސާބިއާގެ ފުރަތަމަ ލަނޑު ސްޓަރަހިންޖާ ޕަވްލޮވިޗް ޖަހައިދިން އިރު، ދެވަނަ ލަނޑު ޖަހައިދިނީ ސާޖޭ މިލިންކޮވިޗް ސަވިޗެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ސާބިއާ އިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރި އެވެ. މި ލަނޑު ޖަހައިދިނީ މިޓްރޮވިޗް އެވެ.
ސާބިއާގެ ތިންވަނަ ލަނޑަށް ފަހު ކެމަރޫން އިން ގެނައި ބަދަލުތަކާއި އެކު ކުޅުމަށް ބަދަލުތަކެއް އައެވެ. އެގޮތުން ފަހު ހާފަށް ކުޅެން ނިކުތް އަބޫބަކާރު ވަނީ ކެމަރޫން އަށް ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ކެމަރޫންގެ ގޯލަށް ފަހު ސާބިއާ އަށް ނަތީޖާ ހަމަހަމަކުރުމަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް ބޭނުން ހިފޭގޮތެއް ނުވިއެވެ.
ގުރޫޕް ސްޓޭޖުގައި ކެމަރޫން ފަހު މެޗުގައި ނުކުންނާނީ ބްރެޒިލް އާ ދެކޮޅަށެވެ. އަދި ސާބިއާ ނުކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.