
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ އިން މި ބަޖެޓު ފާސްކޮށްފައިވަނީ 61 މެމްބަރުންގެ ވޯޓާއެކުގަ އެވެ. ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވޯޓުދެއްވި އެވެ.
ބަޖެޓު ފާސްކޮށްފައިމިވަނީ މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓަށް ހުށަހެޅި އަދަދާއިވެސް އެކުގަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ކޮމިޓީން ވަނީ ޕީއެސްއައިޕީ އަށް ހުށަހެޅުނު އިސްލާހުތަކާއެކު އިތުރު 160.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށް ފާސްކޮށްފަ އެވެ.
އެ އިސްލާހުތަކާއެކު މިއަދު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ޖުމުލަ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓަށް މަޖިލީހުގެ ތަޅުމުން ހުށަހެޅި އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެއެވެ.
ބަޖެޓަށް އިސްލާހު ހުށަހެޅި މެމްބަރުންގެ ތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ނައިފަރު ދާއިރާގެ މެމްބަރު އަދި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ހިމެނެއެވެ.