ވޯލްޑް ކަޕް 2022: މެސީ ތަފާތު ދައްކައި، އާޖެންޓީނާއަށް ދިރުން ގެނެސްދީފި

ފީފާ ވޯލްޑް ކަޕް ގުރޫޕް ސީގައި ރޭ މެކްސިކޯ ބަލިކޮށް އާޖެންޓީނާ އިން މުބާރާތުގެ ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު، މުޅި ހާފުގައިވެސް ރަނގަޅަށް ކުޅެފައިވަނީ މެކްސިކޯއިންނެވެ. ނަމަވެސް މެކްސިކޯއަށް އާޖެންޓީނާ ގޯލާއި އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި އާޖެންޓިނާއިން ވަނީ ކުޅުން ބޮޑުތަނުން ވަރުގަދަ ކޮށްފައެވެ. އެގޮތުން ހާފު ފަށައިގެން އާޖެންޓީނާ ޓީމު އައީ ކުރިއަށް ޖައްސައިގެން ކުޅެ ކައުންޓާ އެޓޭކް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މެކްސިކޯގެ ހާފުތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އާޖެންޓީނާއިން ކުޅެމުން ދިޔައިރު، އެޓީމުން ވަނީ ހަމަލާތަކެއް ވެސް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އާޖެންޓީނާއިން ލަނޑު ޖަހާ ލީޑު ނެގިއެވެ. އެންހެލް ޑިމާރިއާ ދިން ޕާހަކުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކުރީ ކެޕްޓަން ލިއޮނެލް މެސީއެވެ.

މި ލަނޑުން ހިތްވަރު ލިބިގެން އާޖެންޓީނާ އިން ވަނީ މެކްސިކޯ ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށް އެކަން ކާމިޔާބު ވެސް ކޮށްފައެވެ. އެގޮތުން އާޖެންޓީނާގެ ދެވަނަ ލަނޑު ޖަހާ ލިޑު ފުޅާކުރިއެވެ. ދެވަނަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މެސީ ދިން ޕާހަކުން މި ލަނޑު ކާމިޔާބު ކޮށްދިނި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެންޒޯ ފެނާންޑޭޒްއެވެ.

މި މޮޅާއެކު އާޖެންޓީނާ އޮތީ ގުރޫޕް ތާވަލުގެ ދެވަނައިގައި ތިން ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ޕޮލެންޑް އޮތީ ސައުދީ އަރަބިއާ އަތުން ހޯދި މޮޅާއި އެކު ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.