
ޑިޕާޓްމަންޓް އޮފް ނޭޝެނަލް ރަޖިސްޓްރޭޝަން (ޑީ.އެން.އާރު) ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ އެ މަގާމަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރުމަހުގެ 1 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ ޑިސެމްބަރ 6 ވަނަ ދުވަހާއި 29 ވަނަ ދުވަހާއި ދެމެދު ކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވެ އެވެ.
ޑީ.އެން.އާރުގެ ޑިރެކްޓަރ ޖެނެރަލުގެ މަޤާމުގެ މުސާރައިގެ ގޮތުގައި ސަރވިސް އެލެވެންސާއި، ސަޕޯޓިންގ ކޯ އެލަވެންސް ހިމެނޭހެން 17،390 ރުފިޔާ ލިބޭނެ އެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި، ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބޭ ޕެންޝަން ކޮންޓްރިބިއުޝް އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ އެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާ ވާޖިބުތަކުގެ ތެރޭގައި ޑީ.އެން.އާރުގެ އެންމެހާ ކަންތައްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުމާއި، އެ ޑިޕާޓްމަންޓުގެ މެންޑޭޓާއި ގުޅިގެން ތައްޔާރުކުރުމަށް ބޭނުންވާ ސްޓްރެޓެޖިކް ޕްލޭން އެކުވަލާ އެކްޝަން ޕްލޭން ހެދުމަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ދިވެހި ރައްޔިތުންގެ ކަޑު ހެއްދުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ، މިދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ހުނަރުތައް ފާހަގަކޮށް ކަމާބެހޭ ވުޒާރާތަކާ ގުޅިގެން މިކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުންވެސް ހިމެނެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއި، މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.
މީގެ އިތުރުން މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއި، މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.