ގަތަރުގައި މިހާރު ފެށިގެން ކުރިޔަސް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕު އޭގައި ހިމެނޭ އިކުއެޑޯ އަދި ނެދަލެންޑް ކުޅުނު މެޗު އެއްވުވެގެން ނިމިއްޖެއެވެ.
އަލް ރައްޔާންގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 އިންނެވެ.
މުޅި މެޗަށް ބަލާއިރު ރަނގަޅަށް ކުޅެ ބޮޑަށް ނުރައްކާ ކޮށްފައިވަނީ އިކުއެޑޯއިންނެވެ. ނަމަވެސް ނެދަލެންޑްސް އިން ވަނީ މެޗުގެ ހަވަނަ މިނެތުގައި ލަނޑު ޖަހާ ލީޑު ނަގާފައެވެ. ނެދަލެންޑްސް ލީޑު ނެގީ ކޯޑީ ގަޕޯ ޖަހައިދިން ލަނޑުންނެވެ.
މި ލަނޑަށް ފަހު ވެސް އިކުއެޑޯއިން ގިނަ ވަގުތު ބޮޅަ ހިފަހައްޓައިގެން ނެދަލެންޑްސްގެ ހާފުތެރޭގައި ކުލުނުއިރު، އެޓީމުން ވަނީ ނުރައްކާތެރި ހަތަރު ހަމަލާއެއް ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް މީގެން އެއްވެސް ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާ ނުލެވުނެވެ.
އިކުއެޑޯއިން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް ހިންކަޕީ ގެ މި ލަނޑު ވަނީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނެދަލެންޑްސް ލީޑުގައި އޮވެ ނިމުނު ނަމަވެސް ފަހު ހާފު ފަށައިގެން އެންމެ ތިން މިނެތުގެ ތެރޭގައި އިކުއެޑޯއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެސްޓުޕިނާން ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ދިފާއުކުރުމުން ލިބުނު ރިބައުންސް ބޯޅަ މުޅިން ހުސްކޮށް އޮތް ގޯލަށް ފޮނުވާލީ އެނާ ވެލެންސިއާ އެވެ. މިއީ އޭނާ މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި 3 ވަނަ ލަނޑެވެ. މި ލަނޑަށް ފަހު ވެސް އެކުއެޑޯއިން މޮޅަށް ކުޅެމުން ދިޔައިރު، އެ ޓީމުގެ އެސްޓުޕިނާން ފޮނުވާލި ހަމަލާއެއް މަތީ ދަނޑިއަށް ވެސް އަމާޒުވިއެވެ.
މިރޭގެ މި ނަތީޖާއާއެކު ނެދަލެންޑްސް އާއި އިކުއެޑޯއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތީ ނެދަލެންޑްސްއެވެ. އަދި ދެވަނާގައި އޮތީ އިކުއެޑޯއެވެ. ތިން ވަނާގައި އޮތް ސެނެގާލް އަށް ލިބިފައިވަނީ ދެ މެޗުން ތިން ޕޮއިންޓެވެ. ފުލުގައި އޮތް ގަތަރު ވަނީ މުބާރާތުން ކަޓާފައެވެ.