ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސެނެގާލް އާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ގަތަރު ބަލިވެއްޖެއެވެ. މިއީ މި މުބާރާތުގައި ޖެހިޖެހިގެން ގަތަރު ބަލިވި ދެވަނަ މެޗެވެ.
ސެނެގާލް އާއި ދެކޮޅަށް ކުޅުނު މެޗުން ގަތަރު ބަލިވީ 1-3 ގެ ނަތީޖާއިންނެވެ.
ސެނެގާލުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗު ފެށިގެން ފުރަތަމަ ހަމަލާވެސް އުފެއްދީ ސެނެގާލުން ނެވެ. އެގޮތުން އިސްމާއީލާ ފޮނުވާލި ގަތަރުގެ ގޯލާއި އަމާޒުކޮށް ފޮނުވާލި މި ހަމަލާ ކާމިޔާބު ވާގޮތެއް ނުވިއެވެ. އަދި ސެނެގާލްގެ މެންޑީ ފޮނުވާލި ހަމަލާވެސް ގޯލާއި އަމާޒު ނުވިއެވެ. ސެނެގާލުން ޖުމުލަ ހަ ހަމަލާއެއް މި ހާފުގައި ގަތަރުގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައިވެއެވެ. ނަމަވެސް މީގެން އެއްވެސް ހަމަލާއެއް ކާމިޔާބު ނުވިއެވެ.
މިއަދުގެ މެޗުގައި ގަތަރު ކޮޅަށް ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ސެނެގާލަށް ލީޑުނަގައިދިނީ ބުލާއޭ ޑިޔާ އެވެ. މިއީ ގަތަރުގެ ޑިފެންޑަރު ބޫލެމް ކޫކީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއިން ޑިއާ ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ސެނެގާލުން ލީޑުުފުޅާކުރީ ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ފަމާރާ ދިއޭދޫ ބޮލުން ޖެހި ގޯލަކުންނެވެ. ސެނެގާލުގެ މި ލަނޑަށް ފަހު ގަތަރުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަން ކާމިޔާބުވީ މެޗުގެ 78 ވަނަ މިނިޓްގައި މުހައްމަދު މުންތާރީ ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރިތާ ދޮޅު މިނިޓް ތެރޭ މުންތާރީ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ސެނެގާލުން ވަނީ 84 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. ލިމަން އެންޑިއާޔޭ އޭރިއާތެރެއަށް ދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ބަމްބާ ޑިއެންގް އެވެ.
ގުރޫޕު ސްޓޭޖުގެ ފުރަތަމަ ކުޅުނު މެޗުން ސެނެގާލް ވަނީ ނެދަލެންޑްސް އަތުން 0-1 އިން ބަލިވެފަ އެވެ. އެކަމަކު، ގަތަރު އަތުން ހޯދި މޮޅާ އެކު ދެ ވަނަ ބުރަށް ދިއުމަށް ސެނެގާލަށް ވަނީ އުންމީދު އާވެފަ އެވެ. ނަމަވެސް ގަތަރު ވަނީ އެޓީމުން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. އެހެން ކަމުން އެތީމަށް ދެވަނަ ބުރުގެ ފުރުސަތު މިހާރު ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ.