ފީފާ ވޯލްޑް ކަޕް 2022 ގެ ގުރޫޕު ބީ ގެ ދެވަނަ މެޗުގައި ވޭލްސް އާއި ދެކޮޅަށް ކުޅުނު މެޗު އީރާން އިން ކާމިޔާބު ކޮށްފިއެވެ.
އަޙުމަދު ބިން އަލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗު އީރާނުން ކާމިޔާބު ކުރީ ވޭލްސް އާއި ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ.
މިއަދުގެ މި މެޗުގެ ފުރުހަމަ ވަގުތުގެ 90 މިނެޓުގެ ކުޅުން ހަމަވިއިރު ވެސް އެއްވެސް ޓީމަމަކަށް ލަނޑެއް ނުޖެހެއެވެ. މި މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ޖަހާފައިވަނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 11 މިނެޓުގެ ތެރޭގައެވެ.
މުޅި މެޗުގައިވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އީރާނަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މެޗުގެ 86 ވަނަ މިނެޓުގައި ވޭލްސްގެ ކީޕަރަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.
ވޭލްސްގެ ކީޕަރު ވޭން ހެނެސީއަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން އީރާނުގެ މެހްދީ ތަމޭރީއަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ހެނެސީއަށް ރަތް ކާޑު ދެއްކީ ރީންދޫ ކާޑެއް ދެއްކުމަށްފަހު ވީއޭއާރު ބަލާފައެވެ.
މިއާއެކު އީރާނުން ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ވޭލްސްގެ ޑިފެންސް ލައިނަށް ބާރު ބޮޑުކޮށް ފުލުފުލުގައި ހަމަލާތައް ފޮނުވާލާފައެވެ. އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި އީރާނަށް ލީޑު ނަގައިދިނީ ރޫޒްބޭހް ޗެޝްމީއެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި މި ލަނޑަކީ މިފަހަރުގެ މުބާރާތުގައި ޕެނަލްޓީ އޭރިއާގެ ބޭރުން ޖެހި ފުރަތަމަ ލަނޑެވެ. ކައުންޓަ އެޓޭކެއްގައި ލިބުނު ފުރުސަތަކުން އީރާނަށް ލީޑު ފުޅާކޮށްދިނީ ރަމިން ރެޒެއާންއެވެ.
މި ނަތީޖާއާއެކު އީރާނުން ވަނީ ތިން ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. އެއްވަނާގައި އޮތީ ފުރަތަމަ މެޗުން އީރާނު ބަލިކުރި އިންގްލޭންޑެވެ. މެޗުން ބަލިވި ވޭލްސްއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. ތާވަލުގެ ފުލުގައި ވޭލްސް އޮތީ އެމެރިކާއާއި ކުޅުނު މެޗު އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކުއެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ވޭލްސްއަށް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.
ބަލާނަން ތިހެން ވޭތޯ