ފީފާ ވޯލްޑް ކަޕް 2022 ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އެޗުގައި ހިމެނޭ ގާނާއާއި ޕޯޗުގަލް ބައްދަލުކުރި މެޗުން ޕޯޗުގަލް މޮޅުވެއްޖެއެވެ.
ރޭ 974 ސްޓޭޑިއަމުގައި ކުޅުނު މި މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރި 3-2 ގެ ނަތިޖާއިންނެވެ.
ގާނާ އަދި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ކުޅުން ފެށިގެން ކުރިޔަށް ދިޔައިރު، އެންމެ ރަނގަޅު ކުޅުމެއް ފެނިގެން ދިޔައީ ޕޯޗުގަލްގެ ފަރާތުންނެވެ. އެގޮތުން ރީތި ޕާސިންގް ގޭމެއް ކުޅެ ހަމަލާތައް އުފެއްދޭތޯ ޕޯޗުގަލް އިން މަސައްކަތް ކުރިއެވެ. ބްރޫނޯ ފެނާންޑޭސް ގޯލު އޭރިޔާ ކައިރި ހުސްކޮށް ހުރި ރޮނާލްޑޯއަށް ދޫކޮށްލި ތްރޫޕާސް ރޮނާލްޑޯ ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އެ ބޯޅައަށް ހުރަސް އެޅީ ގާނާގެ ކީޕަރު ލޯރެނެސް އަޓިޑިގީއެވެ. މީގެ އިތުރުން ގޯލު ކުރިމައްޗަށް ހުރަސް ވި ބޯޅައެއް ރޮނާލްޑޯ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ގޯލާއި އަމާޒުކުރެވޭ ގޮތެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެތީމުވެސް އޮތީ 0-0 އިން އެއްވަރުވެފައެވެ. ޕޯޗުގަލް އިން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕޯޗުގަލް އަށް ލީޑުނަގައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީ ގޯލާއި އެކު އޭނާ ވެފައިވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި ތަފާތު ފަސް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަަމަ ކުޅުންތެރިޔާ އަށެވެ.
ޕޯޗުގަލްގެ މި ލަނޑަށް ފަހު ގާނާ އިން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ 73 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭރިއާތެރެއިން، ގާނާގެ މުހައްމަދު ކުޑޫސް ހުރަސްކޮށްލި ބޯޅަ ޕޯޗުގަލްގެ ޑަނީލޯ ފެރޭރާ ފައިގައި ޖެހިފައި ގޯލު ކުރިމައްޗަށް އައި ވަގުތު އަޔޫ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ޕޯޗުގަލް އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިިދިނީ މެޗުގެ 78 ވަނަ މިނިޓްގައި ޔާއޯ ފެލިކްސް އެވެ. މިއީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން އޭރިއާތެރެއިން ފެލިކްސް ޖެހި ލަނޑެކެވެ. އޭގެ ދެ މިނިޓް ފަހުން، ކައުންޓަ އެޓޭކްގައި ޕޯޗުގަލްގެ ތިން ވަނަ ލަނޑު ޖެހީ ރަފައެލް ލެއާއޯ އެވެ. ގާނާ އިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ފަރަގު ކުޑަކުރީ މެޗުގެ 89 ވަނަ މިނިޓްގައި އޮސްމާން ބުކާރީ ޖެހި ލަނޑުންނެވެ.
ރޭގެ މެޗުން ހޯދި މޮޅާއި އެކު ޕޯޗުގަލް އަށް ގުރޫޕްގެ އެއްވަނަ ލިބެނީ ތިން ޕޮއިންޓާއި އެކުގައެވެ. މިގުރޫޕުގައި ދެން ހިމެނޭ ކޮރެއާ އަދި އުރުގުއޭ ބައްދަލުކުރި މެޗު އެއްވަރުވިއިރު، މީގެ ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެެވެ. ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ރޭ ޕޯޗުގަލް އަތުން ބަލިވި ގާނާއެވެ.