ޕަކަޓާން ހަރަޕަން (ޕީއެޗް) އިއްތިހާދުގެ ލީޑަރު އަންވަރު އިބްރާހީމް އެގައުމުގެ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފިއެވެ. މިއާއެކު އޭނާގެ 24 އަހަރުގެ ދިގު އިންތިޒާރަށް މިވަނީ ނިމުން އައިސްފައެވެ.
މެލޭޝިޔާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ވާގޮތުން ރަސްގެފާނު ސުލްޠާން ޢަބްދުﷲ އަޙްމަދު ޝާހު މި ނިންމެވުން ނިންމެވީ މެލޭޝިޔާގެ ފެޑެރޭޝަންގައި ހިމެނޭ 9 ސްޓޭޓް ރަސްރަސްކަލުން އެކުގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުވުމަކަށް ފަހުގައެވެ.
"މެލޭޝިޔާގެ ވެރިންގެ ޚިޔާލުފުޅުތަކާމެދު ވިސްނެވުމަށް ފަހު ރަސްގެފާނު ނިންމަވާފައި ވަނީ ދާތުކް ސެރީ އަންވަރު އިބްރާހީމް މެލޭޝިޔާގެ 10 ވަނަ ބޮޑުވަޒީރުގެ ގޮތުގައި އައްޔަން ކުރެއްވުމަށް." ޝާހީ ތަރުޖަމާނު ފަޟްލީ ޝަމްސުއްދީން ނެރުއްވި ބަޔާނުގައި ވެއެވެ.
މި ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު މެލޭޝިޔާގައި ބޭއްވި އާއްމު އިންތިޚާބުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބެއެވެ. 222 މެންބަރުން ހިމެނޭ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތަށް 112 ގޮނޑި ބޭނުންވާއިރު އެންމެ ގިނަ ގޮނޑި ހޯދި ޕީއެޗް އިއްތިހާދަށް ލިބިފައި ވަނީ 82 ގޮނޑިއެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ޕެރިކަޓާން ނާސިއޮނާލް (ޕީއެން) އިއްތިހާދެވެ. އެ އިއްތިހާދަށް ލިބިފައި ވަނީ 73 ގޮނޑިއެވެ.
"ހަންގް ޕާލަމެންޓަ"ކާއެކު ވެރިކަން ކުރެއްވުމަށް އަންވަރު އިބްރާހީމް ބޮޑުވަޒީރަކަށް އައްޔަންކުރައްވަން ރަސްގެފާނު ނިންމެވީ އެމަނިކުފާނު އެދިވަޑައިގަތް ފަދައިން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމުގައި އޭނާއަށް ތާއީދުކުރާނެކަމަށް ގިނަ ސިޔާސީ ޕާޓީތަކަކުން އެއްބަސްވުމުންނެވެ.
ޝާހީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި މިއަދު ހަވީރު 5 ޖަހާއިރު (ރާއްޖޭ ގަޑިން މެންދުރުފަހު 2 ޖަހާއިރު) އަންވަރު އިބްރާހީ ރަސްގެފާނުގެ ކުރިފުޅުމަތީގައި ބޮޑުވަޒީރުކަމުގެ ހުވައިކުރައްވާނެއެވެ.