ފީފާ ވޯލްޑް ކަޕް 2022 ގެ ކުޅުން ފެށިގެން ކުރިޔަށް ދާއިރު، މިއަދު އާޖެންޓީނާއާއި ސައުދީ އަރަބިއާ ބައްދަލުކުރާ މެޗަކީ މި މުބާރާތުގެ ފަސްވަނަ މެޗެވެ. އަދި ގުރޫޕް ސީގެ ފުރަތަމަ މެޗެވެ. މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އާޖެންތީނާ އާއި ސައުދޫ އަރަބިއާ ބައްދަލުކުރާއިރު، މިއީ މި ދެޓީމުގެ ފަސްވަނަ ބައްދަލުވުމެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މި ދެޓީމު ބައްދަލުކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ވާދަވެރި ތިން މެޗާއި އެކުވެރިކަމުގެ އެއް މެޗެވެ.
މި ދެޓީމު އެންމެ ފުރަތަމަ ވާދަކުރީ އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން 1988 ވަނަ އަހަރު ތަޢާރަފުކޮށް އަދި މިހާރު އުވާލާފައިވާ ބިސެންޓެނިއަލް ގޯލްޑް ކަޕުގައެވެ. ސައުދީ އަރަބިއާ އާއި އާޖެންޓީނާގެ ފުރަތަމަ ބައްދަލުވުމަކީ މި މުބާރާތުގައި ބައްދަލުވި ބައްދަލުބުމެވެ. މި މުބާރާތުގައި މި ދެޓިމު ދެފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. މީގެ ތެރެއިން އެއް މެޗު އެއްވަރުވިއިރު، އަނެއް މެޗު އާޖެންތީނާއިން ކާމިޔާބު ކުރިއެވެ. އޭގެ ފަހުން މި ދެޓީމު ބައްދަކުރީ 1992 ވަނަ އހަރު ކުޅެވުނު ފީފާ ކޮންފެޑެރޭޝަން ކަޕް ގައެވެ. އެފަހަރުވެސް ސައޫދީގެ މައްޗަށް ކުރި ހޯދީ އާޖެންޓީނާއިންނެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކުރީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކުވެރިކަމުގެ މެޗެއްގައެވެ. މި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ވީ އެއްވަރެވެ.
ސައޫދީ އަރަބިއާ
މިފަހަރުގެ ވޯލްޑް ކަޕަށް ސައުދީ އަރަބިއާއިން ކުރިމަތިލަނީ ރަނގަޅު ނަތީޖާތަކެއް ނެރެ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ. މިއީ އެ ޓީމުން ވޯލްޑް ކަޕުގައި ވާދަކުރާ ފަސް ވަނަ ފަހަރެވެ. އޭސިއާގެ ފުޓްބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ސައުދީ އަރަބިއާއިން ވަނީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯލަ މުބާރާތް ކަމުގައިވާ އޭސިއަން ކަޕް ތިން ފަހަރު ހޯދާފައެވެ. ނަމަވެސް އަދި މިހާތަނަށް ވާދަކުރި ހަތަރު ވޯލްޑް ކަޕުގައި ވެސް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އަސުދީއަށް މިހާތަނަށް ވޯލްޑް ކަޕުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1994 ވަނަ އހަރު އެމެރިކާގައި ބޭއްވުނު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމެވެ. އެންމެ ފަހުން 2018 ގެ މުބާރާތުން އެޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓާފައެވެ.
ކުޅުންތެރިން
ސައުދީ އަރަބިއާ އަކީ މާ ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ތިބި ޓީމެއް ނޫނެވެ. ސައުދީގައި ތިބީ މުޅިންވެސް ޔޫރަޕްގެ ތަޖުރިބާއެއް ނެތް އަމިއްލަ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އެހެން ކަމުން މިއަދުގެ މެޗުގައި އާޖެންޓީނާއާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދެވިދާނެ ކަމަކަށް ތަޖުރިބާކާރުން ނުދެކެއެވެ. ސައުދީން ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިންނަށް ބަލާއިރު، އަލް އަމީރީ، ޔާސިރު އަލް ސަހުރާނި، ސަލްމާން އަލް ފަރަޖް ގެ އިތުރުން ފިރާސް އަލް ބަރައިކަން ހިމެނެއެވެ.
އާޖެންޓީނާ
ވޯލްޑް ކަޕްގައި އާޖެންޓީނާގެ އެންމެ ބޮޑު ކާމިޔާބީއަކީ ވޯލްޑް ކަޕްުގެ ތަށި ދެފަހަރު އުފުލާލާފައި ވުމެވެ. ނަމަވެސް 1978 އަދި 1986 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރި ފަހުން އެޓީމަށް މި މުބާރާތުގެ ތައްޓެއް ނުލިބެއެވެ. ނަމަވެސް މުބާރާތުގެ ފައިނަލުގައި ދެފަހަރު ވާދަކުރިއެވެ. އެއީ 1990 އަދި 2014 ވޯލްޑް ކަޕުގައެވެ. އާޖެންތީނާއިން ވަނީ 16 ވޯލްޑް ކަޕުގައި ކުޅެފައެވެ. މިފަހަރުގެ މުބާރާތަކީ އެޓީމުން ކުޅޭ 17 ވަނަ ވޯލްޑް ކަޕެވެ.
އާޖެންޓީނާ ވަނީ ސަރަހައްދީ މުބާރާތް ކަމަށްވާ ކޮޕާއެމެރިކާ 15 ހޯދާފައެވެ. އެންމެ ފަހުން އެޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުއެވެ. އާޖެންޓީނާއިން ވަނީ 1990 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.
ކުޅުންތެރިން
އާޖެންޓީނާ އަކީ ޔޫރަޕުގެ މަޝްހޫރު ލީގުތަކުގައި ކުޅޭ ގިނަ ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. އެގޮތުން އެންމެ ބޮޑަށް ފަހަގަކޮށްލެވެނީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީއެވެ. އުމުރުން 35 އަހަރުގެ މެސީ އަކީ މިވަގުތު ޕީއެސްޖީގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވަރަށް ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއެކެވެ. މެސީގެ އިތުރުން ލަޓޫރޯ މާޓިނޭސް، ކްރިސްޓިއަން ރޮމޭރޯ، ރޮޑްރީގޯ ޑި ޕޯލް އަކީ އާޖެންޓީނާ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
މިއަދުގެ މެޗަށް ދެ ޓީމުންވެސް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން
ސައުދީ އަރަބިއާ : އަލް އަމްރީ، އަލް ބުރައިކާން، އަލް ޝެހްރީ، އަލް ބުރައިކް، އަލް އޮވައިސް، އަލް ފަރާޖް، އަލްމަލްކީ، ކާނޯ، އަލް ދަސްވަރީ، އަލްބުލާހީ، އަލް ޝަހުރާނީ.
އާޖެންޓީނާ : އަކޫނާ، އެލް މާޓިނޭޒް، ޑިމަރިއާ، މޮލީނާ، އީ މާޓިނޭޒް، ޕަރޭޑެސް، މެކް އެލިސްޓާ، މެސީ، ރޮމޭރޯ، ޑި ޕޯލް، އޮޓަމެންޑީ.
ގުރޫޕް ސީގައި ހިމެނޭ އާޖެންޓީނާ އަދި ސައުދީ އަރަބިއާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު ރާއްޖޭ ގަޑިން މެނދުރު ފަހު 3:00 ގައެވެ.