ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނެދަލެންޑްސް އިން ސެނެގާލް ބަލިކޮށްފިއެވެ.
ނެދަލެންޑްސް އިން ސެނެގާލް ބަލިކުރީ 0-2 ގެ ނަތީޖާއިންނެވެ.
ގްރޫޕް އޭގައި ހިމެނޭ ނެދަލެންޑްސް މިރޭގެ މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. މީގެ ކުރިން މި ގުރޫޕުގައި ހިމެނޭ އިކުއެޑޯ އަދި ގަތަރު ބައްދަލުކުރި މެޗު ކާމިޔާބު ކޮށް އިކުއެޑޯއިން ވެސް ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. ދެ ޓީމަށް ވެސް ތިން ޕޮއިންޓް ލިބުނީ ފައިދާ ދެ ގޯލާއި އެކުގައެވެ.
ގަތަރުގެ ވެރިރަށް ދޯހާގެ އަލް ތުމާމާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ދެ ޓިމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ސެނެގާލުންނެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ސެނެގާލްގެ އިސްމާއިލް ސާ ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ކައިރީގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލާއި އަމާޒު ނުވިއެވެ. އޭގެ ފަހުން ފެނިގެން ދިޔައީ ނެދަލެންޑްސްގެ ހަމަލާއެކެވެ. ކޯޑީ ގަޕޯ އަރިމަތިން ނަގައި ދިން ހުރަސް ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ޓީމުގެ ޑިފެންޑަރު ޑިލޭ ބްލިންޑް ބޮލުން ޖެހި ނަމަވެސް ދިޔައީ ބޭރަށެވެ.
ނެދަލެންޑްސް އަދި ސެނެގާލް ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.
މެޗުގެ ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ ނެދަލެންޑްއިންނެވެ. ނެދަލެންޑްސް އަށް ލިބުނު ކޯނަރެއްގައި ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ސެނެގާލްގެ ފޯވާޑް ބުއާޔޭ ޑިއާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޑިއާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ކީޕަރު އެންޑްރީސް ނޮޕާޓް މަތަކުރިއެވެ.
ނެދަލެންޑްސް އިން މެޗު ލީޑު ނެގީ 84 ވަނަ މިނެޓުގައެވެ. ފްރޭންކީ ޑި ޔޯން އޭރިއާ ބޭރުން ގޯލު ކުރިމައްޗަށް ނަގައި ދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގަޕޯއެވެ. ނެދަލެންޑްސްގެ ދެވަނަ ލަނޑު ޖެހީ މެޗުގެ ފަހު ހާފުގެ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޑެވީ ކްލާސަންއެވެ.
މި މެޗުން މޮޅުވި ނެދަލެންޑްސް ދެވަނަ މެޗުގައި ނުކުންނާނީ ގަތަރު ބަލިކޮށް ތިން ޕޮއިންޓު ހޯދާފައިވާ އިކުއެޑޯއާ ދެކޮޅަށެވެ. އަދި މި މެޗުން ބަލިވި ސެނެގާލް ނިކުންނާނީ އިކުއެޑޯއަތުން ބަލިވި ގަތަރާއި ދެކޮޅަށެވެ. މި ދެމެޗުވެސް ކުޅޭނީ މިމަހުގެ 25 ވާ ހުކުރު ދުވަހުގައެވެ.