ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން އިންގްލެންޑުން އިރާން ބަލިކޮށްފިއެވެ.
އީރާނާއި ދެކޮޅަށް ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބު ކުރި 6-2 ގެ ނަތީޖާއިންނެވެ.
ޚަލީފާ އިންޓަނޭޝަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މި މެޗު ފެށިގެންވެސް މޮޅަށް ކުޅެމުން ގެންދިޔައީ އިންގްލެންޑުންނެވެ.
މިރޭގެ މެޗު ފެށިގެން 8 ވަނަ މިނިޓުގައި އިންގްލެންޑްގެ ހެރީ ކޭން އިރާންގެ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ދިފާއުކުރަން އިރާންގެ ގޯލްކީޕަރު އެރިއިރު، އެ ޓީމުގެ ކުޅުންތެރިޔަކާ ޖެހި އޭނާއަށް ވަނީ އަނިޔާވެ ދަނޑުން ބާލަން ޖެހިފައެވެ. ނޭފަތަށް ލިބުނު އަނިޔާއާއި ގުޅިގެން އީރާންގެ އެއްނަމްބަރު ގޯލް ކީޕަރު އަލީ ރެޒާ ބަދަލުކުރިއިރު، އޭނާގެ ބަދަލުގައި ކުޅެން އެރީ ބަދަލު ކީޕަރު ސައްޔިދު ހުސެއިންއެވެ.
ފުރަތަމަ ހާފުގައި އިންގްލެންޑަށް ހަމަލާއެއް އުފެއްދުނި މެޗުގެ 29 ވަނަ މިނިޓުގައެވެ. ސަކާ އޭރިޔާތެރެއަށް ދުއްވާލި ބޯޅައަށް އަރައި، މައުންޓް ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އޭގެ އިރުކޮޅެއްގެ ފަހުން ޓްރިޕިއާ ނަގައިދިން ކޯނަރަކުން ހެރީ މެގުއަޔާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އިންގްލެންޑުން މެޗުގެ ލީޑު ނެގީ މެޗުގެ 35 ވަނަ މިނެޓުގައި ލުކް ޝޯގެ އެހީތެރިކަމާއި އެކު ޒުވާން މިޑްފީލްޑަރ ޖޫޑް ބެލިންހަމް އެވެ. މިއީ އޭނާ އިންގްލެންޑު ޓީމާއި އެކު ކުޅެދިން ފުރަތަމަ ވޯލްޑް ކަޕް މެޗުގައި ޖަހައިދިން ފުރަތަމަ ލަނޑެވެ.
ބެލިންހަމްގެ ލަނޑަށް ފަހު ގާތްގާތުގައި އިންގްލެންޑް 2 ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރިއެވެ. އެގޮތުން މެޗުގެ 43 ވަނަ މިނިޓުގައި ސަކާ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިން އިރު، ރަހީމް ސްޓާލިން ވަނީ އެޓީމުގެ ތިންވަނަ ލަނޑުޖަހައިދީފައެވެ.
ތިން ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު އިންގްލެންޑުން ނިންމާލިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖެހިއެވެ. މި ލަނޑު ޖަހައިދިނީ ބަކާޔޯ ސަކާއެވެ. މިއީ ސްޓާލިން ދިން ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ.
އިރާނުން މެޗުގައި ޖެހި ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 65 ވަނަ މިނިޓުގައެވެ. މި ލަނޑު އީރާނަށް ޖަހައިދިނީ ޓަރޭމީއެވެ.
އިރާނުގެ ލަނޑަށް ފަހު އިންގްލެންޑުން ބަދަލުތަކެއް ގެނައިއިރު، ބަދަލުގައި ކުޅެން އެރި ރަޝްފޯޑް ވަނީ ކުޅެން ނިކުމެ 26 ސިކުންތުގެ ތެރޭގައި ލަނޑެއް ޖަހާފައެވެ. މިއީ ރަޝްފޯޑުގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑެވެ. ރަޝްފޯޑުގެ ލަނޑަށްފަހު މެޗުގެ 90 ވަނަ މިނިޓުގައި އިންގްލެންޑުގެ ހަ ވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖެކް ގްރީލިޝް އެވެ.
އިރާންގެ ދެ ވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މިއީ އިންގްލެންޑްގެ ކުޅުންތެރިއަކު އޭރިޔާގެ ތެރެއިން އިރާންގެ ކުޅުންތެރިއަކަށް ކުރި ފައުލްއަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި ލަނޑު ޖަހައިދިނީ މަހްދީ ޓަރޭމީއެވެ.
މި މެޗުން އީރާން ބަލިއިރު، އެޓީމަށް ދެވަނަ ބުރު ޔަގީން ކުރުމަށް ކުރިޔަށް އޮތް ދެމެޗުން ވެސް މޮޅެއް ހޯދުން މަޖުބޫރުވާނެއެވެ. އީރާން ދެން ބައްދަލުކުރާނި މިމަހުގެ 25 ވަނަ ދުވަހު ވޭލްސްއާއެވެ. އަދި މި މެޗުން މޮޅުވި އިންގްލެންޑު ބައްދަލުކުރާނީ ޔޫއެސްއޭއާއެވެ.