ދެކަފި - 34

(17 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފްގެ ކިބައިން ބަދަލު ހިފާނެ ގޮތަކާމެދު ޒަރޫން ހުންނަނީ ހަދާނެ އެއްވެސް ގޮތެއް ނުފެނި ހާސް ވެފައެވެ. ކަޝަފަކީ އާދަޔާ ޚިލާފު ކުއްޖެކެވެ. އެކަހަލަ ކުއްޖަކާ ، ޒަރޫންގެ މުޅި ޙަޔާތުގައިވެސް ދިމާވެފައެއް ނެތެވެ. ޒުވާން ޢުމުރުގައިވެސް އަދި އޭގެ ކުރިންވެސް ، ކަޝަފް ކަހަލަ ކުއްޖަކު ޒަރޫންއަށް ފެނިފައެއް ނުވެއެވެ. އަޅައިލުމާއި ލޯތްބާ އަދި އޯގާތެރިކަމުގެ ވިސްނުމުން ، ކަޝަފާ އެކުވެރިކަން އުފެއްދޭނެ އެއްވެސް މަގެއް އޭނާގެ ފަރާތަކުން ނުފެނެއެވެ. ކަމަކާ ދިމާކޮށްލާ ކޮންމެ ފަހަރަކުވެސް ، އެކަމެއް ދަނީ ފުލުންނެވެ. ހިތަށް އުނދަގޫވާ ޖަވާބުތަކުން އެއްވެސް ޖެހިލުމެއްނެތި ކަޝަފްގެ ގޮތް ނިންމައެވެ. އޭނާއާ ގުޅުމެއް އުފައްދަން އިންސާނަކު މަސައްކަތް ކޮށްފިނަމަ ، އެއީ އެއިންސާނާގެ މުޅި ޢުމުރުގައިވެސް ކުރާނެ އެންމެ ބޭކާރު މަސައްކަތެވެ. މިއީވެސް ޒަރޫންގެ ޑައިރީގެ ޞަފުޙާތަކުގައި ލިޔެލަން ލިބޭ އަގުހުރި ތަޖްރިބާ އެކެވެ.

------------------------

ރާފިޢާ އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން ފުން ޚިޔާލުތަކެއްގެ ތެރެޔަށް ގެއްލިފައި އިނެވެ. އޭނާގެ ޚިޔާލުތައް އަތުން ދޫވެގެންދިޔައީ ، ޞިދްރާ އައިސް މަންމާއޭ ބުނެ ގޮވައިލުމުން ލިބުނު ކުއްލި ސިހުމުންނެވެ. މަންމަގެ ލޯ ފެންކަޅިވެފައިހުރިތަން ޞިދްރާއަށް ފެނުނެވެ. އަދި ކިހިނެއް ވީ ހެއްޔޭ މަންމަ ރޮނީ ހެއްޔޭ އަހައި ، ޞިދްރާ ސުއާލުތައް ކޮށްގަތެވެ. މަންމަ ކަންބޮޑުވެފައި އިންކަން ޞިދްރާ ދެނެގަތެވެ. އަދި ސްކޫލުގައި ކަމެއް ދިމާވީތޯ އަހައިލައެވެ.

" ނޫނެކެވެ. ދަރިފުޅާއެވެ ! އެއްވެސް ކަމެއް ނުވެއެވެ. ކަމެއް ނުވެއެވެ. " ރާފިޢާގެ އަޑުގައިހުރި ކެކުޅުމާއި ވޭން ޞިދްރާ ދެނެގަތެވެ.

ދިރިއުޅުމެއްގެ އެއްވެސް ތަޖުރިބާއެއް ނެތްނަމަވެސް ، ޞިދްރާމެންގެ ޅަދުވަހު ލިބިފައިވާ ތަޖުރިބާއިން ، މަންމަގެ ކެކުޅުމާއި ވޭންތައް ދެނެގަތުމުގެ ޤާބިލްކަން ޞިދްރާއަށްވެސް ވަނީ ލިބިފައެވެ. އެއީ ، އިރުއަރާއި އޮއްސޭ ކޮންމެ ދުވަހަކުވެސް އެކުދިންނަށް ފެންނަ މަންޒަރެކެވެ. ހަނދާން ހުންނަން ފެށީއްސުރެ ، މަންމަގެ ތަކުލީފުތަކުން އެކުދިންނަށް ވަނީ ފިލާވަޅުތަކެއް ދަސްކޮށްދީފައެވެ. ޞިދްރާގެ ލޮލުންވެސް ކަރުނަ ހުރީ ފާއްދާފަ އެވެ. ގޮސް ދެން ނިދާލާށޭ ބުނެ ޞިދްރާ އެތަނުން ފޮނުވައިލަން ރާފިޢާ ބޭނުން ވިއެވެ. މާދަމާ ކޮލެޖަށް ދާން ޖެހޭނެ ވާހަކަ ބުނެ ޞިދްރާ ފޮނުވާލަން ރާފިޢާ ބޭނުންވިއެވެ. އޭނާގެ ހިތުގެ ވޭނާއި ކެކުޅުންތައް ކުދިންނަށް އިޙްސާސް ނުވާނެ ހުރިހާ ކަމެއް ރާފިޢާ ކުރަމުން ގެންދެއެވެ. އެހެންނަމަވެސް ، އެކުދިންވެސް މިހާރު އެތިބީ ރަނގަޅާއި ނުބައި ވަކިވާ ވަރަށް ބޮޑެތި ވެފައެވެ. ރާފިޢާއަށްވެސް އެކުދިންނަށް ކަންތައްތައް ފޮރުވައި ސިއްރު ކުރެވޭނީ ވަކި ވަރަކަށެވެ.

" މަންމަ ތިޙާލަށް ދޫކޮށްލާފައި އަހަރެން ދާނީ ކިހިނަކުން ހެއްޔެވެ ؟ އަހަރެންނަށް ގޮސް ނިދިފިޔަ ޖެހޭނެހެން މަންމަޔަށް ހީވޭ ހެއްޔެވެ ؟ " ޞިދްރާ ދެރަވެފައި ސުއާލު ކުރިއެވެ.

" ދަރިފުޅާއެވެ ! އެއްވެސް ކަމެއް ނުވާ ވާހަކަ މަންމަ ބުނެފިން ނޫން ހެއްޔެވެ ؟ އެކިކަންކަމާ ވިސްނަން ހަދައިގެން ހިތަށް އުނދަގޫވާގޮތް ވީއެވެ. އެއީ އެއްވެސް ކަމެއް ނޫނެވެ. ދަރިފުޅުގެ ބައްޕަގެ ކަންތައް ހުންނަ ގޮތުން އެކަމާ ފިކުރު ކޮށްލެވުނީއެވެ. އެއްވެސް ކަމެއްގައި ޙައްދެއް ނުއޮވެއެވެ. އެއްވެސް ވަރަކަށް އަޅައިލަނީކީ ނޫނެވެ. ކަލޭމެން ތިން ބެއިން މަސައްކަތް ކޮށްގެން ލާރި ހޯދައިގެން ޚަރަދުތައް ހަމަޖައްސާއިރު ، ބައްޕަގެ ފަރާތުން އެހީތެރިކަމެއް ނުލިބުމަކީ ކިހާ ބޮޑު ނިކަމެތި ކަމެއް ހެއްޔެވެ ؟ " ރާފިޢާ އޭނާގެ ދެލޮލުން ފައިބަމުން އައި ކަރުނަތައް ފުހެލަމުން ޖަވާބު ދިނެވެ.

" ކަލޭމެން ކުދިންގެ ދިރިއުޅުމުގެ މުހުތާދުތައް ތި ފުއްދަނީ ، ރެޔާއި ދުވާލު ޓިއުޝަންދީ ވަރުބަލިވަންދެން މަސައްކަތް ކޮށްގެންނެވެ. ކަޝަފް އެއުޅެނީ މުޅި އަވަށުގެ އިތުރަށް ޔުނިވަރސިޓީ މާޙައުލުގައި ކުރިމަތިވާ ގޮންޖެހުންތަކާ ހަނގުރާމަކޮށް ، އޭނާގެ ޔުނިވަރސިޓީ ތަޢުލީމު ފުރިހަމަ ކުރުމުގެ ބުރަ މަސައްކަތުގައެވެ. ނުވިތާކަށް ގެޔަށް އައިސް ކިޔަވަން ލިބޭ ވަގުތުކޮޅުގައި ޓިއުޝަންވެސް ދީގެން އެހާ ބުރަ ކޮށެވެ. އަނެއްކޮޅުން ، ކަލޭމެންގެ ބައްޕަ ، އަހަރެމެން ގެއިން ނެރެލާފައި އެ ގެ ވިއްކާލާފަ ލިބުނު ލާރިން ، ދޮންމަންމަގެ ދަރިންނަށް ފޯނާއި ސައިކަލް ގަނެދީ ، ގޭގެ މަތީގައި ޢިމާރާތެއް ހަދަނީއެވެ. " ރާފިޢާ އިތުރަށް ވާހަކަ ދެއްކިއެވެ.

ރާފިޢާގެ ހިތާމަޔަކީ ، މުރުތަޟާ އޭނާގެ އަންހެންދަރިންނާ މެދު އެއްވެސް މިންވަރަކަށް ވިސްނައި ނުލުމެވެ. އެއްޗެއް ނުދޭތާނގައި އެއިން ކުއްޖަކަށް ލޯބިން ގޮވާލި ހަނދާން އެއިން އެއްވެސް ކުއްޖެއްގެ ނުހުންނާނެއެވެ. އެކުދިން އެތިބީ މިހާރު ބޮޑެތި ވެފައެވެ. މުރުތަޟާ އެހާ އިހާނެތި އެވަނީ ކީއްވެ ހެއްޔެވެ ؟ ނިޤާރަށް ލިބިފައި ތިބި ދެއަންހެން ދަރިންނަށް ބޭނުންވާހާ އެއްޗެއް ހޯދައިދޭއިރު ، ރާފިޢާގެ ކުދިންނަށް މުރުތަޟާ އަޅައި ނުލަނީ ކީއްވެގެން ހެއްޔެވެ ؟ މުރުތަޟާއަށް ފިރިހެން ކުއްޖަކު ވިހައިނުދީގެން އެކަން އެއީ ރާފިޢާގެ މައްސަލަ އެކެވެ. ރާފިޢާދެކެ ރުޅި އައި ނަމަވެސް ، އޭނާގެ ތިން ކުދިންނަކީވެސް ، މުރުތަޟާއަށް ﷲ ދެއްވި ނިޢުމަތެކެވެ. އެހެން ކުދިންގެ މައްޗަށް އޮންނަ ޙައްޤު ރާފިޢާގެ ކުދިންގެ މައްޗަށްވެސް އޮންނާނެއެވެ. އެހެންކުދިންނަށް އެއްޗެތި ހޯދައިދޭއިރު  ، ރާފިޢާގެ ކުދިންނަށްވެސް އަޅައިލުމަކީ މުރުތަޟާގެ ވާޖިބެކެވެ.

" މަންމާއެވެ ! މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ ؟ އަހަރެމެން ތުއްތު އިރުއްސުރެ ، މިތިބީ ނިކަމެތިކަންމަތީ ، ބައްޕައެއްގެ އަޅައިލުމާއި ލޯބި ނުލިބި ބޮޑެތި ވެފައެވެ. އޭނާގެ އެހެން ކުދިން އުފަލާއި އަރާމުގައި ބޭނުން ގޮތަކަށް އުޅޭތަން ، އަހަރެމެން ބޮޑެތި ވަންދެން އެދަނީ ފެންނަމުންނެވެ. އަހަރެމެންނަކަށް އެކަމުގައި ތަފާތެއް ނެތެވެ. އަހަރެމެން އޭނާގެ ކިބައިން އެއްވެސް އުއްމީދެއް ނުކުރަމެވެ. އޭނާއާމެދު އަހަރެމެންނެއް ނުވިސްނަމެވެ. ދުނިޔޭގައި ބައްޕައެއް ހުރިކަން އަހަރެމެންނަކަށް ނޭނގެއެވެ. " ޞިދްރާ ބުންޏެވެ.

އެހެންނަމަވެސް ، ރާފިޢާއަށް އެއީ މައްސަލައެކެވެ. ރާފިޢާގެ މުސްކުޅި ޢުމުރުގައި އެލިބޭ ވޭނާއި ތަކުލީފަކީ އެކަމާ ވިސްނާ ވިސްނާ ހިތް ހަލާޚުވާވަރުގެ ކަމެކެވެ. އިންސާނުން އެއްވެސް މަޤްޞަދެއްނެތި ބޭނުމެއް ނެތް ގޮތުގައި ކަންބޮޑުވެ ހިތާމަ ކުރާނެކަމެއް ނެތްކަމުގައި ކުދިންނަށް ދަސްކޮށްދެނީ ރާފިޢާ އެވެ. ދިރުމެއް ނެތް އުއްމީދެއް ހިތުގައި ބާއްވާނެ ކަމެއް ނެތް ކަމަށެވެ. ޙާޞިލްވާންނެތް ކަމަކާ ވިސްނާ ފިކުރުކޮށް ، އެކަމުން ލިބޭ އުނދަގުލާއި ތަކުލީފުން ހިތަށް އަސަރު ކުރަން ދޫކޮށްލާނެ ކަމެއް ނެތްކަމުގައެވެ. ކޮންމެ އިންސާނަކަށްވެސް އުނދަގުލާއި  އަރާމުގެ ވަގުތުގައި ދުނިޔޭގައި އުޅެން ޖެހޭނެއެވެ. ޞިދްރާމެންގެ ތިން ބެއިންނަކީވެސް ، އުފާވެރި ވަގުތުގައި އަދި އުނދަގުލާއި ހިތާމައިގެ ދަތި ވަގުތުގައި ދިރިއުޅެން ދަސްވެފައި ތިބި ކުދި ބަޔެކެވެ.

ޞިދްރާ ނިދަން ފޮނުވާލާފައިވެސް ، ރާފިޢާ އޭނާއަށް ލިބިފައިވާ ހާސްކަމުގައި އެތައް އިރަކު ގަބުވެފައި އެނދުމަތީ އިނެވެ. ރާފިޢާގެ ހިތުގައި އަޅާ ވޭނާއި ކެކުޅުން ، ދަރިންނަށްވެސް މިހާރު ސިއްރެއް ނުކުރެވެއެވެ. އެހެންނަމަވެސް ، ކުދިން މިހާރު ބޮޑެތިވެފައި ތިބީމަ އޭނާގެ އުއްމީދުތައް ދެން މާގިނަ ދުވަހެއްނުވެ ޙާޞިލް ވާނެއެވެ. އެކުދިންނަށް އުފާވެރި ޒަވާޖީ ޙަޔާތެއް މިންވަރު ކުރެއްވުމަކީ ދުނިޔެމަތިން އޭނާއަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. ލޮލުން ކަރުނަތައް ފުހެލައި ފުން މާނޭވާއެއް ލުމަށްފަހު ، ރާފިޢާ އެނދުމައްޗަށް ވެއްޓިގަތެވެ.

------------------------

އަސްމަރާ ގޮވައިގެން ޒަރޫން ބޭރަށް ނުކުތް ރެޔެކެވެ. އެމީހުން ދިޔައީ ރެސްޓޯރެންޓަކަށް ރޭގަނޑު ކާށެވެ. ކާން އިން އިރުވެސް ޒަރޫން އިނީ ފުން ވިސްނުމެއްގެ ތެރެޔަށް ގެއްލިފައެވެ. ތަނަށް ވެރިވެފައި އޮތް ހަމަ ހިމޭންކަން ކަނޑުވާލީ އަސްމަރާއެވެ.

" ޒަރޫން އެވެ ! އަހަރެންގެ މައިންބަފައިން އިރު އިރުކޮޅާ ސުއާލު އެބަ ކުރެއެވެ. ޒަރޫން ކަންބޮޑުވަނީ ކޮން ކަމަކާ ހެއްޔެވެ ؟ އަހަރެންނާ އެންގޭޖްވާން ޒަރޫން އަށް ހުރަސް އަޅަނީ ކޮން ކަމެއް ހެއްޔެވެ ؟ " އަސްމަރާ ސީރިއަސް ވެފައި ޒަރޫން އާ ސުއާލު ކުރިއެވެ. އެތައް އިރެއްވީ އިރުވެސް ޒަރޫން އަނގަޔަކުން ނުބުނެއެވެ. އޭނާ އިޚްތިޔާރު ކުރީ ހަނު އިނުމެވެ. ޒަރޫންގެ އެ ހަނުހިމޭންކަމަކަށް އަސްމަރާ ދުލެއް ނުކުރިއެވެ.

" ޒަރޫންގެ ތި ހަނުއިނުމަކީ އަހަރެންނަށް ޒަހަރެއްފަދަ އެއްޗެކެވެ. " އަސްމަރާ ބުންޏެވެ.

ޒަރޫން ބޭނުންވަނީ އަސްމަރާ ، ޒަރޫންގެ އިންތިޒާރުގައި ހުހަށް ހުރުމަށެވެ. ކައިވެންޏެއް ކުރަން ޒަރޫން ބޭނުންވާ ދުވަހަކާ ހަމަޔަށެވެ. އެކަމަކު ، އެންގޭޖްވާކަށްވެސް ބޭނުމެއް ނޫނެވެ. އެއީ އަސްމަރާގެ މައިންބަފައިން ބޭނުންވާ ގޮތެއް ނޫނެވެ. ޒުވާން އަންހެން ކުއްޖަކު އަބަދު ފިރިހެން ކުއްޖަކާ އެކީ ، އެއްވެސް ޔަޤީންކަމެއް ނެތްގޮތަށް ލާޗާރު ބިޗާރަށް ، އުޅެމުން ގެންދިއުމަކީ އެމީހުން ބޭނުންވާ ގޮތެއް ނޫނެވެ. ޒަރޫންއާ އަސްމަރާއާ ދެމެދު އެމީހުންގެ އެންގޭޖްމަންޓާއި ކައިވެންޏާ ބެހޭގޮތުން ކުރެވުނު ޒުވާބު ހޫނުވެ ، އެންމެފަހުން ޒަރޫން ރުޅިއައިސްގެން ތެދުވެގެން ދެއެވެ. އަސްމަރާ ގޮވާގޮވާވެސް ޒަރޫން މަޑެއް ނުކުރިއެވެ. އެމީހުން ތިބީ ރެސްޓޯރަންޓަށް ވަދެ އިށީންގޮތަށް ކެއުމަށް އޯޑަރުވެސް ނުކޮށެވެ.

އަނެއްދުވަހު ހެނދުނު ސާރާއާއި ޒަރޫން ، ހެނދުނު ހެނދުނާ ކޮފީބޯން ގޯތިތެރޭގައި މަޑުކޮށްލައިގެން ތިއްބެވެ. އެވަގުތުވެސް އެ ދެބެންގެ މެދުގައިވެސް ދެކެވެމުން ދިޔައީ އަސްމަރާއާއި ޒަރޫންގެ ކައިވެނީގެ ވާހަކަ އެވެ. ސާރާއަށްވެސް ފެންނަ ގޮތުގައި ، ޒަރޫން ކޮންމެވެސް އެއްގޮތަކަށް ނިންމަން އެބަ ޖެހެއެވެ. އެމައްސަލައިގާ ސާރާވެސް ހުރީ އަސްމަރާއާ އެއްކޮޅަށެވެ. ޒަރޫން އެކަމުގައި ގޮތެއް ނުނިންމަން އުޅެނީ ، ބޭނުންގޮތަކަށް ނޫޅެވޭނެތީ ކަމަށް ސާރާ ބުނެއެވެ. ޒަރޫންގެ ފަހަތުން އަސްމަރާވެސް އެނބުރެން ބޭނުމެވެ. އެންގޭޖްވެ ކައިވެނިކުރަންވެސް ބޭނުން ވެއެވެ. ޒަރޫންއަށް އެކަމުގައި ގޮތެއް ނުނިންމިގެން އުޅެނީ ކީއްވެގެންކަމެއް ނޭނގެއެވެ. އެހެން ފަރާތަކުން އަސްމަރާގެ ކައިވެންޏަށް އެދިއަސްމަރާގެ މައިންބަފައިންނަށް ވަނީ ހުށަހަޅާފައެވެ. އަސްމަރާ އެހެން މީހަކާ އިންނާކަށްވެސް ޒަރޫން ފުރުޞަތެއް ނުދެއެވެ. އަދި ޒަރޫން އެހެން މީހަކާ އިންނާކަށްވެސް ޝަޢުޤު ވެރިކަމެއް ނެތެވެ. އޭނާގެ ކޮއްކޮއަށްވެސް އަދި މައިންބަފައިންނަކަށްވެސް ޒަރޫންގެ އޮތީ ކޮން މައްސަލައެއްކަމެއް ނޭނގެއެވެ. އެއީ ކޮންމެ ފިރިހެނެއްގެވެސް ވިސްނުން ހުންނާނެ ގޮތެވެ. ހުސްހަށިބަޔަށް ހުރީމަ ، ބޭނުން ގޮތަކަށް އުޅެން ފުރުޞަތު އޮތުމެވެ.

------------------------

ކަޝަފް އިނީ ބޮލުފުނާ އަޅައި ރީތިވެލަން އެނދުގައި ޖައްސައިލައިގެންނެވެ. އެތަނަށް ޞިދްރާ އައިސް އެތާ އޮތް ދަޢުވަތު ކާޑެއް ނެގިއެވެ. އެއީ ޒަރޫންގެ ކޮއްކޮގެ ކައިވެނީގެ ދަޢުވަތު ކާޑެވެ.

" ޒަރޫން އޭނާގެ ކޮއްކޮގެ ކައިވެނީގެ ކާޑު ކަޝަފަށް ދިނީ ހެއްޔެވެ ؟ " ޞިދްރާ ޙައިރާންވެފައި ހުރެ ސުއާލުކުރިއެވެ.

" ޔުނިވަރސިޓީގައި ތި ކައިވެންޏަށް ޒަރޫން ދަޢުވަތު ނުދޭ ކުއްޖަކު ނޫޅެއެވެ. އެހެން ވީމާ އަހަރެންގެ ނަންމަތީގައިވެސް ކާޑެއް އޮންނާނެ ނޫން ހެއްޔެވެ ؟ " ކަޝަފް ބުންޏެވެ.

އެ ރަސްމިއްޔާތަށް ދާންޖެހޭ ދުވަސް އޭރު އޮތީ ފާއިތުވެ ގޮސްފައެވެ. ޞިދްރާ ސިއްސައިގެން ގޮސް އެކަމާ ސުއާލު ކުރިއެވެ. ކަޝަފަށް އެއީ އެހައި މުހިންމު ރަސްމިއްޔާތެއް ނޫނެވެ. ކަޝަފަށް އެކަހަލަ ކަންކަމަށް ވަގުތެއް ނޯވެއެވެ. އަދި އަމްދުން ގެޔަށް އަންނަން ލިފްޓެއް ލިބޭތޯ އާދޭސްކުރަން އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު ޞިދްރާއަށް ދަޢުވަތު ދިންނަމަ ދާނެވާހަކަ އޭނާ ބުންޏެވެ.

ކަޝަފަށް އެ ރަސްމިއްޔާތަށް ، ޒަރޫން ދަޢުވަތު ދިނީމަ އަސްމަރާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ޒަރޫން ދެކޭގޮތުގައި އަސްމަރާގެ ކަންތައް މާބޮޑު ވެއްޖެ އެވެ. ކަމަކާ ނުލައި އޭނާއަށް ޝައްކު ކުރަނީއެވެ. އެއްވެސް ވަރަކަށް އޭނާއަކަށް އިތުބާރެއް ގޮތްނުކުރެ އެވެ. އެހައި ބޮޑަށް ކަޝަފާ އަޅައިގަނެގެން ޒަރޫން އުޅޭތީ އެއީ އަސްމަރާއަށް ވަރަށް ބޮޑު މައްސަލަ އެކެވެ. ރައްޓެހިވެގެން އުޅޭ ކަމަށް ވަންޏާ އެއީ ކޮންމެ އަންހެން ކުއްޖަކަށްވެސް މައްސަލަޔަކަށް ވާނެއެވެ.

" އަސްމަރާއަށް ހީވަނީ އަހަރެން ކަޝަފާ އަޅައިގަނެގެން އުޅެނީ ކަމަށް ހެއްޔެވެ ؟ އެއީ އެކަހަލަ ކަމެއްނޫނެވެ. އަހަރެން މިއުޅެނީ ކަޝަފް ގުނބޯ ހައްދާށެވެ ! " ކަޝަފް ވައިއަޑުން އަސްމަރާގާތު ބުންޏެވެ.

" މިއޮއްބޮޑު ޔުނިވަރސިޓީން ޒަރޫން އަށް އެނޫން ކުއްޖަކު ގުނބޯ ހައްދަން ނުލިބުނީ ހެއްޔެވެ ؟ އަހަރެން ހީކުރީ ޒަރޫން ސީރިއަސް ކަމަށް ހެއްޔެވެ ؟ " އަސްމަރާ ބުންޏެވެ.

" ޒަރޫން ތިކުރަނީކީ ރަނގަޅު ކަމެއްނޫނެވެ. ތިއީ ވަރަށް ވިޔާނުދާ ކަމެކެވެ. " އުސާމާ ހިތްހަމަ ނުޖެހިފައި ޒަރޫން އާ ދިމާއަށް ބުންޏެވެ. އަސްމަރާ އަކަށް ނީނދެވުނެވެ. އަނެއްކާވެސް ކަޝަފްގެ ކޮޅު ނަގަނީއޭ ބުނެ އުސާމާއާ ދިމާއަށް ހަޅޭއްލަވައި ގަތެވެ.

" އެއީ މައްސަލައެއް ނޫނެވެ. ގޯސްކަމެއްވެސް ނޫނެވެ. ކަޝަފް އަހަރެންނާމެދު ޝަޢުޤުވެރިވާނެ ވަނީކީވެސް ނޫނެއް ނޫން ހެއްޔެވެ ؟ އެހެންވީމާ މީގައި ގޯހެއް ކޮބައި ހެއްޔެވެ ؟ އަހަރެން މިކުރަނީކީ ކުށެއް ނޫނެވެ. " ޒަރޫން ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.