އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކަށް، އުރީދޫ އެމް-ފައިސާ މެދެވެރިކޮށް މިހާރު ފައިސާ ދެއްކޭނެ!

އުރީދޫ މޯލްޑިވްސް އާއި އެފްއެސްއެމް ގުޅިގެން މާލޭގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕެޓްރޯލަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އުރީދޫން މި ޑިޖިޓަލް ޕޭމަންޓް ގެ ހިދުމަތް ތައާރަފް ކޮށްފައިވަނީ އިތުބާރު ހިފޭ، ފަސޭހަ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަނެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. ޕެޓްރޯލް ޕަމްޕްތަކުގައި ބަހައްޓާފައިވާ އެމް-ފައިސާ ކިއުއާރު ކޯޑް ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ފައިސާ ދެއްކާލެވޭނެ އެވެ.

މި ހިދުމަތް ތައާރަފްކޮށްދެއްވީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އާއި އުރީދޫ މޯލްޑިވްސް ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ކާނިވާ ކުރިމަތީގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އެފްއެސްއެމްއާ ގުޅިގެން މާލެ އާއި ހުޅުމާލޭގެ ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންޓެކްޓްލެސް، އަވަސް އަދި ރައްކާތެރިކަމާއެކު އެފްއެސްއެމްއަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއުޅެނީ އާއްމު ދިރިއުޅުމުގެ ގިނަ ކަންކަން ފަސޭހަކަމާއެކު ސްމާޓްފޯން މެދުވެރިކޮށް ކުރިއަށް ގެންދެވޭ ޒަމާނެއްގައި ކަމަށެވެ.

މީގެ އިތުރުން އުރީދޫ އެމް-ފައިސާ ޑިޖިޓަލް ވޮލެޓުން ކަސްޓަމަރުންގެ މި ޑިޖިޓަލް ދިރިއުޅުން އިތުރަށް ފަހި ވެގެންދާނެ ކަމަށާއި އެފް.އެސް.އެމް.އާ އެކު މި ވެވުނު ޕަރޓްނަރޝިޕަކީ ރައްޔިތުން އިތުރަށް ބާރުވެރިކުރުވައި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ރާއްޖޭގައި އިތުރަށް ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

"މިފަދަ ޙިދުމަތްތަކާއެކު ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިވެ، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމީ ޔަގީން ކަމެއް. އަޅުގަނޑުމެންގެ މުޖުތަމައުތަކަށް މިފަދަ އީޖާދީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫ ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަން." އޭނާ ވިދާޅުވި އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ގަސަމް ވިދާޅުވީ ކުންފުނީގެ ވިސްނުމަކީ އެފްއެސްއެމް ފިއުލް ޝެޑުތަކުން ކަސްޓަމަރުންނަށް އީޖާދީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ. އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާގެ ހިދުމަތް މިއަދު ތައާރަފްކުރުމުން އެމް-ފައިސާގެ ހިދުމަތް ހޯދާ އަދި އެފްއެސްއެމް ފިއުލް ޝެޑްތައް ބޭނުންކުރާ ގިނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު މާލެ އާއި ހުޅުމާލޭގައި ތައާރަފްކުރެވުނު މި ހިދުމަތް އުރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ގދ.ތިނަދޫ، ގދ.ފުވައްމުލައް އަދި ސ.ގަމުގައި ބަހައްޓާފައިވާ ފިއުލް ޝެޑްތަކުގައި މި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ." ގަސަމް ވިދާޅުވި އެވެ.

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެ އެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.