އެކާވީސްވަނަ ސައްތައިގެ އިޖްތިމާޢީ ވަބާތަކުގެ ތެރެއިން އެއްޖިންސުން އުޅުމުގެ ވަބާ - 3

އަސްލު ލިޔުއްވީ: ޑޮކްޓަރ މުޙައްމަދު ރިޒަލް އިސްލާމް ނަދުވީ

ތަރުޖަމާކުރީ: ޢަބްދު اللّـه ފާރޫޤު ޙަސަން

(29 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އުރުދުންގެ ބަޙުރުލްމައްޔިތު ނުވަތަ ބަޙުރުލޫޠު އޮންނަ ހިސާބަކީ ސަދޫމާއި ޢަމާރާގެ އަވަށްތައް އާބާދުވެފައިއޮތް ހިސާބުގަނޑެވެ. އެހިސާބުގަނޑާ ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ޤަބޫލުކުރާގޮތުގައި މިހާރު ކަނޑެއްގެ ސިފައިގައި އެފެންނަ ސަރަޙައްދަކީ އެއްޒަމާނެއްގައި ހިކިފަސްތަނެވެ. އެތާނގައި ރަށްރަށް އާބާދުވެފައި އޮތެވެ. ސަދޫމާއި ޢަމާރާގެ އާބާދީއޮތީ އެތާނގައެވެ. لـــوط ބާގައިގެ މީހުންގެ މައްޗަށް ޢަޒާބު އައިހިނދު އެބިންގަނޑު އަނެއްފުށަށް ޖެހިއްޖެއެވެ. އިންތިހާދަރަޖައިގެ ވަރުގަދަ ޒަލްޒަލާއާއި ބިންހެލުން އައުމުގެ ސަބަބުން އެތާނގެ ބިންގަނޑުވަނީ ކަނޑައިގެންގޮސް ގާތްގަނޑަކަށް ސާޅީސް މީޓަރު އަޑިޔަށް ގޮސްފައެވެ. މައްޗަށް ލޮނުގަނޑު އަރައިފައެވެ. ބަޙުރުލްމައްޔިތު ނުވަތަ ބަޙުރުލޫޠެވެ ކިޔެނީ އެހެންވެގެންނެވެ. (ޤަޞަޞުލްޤުރްއާން: 1/595، 596)

މާތްވެގެންވާ މުފައްސިރުން هــــــود ســــورة ގެ 83 ވަނަ އާޔަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެއާޔަތުގެ (وَمَــاهِــــيَ مِـــــنَ الظَّــلـِمِــيـْــنَ بِــبَــعِــيْـــدٍ) މިބަސްފުޅާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ. މިބަސްފުޅުން ދެމަފްހޫމެއް ނެރެވެއެވެ. އެއްމަފްހޫމަކީ ޢަޒާބުދެއްވި އަވަށްއަވަށް މައްކާއާ މާދުރެއް ނޫންކަމެވެ. (މައްކާގެ މީހުންވެސް އޭރުތިބީ އަނިޔާވެރިވޭވެއެވެ.) ދެވަނަ މަފްހޫމަކީ އެޤައުމު ހަލާކުކުރެއްވީ އެބައިމީހުންގެ ހަޑިހުތުރު ނުބައި ޢަމަލުގެ ސަބަބުންކަމާއި އެ ޢަމަލުކުރާ އެހެންމީހުންނަށްވެސް އެނުބައި ނިމުމާ ކުރިމަތިލާންޖެހުމަކީ ދުރުކަމެއް ނޫންކަމެވެ. عـــلاّمـــــة إبــــن كـشـيـــــر ލިޔުއްވައިފައިވެއެވެ.

"لـــوط ބާގައިގެ މީހުންކުރި ހުތުރު ފާފައިގައި މެކިފައިވާ މީހުންނަށްވެސް މިފަދަ ޢަޒާބަކާ ކުރިމަތިލާންޖެހުމަކީ ދުރުކަމެއްނޫނެވެ." (ތަފްސީރުލް ޤުރްއާނިލްޢަޡީމް: 4/351)

إبـــن عــبــاّس رضــى اللّــه عــنـــه ގެ އަރިހުން ރިވާވެފައިވަނީ މިދަންނަވާ ޝަރަޙައެވެ.

"މިބަސްފުޅުގެ މަޠުލަބަކީ އެބައިމީހުން (لـــوط ބާގައިގެ މީހުން) ކުރި ޢަމަލުކުރާ މީހުންނަށްވެސް އެފަދަ ކޯފާއެއް އައުމަކީ ދުރުކަމެއް ނޫންކަމެވެ." (އާލޫސީ، ރޫޙުލްމަޢާނީ: 6/301)

عـــلاّمـــــة بـيـضـــاوى رحــمـه اللّــه ވިދާޅުވެފައިވެއެވެ.

"މިމާތް އާޔަތުގައި އެނުބައި ފާފަކުރާ ކޮންމެ މީހަކަށްވެސް ވަޢީދު އައިސްފައިވެއެވެ. (އަންވާރުއްތަންޒީލި: 1/465)

One Photos - ucBtttyX1fRw2Qef80fLl3CJ9.jpg
ޕޮމްޕޭގެ ވީރާނާވަމުންދާ ފައްޅިއެއް. ޕޮމްޕޭއަށް ކޯފާ ފޮނުއްވީ ބަދު އަޚްލާޤީ ޢަމަލުތައް ގިނަވުމުގެ ސަބަބުން.

ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ އިންޒާރު

އެއްޖިންސުންއުޅުމަކީ ކިހައިބޮޑު ނުބައިކަމެއްކަން އަޅުގަނޑުމެންނަށް އިތުރަށް ބަޔާންވެ އެނގެނީ، ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ގެ އަންނަނިވި އިރްޝާދީ ބަސްފުޅުތަކުންނެވެ.

إبـــن عــبــاّس رضــى اللّــه عــنـــه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم އެއްދުވަހަކު ޞަޙާބީންނާ ވާހަކަފުޅު ދައްކަވަމުން ބޮޑެތި ފާފަތައްކުރާ ބައެއްމީހުންގެ ވާހަކަ ދެއްކެވިއެވެ. އެފަދަ ފާފަތަކުގެ ވާހަކަ ވަކިވަކީން ބަޔާންކުރައްވަމުން ޙަދީޘުކުރެއްވިއެވެ. "އެއްޖިންސުންއުޅޭމީހުންގެ މައްޗަށް މާތް اللّــه ގެ ލަޢުނަތް ހުއްޓެވެ." މިބަސްފުޅު ތިންފަހަރަށް ތަކުރާރުކުރެއްވިއެވެ. އެހެނިހެން ފާފަތަކާ ބެހޭގޮތުން އިލާހީ ޙަޟުރަތުގައި އެއުރެންނަށް ލަޢުނަތްހުރިކަމުގައި ވިދާޅުވީ އެންމެފަހަރަކުއެވެ. (އަޙްމަދު: 1/309، އަލްޙާކިމު: 4/356، ތިރުމިޒީ: 1456)

إبـــن عــبــاّس رضــى اللّــه عــنـــه ގެ އަރިހުން އައިސްފައިވާ އެހެން ރިވާޔަތެއްގައިވެއެވެ. ކައުސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ޙަދީޘުކުރެއްވިއެވެ.

"ބަޔަކު لـــوط ބާގައިގެ މީހުންކުރި ޢަމަލުކުރާތަން ތިޔަބައިމީހުންނަށް ފެނިއްޖެ ކަމުގައިވާނަމަ ކުރާމީހާއާއި ކުރުވޭމީހާއާ ދެމީހުންވެސް ޤަތުލުކޮށްލާށެވެ." (އަބީދާއޫދު: 4462، ތިރުމިޒީ: 1456، އިބްނުމާޖާ: 2561، އަޙްމަދު 2727 - އަލްބާނީ ޞައްޙަކުރައްވައިފައި)

لـــوط ބާގައިގެ މީހުންކުރި ޢަމަލުކުރާ މީހުންނާ ބެހޭގޮތުން أبـــوهـــــــريـــــرة رضــى اللّــه عـــنــــه ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ޙަދީޘްކުރައްވައިފައިވެއެވެ.

"މަތީގައި އޮތްމީހާއާއި އަޑީގައި އޮތްމީހާއާ ދެމީހުން ރަޖަމުކޮށްލާށެވެ." (އިބްނުމާޖާ: 2563)

إبـــن عــبــاّس رضــى اللّــه عــنـــه ގެ އަރިހުން އައިސްފައިވާ އެހެން ރިވާޔަތެއްގައިވެއެވެ.

"އަންހެނެއްގެ ނުވަތަ ފިރިހެނެއްގެ ފުރަގަސްފަރާތުގެ ދޮރުން އެމީހެއްގެ ޝަހްވަތްފުއްދާ މީހަކާ ދިމާޔަށް އަރަހުށި މާތް اللّــه ބައްލަވައިވޮޑިއެއް ނުގަންނަވާނެއެވެ." (ތިރުމިޒީ: 1165)

އިސްލާމީ ޝަރީޢަތުގައި މިކަމުގެ ޙައްސާސްކަން ވަރަށްބޮޑެވެ. އެހެންކަމުން ފިރިހެނަކު ފިރިހެނެއްގެ އައުރަބަލާކަށެއްވެސް ހުއްދައެއް ނުދެއެވެ. ހަމައެފަދައިން އަންހެނަކު އަންހެނެއްގެ އައުރަދެކޭކަށެއްވެސް އަމުރެއް ނުދެއެވެ. ފިރިހެނަކު ފިރިހެނަކާއެކު އަންހެނަކު އަންހެނަކާއެކު ބަރަހަނާ ހާލުގައި އެއްރަޖައެއްގެދަށުގައި ތިބޭކަށެއްވެސް ހުއްދައެއް ނުދެއެވެ. أبـــوسـعـيـد الخــــدرى رضــى اللّــه عـــنــــه ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صـلّــى اللّــه عـلـيــه وسـلّـــم ޙަދީޘުކުރެއްވިއެވެ.

"ފިރިހެނަކު އަނެއް ފިރިހެނެއްގެ ނިވާކުރާންޖެހޭ ހިސާބު ނުބަލާހުށިކަމެވެ. ހަމައެފަދައިން އަންހެނަކު އެހެން އަންހެނެއްގެ ހަށިގަނޑުގެ ނިވާކުރާންޖެހޭ ހިސާބު ނުބަލާހުށިކަމެވެ. ފިރިހެނަކު އެހެން ފިރިހެނަކާއެކު (އޮރިޔާންހާލުގައި) އެއްރަޖައެއްގެދަށުގައި ނުތިބޭހުށިކަމެވެ. އަންހެނަކުވެސް އަނެއް އަންހެނަކާއެކު (އޮރިޔާންހާލުގައި) އެއްރަޖައެއްގެދަށުގައި ނުތިބޭހުށިކަމެވެ." (ތިރުމިޒީ: 1165)

شــاه ولـــى اللّــه محـــــدّث دهـــلــــوى رحـمـه اللّــه މި ޙަދީޘާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ.

"ނިވާކުރާންޖެހޭ ހިސާބު ބެލުން މަނާކުރެއްވުމުގެ ސަބަބަކީ، އެކަމަކީ ޝަހްވަތްތެރިކަން ހިލުވައިލާ ކަމެއްކަމުގައިވުމެވެ. ވަރަށްގިނަފަހަރަށް އަންހެނުންގެ މެދުގައިވެސް އެކަކު އަނެކަކާމެދު ޝަހްވަތްތެރިކަން އުފެދެއެވެ. ހަމައެފަދައިން ފިރިހެނުންގެ މެދުގައިވެސް ޝަހްވާނީ ޖަޒުބާތުގެ ހައިޖާން އުފެދެއެވެ. އަންހެނުން އަންހެނުންނާއެކު ފިރިހެނުން ފިރިހެނުންނާއެކު އޮރިޔާމުން އެއްރަޖައެއްގެދަށުގައި ތިބުން މަނާކުރެއްވީ އެހެންވެގެންނެވެ. އޭގެސަބަބުން އެދުންވެރިކަމުގެ ޖަޒުބާތު އުފެދިގެން އައުމުގެ ވަރަށްބޮޑު އެކަށޭނަކަމެއް އޮންނާތީއެވެ. އޭގެ ނަތީޖާއެއްގެގޮތުން ސިޙާޤު (އަންހެންކުޅި) އާއި ލިވާޠަތު (ފިރިހެންކުޅި) ގެ ފަރާތަށް ހިތްލެނބިގެން ހިނގައިދާނެތީއެވެ. (ޙުއްޖަތުاللّــه އަލްބާލިޣާ: 2/194)

ފިޤުހުވެރީން ދެކެވަޑައިގަންނަވާގޮތް

One Photos - h8XNdBSA1ZKQyA7zKxqO08aBM.jpg
ޕޮމްޕޭ ޝަހަރު މިހާރު އޮންނަ ގޮތް. ފަހަތުން އެފެންނަނީ ވެސޫވިއަސް އަލިފާން ފަރުބަދަ ---

ފިޤުހުވެރީންގެ ޖުމްހޫރުން ވިދާޅުވާގޮތުގައި އެއްޖިންސުންއުޅުމުގެ އަދަބަކީ ޒިނޭގެ އަދަބެވެ. ކާވެނިކޮށްފައިވާ މީހަކު ކަމުގައިވާނަމަ ރަޖަމުކުރުމެވެ. ކާވެނިނުކުރާމީހަކު ކަމުގައިވާނަމަ ސަތޭކައެތިފަހަރުން ތަޢުޒީރުކުރުމެވެ. އެހެނީ ކީރިތި ޤުރްއާނުގައި ޒިނޭއާ ބެހޭގޮތުން ވަޙީކުރައްވައިފައިވަނީ ފާޙިޝް ޢަމަލެއްކަމުގައެވެ. (الإســـــــراء: 32) ލިވާޠާ ބެހޭގޮތުންވެސް ވަޙީކުރައްވައިފައިވަނީ ފާޙިޝް ޢަމަލެއްކަމުގައެވެ. (الأعـــــــراف: 80) ޝައްކެއްނެތެވެ. މިކަމުގެ ތަފްސީލުތަކާމެދު ފިޤުހުވެރީންގެ މެދުގައި ޚިލާފު ހުރެއެވެ.

ألإمــام أبـــوحــنيــفـــة رحـمـه اللّــه ވިދާޅުވަނީ އެއްޖިންސުންއުޅޭ ކޮންމެމީހަކުވެސް ތަޢުޒީރު ކުރުމަށެވެ. ނަމަވެސް އިމާމުގެ އިސްދެދަރިވަރުން (إمــام محــمّد އާއި إمــام أبـــو يــوسف (رحـمــهــم اللّــه) ވިދާޅުވަނީ ޒިނޭގެ އަދަބު ދިނުމަށެވެ. އެނުބައި ޢަމަލު ތަކުރާރުކޮށްފިކަމުގައިވާނަމަ ޤަތުލުކުރުމަށެވެ. މާލިކީން ވިދާޅުވަނީ، މިފާފަކޮށްފިކަމުގައިވާނަމަ އެމީހަކީ ކާވެންޏެއް ކޮށްފައިހުރި މީހަކުކަމުގައިވިޔަސް ކާވެންޏެއް ނުކުރާމީހަކު ކަމުގައިވިޔަސް ޤަތުލުކުރުމަށެވެ. إمــام أحمـد ގެ އަރިހުގައިވެސް އެއްޖިންސުންއުޅުމުގެ އަދަބަކީ ޒިނޭގެ އަދަބެވެ.

ސިޙާޤު (އަންހެންކުޅި ކުޅުމުގެ) ޙުކުމަކީވެސް މިއެވެ. ދެއަންހެނަކު އެކަކު އަނެކެއްގެ ފަރާތުން ޖިންސީ ލައްޒަތު ހޯދުމަކީވެސް ޙަރާމްކަމެއްކަމަށް ފިޤުހުވެރީން އިއްތިފާޤުވެވަޑައިގަންނަވައެވެ. އެކަމަކު ބައެއް ބޭކަލުން ވިދާޅުވާގޮތުގައި އެކަންކުރާ އަންހެނުން ޙައްދުޖެހުމުގެ ބަދަލުގައި ތަޢުޒީރު ކުރާނީއެވެ. (އަލްމައުސޫޢަތިލް ފިޤުހިއްޔާ - ކުވައިތު: 24/251، 252، 35/340، 341)

ކަންމިހެންހުރިއިރު އިސްލާމީ ޤައުމެއްގައި އެއްޖިންސުން އުޅުމަކީ އެއްވެސްކަމަކަށް ނުވާވަރަށް އެކަމުގެ އަދަބު ލުއިކުރާން ވަކާލާތުކުރާކަމީ ހިތާމަހުރި ކަމެކެވެ.

ތަހްޒީބީ މުޖްތަމަޢެއްގެ ޒިންމާ

އިސްވެދިޔަ ތަފްސީލުތަކުން އެނގޭފަދައިން އެއްޖިންސުންއުޅުމަކީ މުޖްތަމަޢަކަށްޓަކައި ޤަތުލުކޮށްލަނިވި ޒަހަރެކެވެ. އިންސާނީ ފިޠުރަތާ ދެކޮޅަށް ބަޣާވަތްކުރުމެކެވެ. ހަނގުރާމަކުރުމެކެވެ. މިނުރައްކައުތެރި އަދި ފަރުވާއެއްނެތް ބަލީގެ ޝިކާރަޔަކަށްވަނީ ހުސްއެކަނި މިނުބައި ޢަމަލުކުރާ މީހުންނެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ ޢާންމު ޞިއްޙަތަށްވެސް ބިރުވެރި އެތައް މައްސަލަތަކެއް ކުރިމަތިކުރުވާކަމެކެވެ. މީގެއިތުރަށް މިކަމަކީ ޢާއިލީ ނިޒާމުގެ ބިންގާ ގުޑުވައިލާކަމެކެވެ. އިންސާނީ ތަމައްދުނުގެ ހީރަސްކަނޑައިލާކަމެކެވެ. އެހެންކަމުން މުޖްތަމަޢުގެ ތަންދޮރުފިލާ ވިސްނުންތެރި އެންމެންގެ ވާޖިބަކީ މިނުބައި ވަބާ ފެތުރުނަނުދޭން ފައިވިއްދުމެވެ. ބާރުލައި މަސައްކަތްކުރުމެވެ. މިބިރުވެރި ސައިލުގެ ކުރިމަތީގައި ހުރަހެއް ޤާއިމުކުރެވޭތޯ މަސައްކަތްކުރުމެވެ. ފަރުދުންގެ ޒާތީ މިނިވަންކަމާއި މުސާވާތާއި ތަފާތު ނުކުރުމާއި އަސާސީ ޙައްޤުތަކުގެ ނަމުގައި އަލިފާންބެރުޖަހައިގެން މިނުބައި ޢަމަލުކުރުމުގެ ޤާނޫނީ ހުއްދައެއް ނުހޯދޭނެއެވެ. މިއީ ކެޕިޓަލިސްޓު އިސްތިޢުމާރުން ކުޅެމުންދާ ނުބައި ކުޅިގަނޑެކެވެ. މުޖްތަމަޢުގެ ސަލާމަތާއި ރީތި ސުލޫކަށްޓަކައި މިވަބާ ހުއްޓުވުމަކީ ކޮންމެހެން ކުރާންޖެހޭކަމެކެވެ.

(ނިމުނީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.