ޗާގޯސް، ރާއްޖޭގެ ތަނަކަށް ހެދުމަށް ލިބުނު ފުރުސަތު ނަގާލީ ރައީސް ޔާމީން: ޝާހިދު

ޗާގޯސް، ރާއްޖޭގެ ތަނަކަށް ހެދުމަށް ލިބުނު ފުރުސަތު ނަގާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާތަނަށް ރާއްޖޭގައި އެކުލަވާލެވުނު އެއްވެސް ޤާނޫނު އަސާސީއެއްގައި އެއްވެސް އިރެއްގައި ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިމެނޭ ރަށްތަކެއްކަމަށް ކަނޑައަޅަފައި ނުވާ ކަމަށެވެ.

"މިހާރު ޢަމަލުކުރާ ޤާނޫނު އަސާސީއަކީ ދިވެހި ދައުލަތުގެ ހުރިހާ ބާރަކުންވެސް ޢަމަލުކުރަންޖެހޭ ޤާނޫނު އަސާސީއެއް. އެއާއި ދިވެހި ދައުލަތުން ޚިލާފެއް ނުވޭ. ނުވެސްވާނެ. އަދި ރާއްޖޭގެ ސަރަހައްދަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ." މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޭސްލައިން ދަމާލުމުން ޗާގޯސްއާއި ދެމެދު 200 ނޯޓިކަލް މޭލު ސަރަހައްދު ފުށުއަރާ މައްސަލާގައި 1992 ވަނަ އަހަރު އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާދެމެދު މަޝްވަރާކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ކަނޑުގެ ސަރަހައްދު ފުށުއަރާ ފުށުއެރުން ހައްލުކުރުމުގައި އިކުއިޑިސްޓެންސްގޮތުގައި ހައްލުކުރުމަށް ބަޔާންކޮށްފައިވާކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.