އެއީ، 1982 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހެވެ. ޔަހޫދީ އިސްރާއީލުން ވާގިވެރިވެގެން ލުބްނާނުގައި ޙަރަކާތްތެރިވާ ފެލޭންޒް ހަނގުރާމަވެރިން، ފަލަސްތީނުގެ ރެފިއުޖީންނާއި ލުބްނާނުގެ މަދަނީންގެ ދެހާހާއި ތިންހާސް ފަސްސަތޭކައާ ދެމެދުގެ މީހުން މަރައި ޤަތުލުކުރި ހިތާމަވެރި ޙާދިސާ ފެށުނު ދުވަހެވެ. އެ ޢަދަދަށް މީހުން މަރައި ޤަތުލު ޢާންމު ހިންގީ އެންމެ ދެދުވަހުގެ ތެރޭގައެވެ. މިހާތަނަށް ސާޅީސް އަހަރު ވީއެވެ. އެޙާދިސާގައި ޒިންމާވާ އެއްވެސް މީހަކަށް ޙައްޤު އަދަބެއް ނުދެވެއެވެ. އ.ދ އާއި ބައިނަލްއަޤްވާމީ އިދާރާތަކުން އެކަންކުރުމަށް ވަނީ ނުކުޅެދިފައެވެ. އެމެރިކާއާއި އިސްރާއީލުގެ ނުފޫޒުގެ ދަށުންނެވެ. އެ ޤަތުލުޢާންމު ހިންގިގޮތަށް ބަލާއިރު، ކުށްވެރިވާ އެތައްބަޔަކު އެބަތިއްބެވެ. ޤަތުލު ޢާންމުގެ ޒިންމާ އުފުއްލަންޖެހޭ އެންމެ އިސްމީހަކީ އޭރު، އިސްރާއީލުގެ ދިފާޢީ ވަޒީރުކަމުގެ މަޤާމުގައިހުރި އާރިއަލް ޝެރޯނެވެ. އިސްރާއީލު ސަރުކާރުން ހިންގި ތަޙުޤީޤެއްގައި ޝެރޯން އެކަމަށް ޒިންމާވާންޖެހޭކަމަށް ނިންމައި، ދިފާޢީ ވަޒީރުކަމުން ވަކިކުރިއެވެ. އެކަމަކު ކެބިނެޓްގެ ވަޒީރުކަމުން ވަތްކެއް ނުކުރެއެވެ. ދިފާޢީ ވަޒީރުކަމުން، ޝެރޯން ވަކިކުރިނަމަވެސް، މަކަރުވެރި ޔަހޫދީ ދައުލަތުން، ދިފާޢީ ހުރިހާ ކަމެއް ނިންމަމުން ގެންދިޔައީ ޝެރޯންގެ ލަފާގެ މަތިންނެވެ.
ޞަބްރާއާއި ޝާތީލާގެ ޤަތުލު ޢާންމު ހިނގިގޮތަށް ބަލާއިރު، އެއީ ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގި ޢުދްވާނެއްކަން ވަރަށް ރަނގަޅަށް ސާބިތު ވެއެވެ. އެއީ ލުބުނާނުގެ ދާޚިލީ ހަނގުރާމައިގެ ތާރީޚުގައި ހިނގި އެންމެ އަނިޔާވެރި ޤަތުލުޢާންމެވެ. ފަލަސްތީނުގެ ރެފިއުޖީން، ބޭރުތުގައި ދިރިއުޅޭ ޝާތީލާ ރެފިއުޖީ ފޭލިގެއާއި، ޖެހިގެން ހުންނަ ޞަބްރާ ރެފިއުޖީ ފޭލިގެއަކީ ލުބްނާނުގެ ވެރިރަށް ބޭރޫތުގެ ދެކުނު ހުޅަނގުގައި ޤާއިމް ކުރެވިފައިހުރި، ފަލަސްތީނުގެ ނިކަމެތި ރެފިއުޖީން ދިރިއުޅެމުން ގެންދާ ތަންތަނެވެ. އެތަނުގައި ދިރިއުޅެމުންގެންދާ ނިކަމެތިންނަކީ، އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ޔަހޫދީ ސަރުކާރުން، އެމީހުންގެ އަމިއްލަ ގެދޮރުން ގަދަކަމުން ނެރެ، ޤައުމުން ބޭރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނެވެ. މި ދެ ފޭލިގޭގައި ދިރިއުޅެމުން ގެންދަނީ، 1948 ގައި ޔަހޫދީ ދައުލަތް އުފެދުމާއެކު، އަނިޔާވެރިކަން ޙައްދު ފަހަނަޅައި ފަލަސްތީނުން ބޭރުކުރި ހަތް ލައްކައެއްހާ ފަލަސްތީނުގެ ޢަރަބީންނެވެ. 1982 ގައި މި ދެފޭލިގޭގައި ދިރިއުޅޭ އެންމެން މަރައި ޤަތުލުޢާންމު ހިންގި އިރު، އެދެ ފޭލިގޭގައި ދޮޅު މިލިއަން ރެފިއުޖީން ދިރިއުޅެއެވެ. 58 ރެފިއުޖީ ފޭލިގެ ބިނާ ކުރެވިފައި ވެއެވެ. ލުބްނާނުގެ ދާޚިލީ ހަނގުރާމަ ފެށުނީ، 1975 ގައެވެ. މި ހަނގުރާމައަކީ، ފަލަސްތީނުގެ ރެފިއުޖީންނާއި ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް، ފެލޭންޒް ހަނގުރާމަވެރިން ފެށި ދާޚިލީ ހަނގުރާމައެކެވެ.
ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ގެދޮރުން ގަދަކަމުންނެރެ ޤައުމުން ބޭރުކޮށްލުމަކުން، އަނިޔާވެރި ނުބައި ނުލަފާ، ޝެރޯންގެ ކަރުހިއްކުމެއް ނުފިލިއެވެ. ލުބުނާނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދިޔަ، ފެލޭންޒް ހަނގުރާމަވެރިންނަށް ވާގިވެރިވެގެން، ލުބުނާނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ނެތިކޮށްލުމަށް ޝެރޯންގެ އަނިޔާވެރި ސިކުނޑިން ރޭވިއެވެ.
ފެލޭންޒަކީ، ލުބުނާނުގެ ދާޚިލީ ހަނގުރާމައިގާ، ލުބްނާނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ނަޞާރާއިންނަށް ނިސްބަތްވާ ޕާޓީއެވެ. އެޕާޓީއަށް ކަތީބު ޕާޓީއޭވެސް ކިޔެއެވެ. އެއީ ނަޞާރާއިންނަށް ނިސްބަތްވާ އެންމެ ބޮޑު ޕާޓީއެވެ. މީގެ 40 އަހަރުކުރިން، 1982 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 16 އިން 18 އަށް، ޞްބްރާއާއި ޝާތީލާގައި ދިރިއުޅުނު ފަލަސްތީނުގެ ރެފުއުޖީންނާއި ލުބްނާނުގެ މަދަނީންނަށް ޙަމަލާދިނީ، ޔަހޫދީ އިސްރާއީލުގެ ހަތިޔާރު އެޅި ސިފައިންގެ މަދަދާއި ވާތްގާ އަދި ރޭވުމާއެކު، ލުބްނާނުގެ ކަނާތުފިޔައިގެ ހަނގުރާމަވެރި ޖަމާޢަތެއްކަމުގައިވާ ފެލޭންޒުންނެވެ.
ޔަހޫދީ އިސްރާއީލުން އެ ޤަތުލުޢާންމު ރާވައި ހިންގީ ކިހިނެއްތޯ ބަލައިލުމަކީ މުހިންމު ކަމެކެވެ. މަކަރުވެރި ޔަހޫދީ ދައުލަތް މިކަމުގައި ޒިންމާވާކަން ދެނެގަތުމަށްޓަކައެވެ. 1975 އިން 1990 އަށް ލުބްނާނުގައި ހިނގި ދާޚިލީ ހަނގުރާމައިގެ ތެރޭގައި، 1982 ގެ ޖޫންމަހު، އިސްރާއީލުން ލުބްނާނު ހިފައި އެ ޤައުމުގެ މައްޗަށް އަތްގަދަކުރިއެވެ. ޕީ އެލް އޯ ނައްތައިލުމަށް ކަމަށް ބުނެ ބަޔާން ނެރުމަށްފަހުގައެވެ. ޕީ އެލް އޯ އަކީ، ލުބުނާނުގެ ބޭރޫތުގައި ޤާއިމް ކުރެވިފައިވާ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާޢަތެވެ. ޕީ އެލް އޯ އިން، ލުބްނާނުގެ ދެކުނު ސަރަޙައްދުން، އިސްރާއީލަށް ޙަމަލާ ދެމުން ގެންދިޔައެވެ.
ޕީ އެލް އޯ ލުބްނާނުން ފޭބީ 1 ސެޕްޓެމްބަރ 1982 ގައެވެ. އެމެރިކާއާ އަދި ޞުލްޙަ ބަލަހައްޓާ އދ ގެ ގުޅިފައިވާ ލަސްކަރުން، ފަލަސްތީނުގެ ރެފިއުޖީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްވީ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ދެހަފުތާފަހުން، އިސްރާއީލުގެ ހަނގުރާމަވެރި ލަސްކަރު، ޞަބްރާއާއި ޝާތީލާ ރެފިއުޖީ ކޭމްޕްތައް ވަށައިލިއެވެ. އަދި އިސްރާއީލާ ގުޅިފައިވާ ފެލޭންޒް ނަޞާރާއިން، އެފޭލިގެތަކަށް ވަދެ، ޤަތުލުޢާންމު ހިންގުމަށް މަގުފަހިކޮށް، ފެލޭންޒަށް ރައްކާތެރިކަންދީ ވާގިވެރިވެ ދިނެވެ. އެ ޤަތުލުޢާންމު ހިންގީ 43 ގަޑިއިރު އެވެ. 1982 ވަނަ އަހަރުގެ 16 ސެޕްޓެމްބަރ ގެ ހެނދުނު 6 އިން ފެށިގެން، 18 ސެޕްޓެމްބަރ ގެ މެންދަމު 1 ޖަހަން ދެނެވެ.
ޔަހޫދީ އިސްރާއީލުން ވާގިވެރިވެގެން ހިންގި އެ ޤަތުލުޢާންމުގައި މަރުވި މީހުންގެ ސާފު ޢަދަދު ވަކިކުރަން ދަތިވިޔަސް، ދެހާހާއި ތިންހާސް ފަސް ސަތޭކަ އާ ދެމެދުގެ ޢަދަދަކަށް މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނެވެ. ލުބްނާނުގެ މަދަނީ މުސްލިމުންވެސް ކޮންމެވެސް ވަރަކަށް ހިމެނެއެވެ. މި ޤަތުލުޢާންމާ ގުޅިގެން އެކި ފަރާތްތަކުން ހިންގި ތަޙުޤީޤަށް ބަލާއިރު، އަނިޔާވެރިކަން އިންތިހާއަށް ގޮސްފައި ވެއެވެ. ކަރުބުރި ކުރުމާއި އަތްފައި ކެނޑުމާއި، ގަދަކަމުން ޖިންސީ ގުޅުން ހިންގައި މަރައިލުންފަދަ އަނިޔާވެރި އެތައް ޢަމަލެއް ހިމެނެއެވެ. އަދި އެއްތާކަށް އެއްކޮށް ބަޑިޖަހައި މަރައި ފުނިފުންޏަށް ޖަހާފައި ވެއެވެ. މި އަނިޔާވެރި ޤަތުލުޢާންމުގެ މަންޒަރުތައް ދުނިޔޭގެ އެކި ޤައުމުތަކުގެ ޓީވީން ފޮނުވާފައި ވެއެވެ. މިކަމާ ގުޅިގެން، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގެ ނުރުހުމާއި ނަފުރަތު، އިސްރާއީލަށް އަމާޒުވެގެން ދިޔައެވެ. އަދި، އެމެރިކާއާއި، އދ ގެ ޞުލްޙަ ބަލަހައްޓާ ލަސްކަރުގެ ޒިންމާއާއި މަސްއޫލިއްޔަތާމެދު ސުއާލު އުފައްދާފައި ވެއެވެ. އެއީ، ލުބްނާނުގައި ދިރިއުޅެމުން ގެންދިޔަ ފަލަސްތީނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޖާމިނުވެ، ލުބްނާނުން ޕީ އެލް އޯ ބާލައި، އެންމެ ދެހަފުތާގެ ތެރޭގައި އެފަދަ ބޮޑު ޖަރީމާއެއް ރާވައި ހިންގަން އިސްރާއީލަށް ފުރުޞަތު ދީ، އެ ޤަތުލުޢާންމަށް ވާގި ދިނުމުންނެވެ.
ފަލަސްތީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން، ޕީ އެލް އޯ އަކީ 1964 ގައި އުފެދުނު ޖަމާޢަތެކެވެ. ޕީ އެލް އޯ އުފެއްދުމުގެ މަޤްޞަދަކީ، ޔަހޫދީ އިސްރާއީލުގެ އަތްދަށުން ފަލަސްތީނުގެ ބިން މިނިވަން ކުރުމެވެ. އަދި 1948 ގައި ފަލަސްތީނުގެ ބިމުން ބޭރުކުރެވުނު ފަލަސްތީނުގެ ރައްޔިތުން އަނބުރާ ގެނެސް، ފަލަސްތީނުގެ އަމިއްލަ މިނިވަންކަން ހޯދުމެވެ. އުފެދުމުގައިވެސް ޕީ އެލް އޯ ގެ ޒަޢާމަތުގައި ހުންނެވީ ޔާސިރު ޢަރަފާތެވެ. ޕީ އެލް އޯގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވުނީ މިސްރުގެ ވެރިރަށް ޤާހިރާގައި 1964 ގައެވެ. 1970 އިން 1971 އަށް ޕީ އެލް އޯގެ ޙަރަކާތްތައް އުރުދުނުން ލުބްނާނަށް ބަދަލު ކުރެވުނެވެ.
1948 ގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގި ޢުދުވާނުގައި ފަލަސްތީނުގެ އެއްލައްކައަށްވުރެ ގިނަ ރައްޔިތުން ޤައުމުން ބޭރުކުރިއެވެ. އޭގެ ތެރޭގައި ގިނައީ، ތާރީޚީ ފަލަސްތީނުގެ ބިމުގެ އުތުރު ސަރަޙައްދުގައި ދިރިއުޅުނު ޢަރަބީންނެވެ. ފަލަސްތީނުގެ ސިޔާސީ ޕާޓީތައް ގުޅިގެން، ޔަހޫދީ އިސްރާއީލާ ދެކޮޅަށް، މަދަނީ އަދި ހަނގުރާމައިގެ ވަޞީލަތްތައް ބޭނުންކޮށްގެން އަމިއްލަ މިނިވަންކަމެއް ހޯދުމުގެ މަޤްޞަދުގައި އުފެދުނު ޕީ އެލް އޯ ގެ ޙަރަކާތްތައް ފުރަތަމަ ހިންގީ ލުބްނާނުގައެވެ. އެހެންނަމަވެސް، އުރުދުނުން ބޭރުކުރެވުމުން 1970 ގައި ޕީ އެލް އޯގެ ޙަރަކާތްތައް ހިންގުނީ ލުބްނާނުގެ ވެރިރަށް ބޭރޫތުގައެވެ. 1969 ގައި ލުބްނާނުގެ ސިފައިންނާއެކު ޕީ އެލް އޯއިން އެއްބަސްވުމެއް އެކުލަވައިލިއެވެ. މި އެއްބަސްވުމަކީ މިސްރުން އިސްނަގައިގެން ވެވުނު އެއްބަސް ވުމެކެވެ، މި އެއްބަސްވުމުގެ ދަށުން ލުބްނާނުގައި ހުރި 16 ރެފިއުޖީ ފޭލިގެއެއް ޕީ އެލް އޯގެ ބާރުގެ ދަށަށް އައެވެ. މި ބަދަލާ ގުޅިގެން، ލުބްނާނުގެ ދެކުނު ސަރަޙައްދުން، އިސްރާއީލަށް ރޮކެޓް ޙަމަލާ ދިނުމުގެ ފުރުޞަތު ޕީ އެލް އޯއަށް ތަނަވަސްވިއެވެ.
ލުބްނާނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 1975 ގައެވެ. އެއްކޮޅުން ހަނގުރާމަ ކުރީ، އިސްރާއީލުން ވާގިދޭ، ނާޞާރާއިންގެ ޕާޓީތަކުގެ އިއްތިހާދު، ލެބަނީޒް ފްރޮންޓާއި އެމެރިކާއެވެ. އަނެއްކޮޅުން ހަނގުރާމަ ކުރީ، މެދުމިންވަރަށް ތާއީދުކުރާ ވާތުފިޔައިގެ ޕޭން ޢަރަބް ސުންނީ އަދި ޝީޢާ މުސްލިމުންގެ އިއްތިހާދު، ލެބަނީޒް ނެޝަނަލް މޫމަންޓް އާއި ޕީ އެލް އޯ އެވެ.
ޔަހޫދީ އިސްރާއީލުގެ ދިފާޢީ ވަޒީރަކަށްހުރި، ނުބައި ނުލަފާ އާރިއަލް ޝެރޯން އިސްވެ ހުރެ ހަނގުރާމަކޮށް ލުބްނާން ހިފީ 1982 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ބޭރޫތަށް ބޮން އަޅައި ސުންނާފަތި ކުރުމަށްފަހުގައެވެ. ޕީ އެލް އޯގެ މަރުކަޒީ އިދާރާ ހުންނަނީ ލުބްނާނުގައެވެ. 1 ސެޕްޓެމްބަރ 1982 ގައި ޕީ އެލް އޯ ލުބުނާނުން ފޭބީ އދ ގެ ޞުލްޙަ ބަލަހައްޓާ ލަސްކަރެއް ލުބްނާނަށް އައުމުންނެވެ. އަދި ލުބްނާނުގައި އޭރތިބި ފަލަސްތީނުގެ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަން އެ ލަސްކަރުންނާއި އެމެރިކާއިން ކަށަވަރު ކޮށްދިނުމުންނެވެ.
ޞުލްޙަ ބަލަހައްޓަން ލުބްނާނަށް އައި ލަސްކަރު 30 ދުވަސްވަންދެން ލުބްނާނުގައި ތިބެން ޖެހެއެވެ. އެހެންނަމަވެސް އެއަށްވުރެ އަވަހަށް 10 ސެޕްޓެމްބަރގައި އެ ލަސްކަރު ލުބްނާނުން ފޭބިއެވެ. އެ ލަސްކަރު ލުބްނާނުން ފޭބިތާ 5 ދުވަސްވެސް ނުވަނިސް، ލުބްނާނުގެ ރައީސްކަމަށް އިންތިޚާބުވެފައިހުރި، އަދި ލުބްނާނުގެ ޢަސްކަރިއްޔާގެ ޒަޢީމު، 14 ސެޕްޓެމްބަރގައި އަވަހާރަ ކޮށްލެވުނެވެ. އެއީވެސް އިސްރާއީލުން ރާވައިގެން ހިންގި ޢުދުވާނެކެވެ. އޭގެ ފަހު ދުވަހު، އިސްރާއީލުން ބޭރޫތު ހިފައި އިސްރާއީލުގެ ބާރުގެ ދަށަށް ލުބްނާނު ގެނައެވެ. އަދި ފަލަސްތީނުގެ ރެފިއުޖީ ކޭމްޕްތައް ވަށާލައި އެކޭމްޕްތަކުން އެއްވެސް މީހަކު ނުކުތަ ނުދީ ބަންދު ކުރިއެވެ. އެއަށްފަހު، ފެލޭންޒަށް ނިސްބަތްވާ ހަނގުރާމަވެރިން އެފޭލިގެތަކަށް ވަންނަން ފުރުޞަތު ދިނެވެ. އެއާއެކު ޞަބްރާ އާއި ޝާތީލާއާ ދެ ފޭލިގޭގައި ދިރިއުޅެމުން ގެންދިޔަ މީހުން މަރައި ޤަތުލުޢާންމު ހިންގިއެވެ.
1982 ގައި ނެގިފައިވާ ހިސާބުތަކަށްބަލާއިރު، ފަލަސްތީނާއި ފަލަސްތީނާ އިންވެގެންވާ އަވަށްޓެރި ޤައުމުތަކުގައި ދޮޅު މިލިއަން ރެފިއުޖީން ދިރިއުޅެމުން ގެންދިޔައެވެ. މިއީ މިހާތަނަށްވެސް، ދުނިޔޭގައި ޙާއްލު ނުކުރެވި އޮތް އެންމެ ނާޒުކު މައްސަލައެވެ. ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅެމުންގެންދާ ޤައުމުތަކުގެ ތެރޭގައި، އުރުދުން އާއި ލުބްނާން، ސޫރިއާ އަދި ގޯލާންގެ އުސްބިންތަކާއި ވެސްޓް ބޭންކް ހިމެނެއެވެ. މިސަރަޙައްދުތަކުގައި ޤާއިމް ކުރެވިފައިވާ ރަސްމީ 58 ފޭލިގެއެއްގައި ދޮޅުމިލިއަން ރެފިއުޖީން ދިރިއުޅެއެވެ.
1982 ގައި އިސްރާއީލުން ޞަބްރާ އާއި ޝާތީލާގައި ހިންގި ޤަތުލު ޢާންމަކީ، "އިންސާނިއްޔަތާއި އިންސާނީ ޙައްޤުތަކާ ޚިލާފް ޤަތުލު ޢާންމެއް" ކަމުގައި އދ ގެ ޢާންމު މަޖިލީހުން ފާސްކޮށްފައި ވެއެވެ. 1993 ގެ އޮސްލޯ މުޢާހަދާގެ ކުރިން އަދި ޕެލަސްތީނިއަން އޮތޯރިޓީ އުފެއްދުމުގެ ކުރިން ޕީ އެލް އޯ ގެ މަރުކަޒީ އިދާރާ ތޫނިސްއަށް ބަދަލު ކުރެވުނެވެ. ޞަބްރާ އާއި ޝާތީލާގެ ޤަތުލުޢާންމަކީ، ފަލަސްތީނުގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި ޙާދިސާކަމުގައި ތާރީޚުގައި ލިޔެވިގެން ދިޔައެވެ. އަދި އެ ޤަތުލުޢާންމު ހިންގި ދުވަސް، ލުބްނާނާއި ފަލަސްތީނުގައި، ކޮންމެ އަހަރަކުވެސް ފާހަގަ ކުރެވެމުން ދެއެވެ. ލުންބާނުގައި މިހާރުވެސް ފަސް ލައްކައެއްހައި ރެފިއުޖީން ދިރިއުޅެމުން އެބަ ގެންދެއެވެ. އެއީ ޞަބްރާއާއި ޝާތީލާގެ ޤަތުލުޢާންމުން ސަލާމަތްވި މަދު ބަޔަކާއި އަލަށް އުފަންވި ޖީލެވެ. ރެފިއުޖީންގެ 45 އިންސައްތަ މީހުން ދިރިއުޅެމުން ގެންދަނީ 12 ފޭލިގެއެއްގައެވެ. އެފޭލިގެތަކުގެ ޙާލަތު، އިންސާނުން ދިރިއުޅެން ކަމުނުދިޔަޔަސް އެމީހުންނަށް އެހެންގޮތެއް ނެތެވެ. ފޭލިގެތައްވަނީ ދިރިއުޅޭ މީހުން ގިނަވެ ތޮށްޖެހިފައެވެ. ވަޒީފާ ނުލިބުމާއި، ބަނޑުހައިހޫނުކަން އެއީ ޢާންމު ކަމެކެވެ. ދިރިއުޅުމުގެ އަސާސީ އަދި ޟަރޫރީ ބޭނުންތައް ލޮލަށް ނުފެންނަ އެތައް ބަޔެކެވެ. ޤާނޫނީ ހިޔާވަހިކަމާއި ރައްކާތެރިކަން އަމުދުން ނެތެވެ. ފަންނީ 39 ދާއިރާއެއްގައި މަސައްކަތްކުރުން ރެފިއުޖީންނަށް އޮންނަނީ މަނާކުރެވިފައެވެ. ގެދޮރު މިލްކެއް ނުކުރެވެއެވެ. އޭގެ އިތުރަށްވެސް އެތައްކަމެއް އޮންނަނީ ރެފިއުޖީންނަށް މަނާ ކުރެވިފައެވެ. ފަލަސްތީނުގެ ރެފިއުޖީންގެ ޙައްޤުތަކަށް ދުނިޔެ އިހުމާލުވެފައިވާކަން، ކޮންމެ އަހަރަކުވެސް ދުނިޔެއަށް ހަނދާން ކޮށްދެމުން ގެންދެއެވެ. އެހެންނަމަވެސް، އެކަމަށް ޙައްލެއް ހޯދުމަށްޓަކައި ދުނިޔެވަނީ ނުކުޅެދިފައެވެ. ދުނިޔޭގެ ބާރުގަދަ ޤައުމުތަކުގެ ޚާއްޞަކޮށް، އެމެރިކާ އާއި އިނގިރޭސިވިލާތުގެ ނުޙައްޤު ނުފޫޒުންނެވެ.
ޞަބްރާއާއި ޝާތީލާގެ ޤަތުލުޢާންމު ހިންގުމުގައި ބައިވެރިވި، ލުބްނާނާއި އިސްރާއީލުގެ އެއްވެސް މީހަކަށް، މިހާތަނަށް އެއްވެސް އަދަބެއް ދެވިފައެއް ނުވެއެވެ. އެކަން ހިނގިތާ މިހާރު 40 އަހަރު ވީއެވެ. އދ ގެ ކަމިޝަނުން ފެބްރުއަރީ 1983 ގައި ހިންގި ތަޙުޤީޤެއްގައި، އިސްރާއީލުގެ ހަނގުރާމަވެރި ލަސްކަރު އެ ޤަތުލުޢާންމުގައި ސީދާކޮށް ބައިވެރިވެފައިވާކަމުގައި ސާބިތުކޮށްދީފައި ވެއެވެ. އެ ޤަތުލުޢާންމުން ސަލާމަތްވި ބައެއްމީހުން ޝެރޯންއާ ދެކޮޅަށް ބެލްޖިއަމްގެ ކޯޓުގައި ކުރި ދަޢުވާވެސްވަނީ ބޭރު ކޮށްލާފައެވެ. އެމެރިކާއާއި އިސްރާއީލުގެ ނުފޫޒުގައެވެ.
އިންސާނީ ޙައްޤުތަކުގެ ވާހަކައާއި ޑިމޮކްރަސީގެ ވާހަކަ ދައްކަން ހުޅަނގުގެ ޤައުމުތަކުން ލަދު ގަންނަން ޖެހެއެވެ. އެމެރިކާއާއި އިނގިރޭސީން ވާގިވެރިވެގެން، އިސްރާއީލޭ ކިޔާ ޔަހޫދީ ދައުލަތުން، ފަލަސްތީނުގެ އަމިއްލަ ބިމަށް ވެރިވެގަނެ، މިހާރުވެސް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކަށް ހުޅަނގުގެ ޤައުމުތަކުން ދަނީ އެއްބާރުލުން ދެމުންނެވެ. ދެފުށް ދެގޮތް މުނާފިޤުންގެ ގޮތުގައި، ލަދުޙަޔާތުގެ ކަންފުޅެއްވެސް ނެތިއެވެ. އެހެންނަމަވެސް، ﷲ ގެ ޙަޟުރަތުން، ޙައްޤަށް ނަޞްރުދެއްވާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއީ މުޅި އިސްލާމީ އުއްމަތުގެ ދުޢާއެވެ.