އިޖްތިމާޢީ ޚިދުމަތުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަކަށް ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފި

ފޮޓޯ: ޖެންޑަރ މިނިސްޓްރީ ޓްވިޓަރ

އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި އިދާރާތަކުގެ ފަރާތްތަކަށް ޚާއްސަކުރެވިގެން ޓީ.އޯ.ޓީ ތަމްރީން ޕްރޮގްރާމެއް ހިންގައިފި އެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ހުރިހާ މުޖުތަމަޢުއެއްގައި ޤާއިމު ކުރަމުންދާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މެންބަރުން ތަމްރީނު ކުރާނޭ ފެސިލިޓޭޓަރުން ތައްޔާރުކުރުމަށް ހިންގުނު ޕްރޮގްރާމެކެވެ.

ކ. ތުލުސްދޫގައި ނޮވެންބަރު 1 – 2 އަށް 30 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޔުނިސެފް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، މިނިސްޓްރީ އޮފް ހެލްތް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ހިމެނެ އެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ދެއްކެވި ވާހަކަފުޅުގައި އިބަމަ މެންބަރުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަށް އަލިއަޅުއްވާލައްވައި، މުޢައްސަސާތަކުގެ ދައުރުގެ އިތުރުން އިބަމަ މެންބަރުން އިޖުތިމާޢީ ޚިދުމަތް ދިނުމަށް ކުރައްވާ މަސައްކަތް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ކ.ތުލުސްދޫއަށް ކުރެއްވި މިދަތުރުފުޅުގައި ކ.ތުލުސްދޫ ރަށު ކައުންސިލްއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ބައްދަލުކުރައްވާ ކ. އެފް.ސީ.އެސް.ސީ އަލުން ޤާއިމުކުރެއްވުމަށްޓަކައި މިނިސްޓްރީއިން ގެންގުޅުއްވާ ތަސައްވަރު ކައުންސިލްގެ މެންބަރުންނާއި ހިއްސާކުރެއްވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.