
ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތުގެ %62 ނިމިފައިވާ ކަަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިމި، ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށެވެ. އަދި ހާބަރު ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ އިތުރުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫޢަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.