
ސްކޫލް ޢުމުރުފުރައަކީ ކުދިންގެ ގައިގައި ރަނގަޅު ސިފަތަކާއި، އާދަތައް އަދި ރަނގަޅު އަޚްލާޤު އަށަގެންނެވުމަށްޓަކައި އެންމެ ރަނގަޅު ޢުމުރުފުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު ހެނދުނު ތާޖުއްދީން ސްކޫލްގައި ބޭއްވި "ދަ ލީޑަރ އިން މީ" ވެލިއު އެޑިއުކޭޝަން ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ސްކޫލް ދައުރު އެއީ ކަންކަން ދެނެގަނެ ކަންކަން ދަސްކޮށް މުޖުތަމަޢުގައި އެ ކުދިންނަކީ މުހިންމު ބޭނުންތެރި ބައެއްގެ ގޮތުގައި ވުމަށްޓަކައި ބޭނުންވާ ސިފަތައް އަށަގެންނެވުމަށް އޮތް އެންމެ ރަނގަޅު ފުރުޞަތު ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
މިގޮތުން އެމަނިކުފާނު ވަނީ ކުދިންގެ ގައިގައި ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށް މުހިންމުކަން ހާމަކުރައްވައި މިއަދު ކުދިން ގަދައަޅާ މަސައްކަތްކުރަންވީ މާދަމާ ލީޑަރުންނަށްވުމަށްޓަކައި ކުރަންވީ މަސައްކަތްތައް ކުރުމަށްކަމުގައި ވިދާޅުވެފަ އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ޢާންމު އަޚްލާޤު ހިފެހެއްޓުމަށްޓަކައި ކިތަންމެ ކުޑަ ކަމެއްވެސް ގިނަ ބަޔަކު ކުރަންފަށައިފިއްޔާ އެކަމުގެ ހެޔޮ ފައިދާ މުޅި މުޖުތަމަޢަށް ކުރާނެކަމުގައި ވިދާޅުވި އެވެ. މިގޮތުން ރަށްޓެހިންގެ ފަރާތުން ވެސް ރަނގަޅު އާދަކާދަތަކާއި ސިފަތައް ދަސްކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އިންސާނިއްޔަތުކަމާއި އިޙްސާންތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ ދިރިއުޅުމުގައި ކިތަންމެ ކުރިޔަށްދިޔަކަމުގައިވިޔަސް މިފަދަ ސިފަތައް ކުރިޔަށް ނެރުމަކީ މުހިންމުކަމެއްކަމުގައި ވިދާޅުވެ އެކަމަށް ބާރުއަޅުއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގަތެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 9 -12 އާ ދޭތެރޭ ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީއިން އެ ކުދިންގެ މެދުގައި ދިރިޅުމުގެ ރަނގަޅު އަޚްލާޤާއި ސިފަތައް އަށަގެންނެވުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ޙަރަކާތެކެވެ.
ކޮންމެ ސްކޫލެއްގައި ޑިސިޕްލިން ސްޕަވައިޒަރެއް ބަހައްޓަވާ.އެޑިޔު ކޭޝަން އާއި ސްކޫލުގެ ގަވާޢިދު ހިފަހައްޓަވާ..ޕްރިންސިޕަލް އަށް ގަވާޢިދު ތަންފީޒު ކުރުމުގައި އެޑިޔުކޭޝަނުން ހުރަސް ނުއަޅުއްވާ..އެއްވެސް ބޮޑު މީހެއްގެ ދަރިއެއް ތަފާތު ނުކުރައްވާ އަޅަންޖެހޭ ފިޔަވަޅު ޕުރިންސިޕަލް އަޅުއްވާނެ.