
ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެ އަމުރު ތަންފީޒު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުންނާއި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ސާފުކުރަންޖެހޭ ކަންކަން ސާފު ކުރުމުގެ މަރުޙަލާ މިހާރު ސުޕްރީމް ކޯޓާއި ގުޅިގެން ކުރަމުން އަންނަ ކަމަށާއި އެމަނިކުފާނުގެ ވެރިކަން ދެމިއޮންނާނެ ކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަކަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސީދާ އެމަނިކުފާނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ގުޅިއްޖެ ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ވަގުތެއް ކަމަށާއި ސުޕްރީމް ކޯޓާއެކު ކުރެވެމުން އަންނަ މަޝްވަރާތައް ދަނީ ރަނގަޅަށް ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިމަތި ވެގެން އުޅޭ ކަންކަމާއި ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ދައުލަތުގެ ދުވެލި މަޑުޖެހިލައިފާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން މިއަށްވުރެ ދަތި އުދަނގޫތަކަކާ ކުރިމަތިލާން ޖެހުނު ސަރުކާރެއް ރާއްޖެ ދެކެފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ދައުލަތާއި ވަރަށް ބޮޑަށް ގުޅުން ހުރި އަމުރެއް ކަމުން އެކަމާމެދު ސުޕްރީމް ކޯޓާއެކު ވާހަކަ ދެއްކުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކަށްވެސް އަދި ޚުދު އެމަނިކުފާނަށްވެސް ވަގުތު ލިބެންޖެހޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރު އައިސްގެން މިދިޔައީ އެއްގޮތަކަށްވެސް ހީނުކުރައްވާ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރު ނުކުތުމާއެކު އެރޭ ފަތިސް ވަންދެން އެމަނިކުފާނާއެކު ޚާއްސަ ޓީމެއް އެކަމާބެހޭ މަޝްވަރާތައް ކުރަން އޮތް ކަމަށެވެ. މިއަދު ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް މިއަދުން ފެށިގެން ރަސްމީކޮށް ކެމްޕޭން މި ފެއްޓެވީ ކަމަށެވެ.