ފ. މަގޫދޫ އެއަރޕޯޓު ތަރައްގީ ކުރުމަށް އެމްޓީސީސީ އަށް!

ފ. މަގޫދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރާގޮތަށް ހަވާލުކުރި މި މަސައްކަތަށް ގާތްގަނޑަކަށް 231.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ މިނިސްޓްރީން ލަފާކޮށްފައިވާއިރު، އެމްޓީސީސީ އާ މި މަސައްކަތް ހަވާލުކުރީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ މަގޫދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށް ހަމަޖެހިފައި ވެއެވެ. އަދި ޓެކްސީވޭ އޭޕްރަން، ފަޔަރޕެޑް، ޕަސެންޖަރ ޓަރމިނަލް، ކޮންޓްރޯލް ޓަވަރާއެކު ފަޔަރ ސްޓޭޝަން ތަރައްޤީކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ސަލާމަތީ ވަސީލަތްތައް ޤާއިމުކުރުމާއި، ފެންސް ޖެހުމާއި، ގޭޓް ހަރުކުރުމާއި ސެކިއުރިޓީ ޗެކްޕޯސްޓް ހެދުން ވެސް މި މަޝްރޫއުގައި ހިމެނޭއިރު، ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި ގްރައުންޑް ހޭންޑްލިންގ އިކުއިޕްމަންޓްތައް ސަޕްލައިކޮށް އިންސްޓޯލްކުރުން ވެސް ވަނީ އެމްޓީސީސީ އާ ހަވާލުކޮށްފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.