
ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދާއި އެއްގޮތަށް، މިއަހަރު ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ 7 ވަނަ މުބާރާތްކަމުގައިވާ، "މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022" ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރަފްވެރިކޮށްދެއްވައިފި އެވެ.
މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، މާލޭ ކުޅިވަރު އެކުވެނި، ބެޑްމިންޓަން އިންޑޯ ހޯލްގަ އެވެ.
މިމުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގެ ބައެއް މެޗުތައް ބައްލަވާލައްވާފަ އެވެ.
މި އަހަރުގެ ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދާނީ، މި އޮކްޓޫބަރުމަހުގެ 18 އިން 23 އަށެވެ.
މިމުބާރާތުގައި ދުނިޔޭގެ 25 ޤައުމަކުން ދުއިސައްތައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވެސް ހިމެނެ އެވެ.