ސީދާ ވިސްނުމުގެ ޝަޚްސިއްޔަތެއް ބިނާކުރުން

ރޫސޯ (Jean Jacques Rousseau) އަކީ ފަރަންސޭސިވިލާތުގެ މަޝްހޫރު މުފައްކިރެކެވެ. އޭނާ އުފަންވެވަޑައިގަތީ 1712 ވަނަ އަހަރުއެވެ. އަވަހާރަވީ 1778 ގައެވެ. އޭނާއަކީ ޝަޚްސީ ރަސްކަމުގެ ބަދަލުގައި ޢާއްމުންގެ ވެރިކަމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އޭނާ ލިޔުއްވި ފޮތް "ޢުމްރާނީ މުޢާހަދާ" (Social Contract) ފައްޓަވައިފައި ވަނީ މި ޢިބާރާތުންނެވެ. "އިންސާނާ އުފަންވީ މިނިވަނެއްގެ ގޮތުގައެވެ. އެކަމަކު އޭނާ މިފެންނަނީ ހިލިހިލާޖަހާފައި ވަނިކޮށެވެ."

Man was born free, but I see him in chain.

އެކަމަކު މި މައްސަލައަށްވުރެވެސް ބޮޑު ކަމަށް ފެންނަ އެހެން މައްސަލައެއް އިންސާނާއަށް ވަނީ ކުރިމަތި ވެފައެވެ. އެއީ ކޮންޑިޝަނިންގ ނުވަތަ ހޭނުމުގެ މައްސަލައެވެ. ފިރިހެނަކަށް ވިޔަސް، އަންހެނަކަށް ވިޔަސް، ކޮންމެ މީހަކުވެސް ދިރިއުޅެނީ ވަކި މާޙަވްލެއްގައެވެ. މާޙަވްލު އޮންނަ ގޮތަކަށް އެމީހެއްގެ ސިކުނޑި ހޭނެއެވެ. ނަތީޖާ އަކީ ހެޔޮ މިސްރާބަށް ވިސްނޭގޮތް ނުވުމެވެ. ފިޠުރަތުގެ އުސޫލުން ވިސްނަން އިންސާނާއަށް ނޭނގޭ ގޮތް ވުމެވެ. މި މައްސަލައަށް ބަލާފައި ރޫސޯގެ ޖުމްލަ އެއަށްވުރެ ރަނގަޅަށް ލިޔެވިދާނެއެވެ. "އިންސާނާ އުފަންވަނީ ފިޠުރަތުގެ އުސޫލުންނެވެ. އެކަމަކު ކޮންމެ ދިމާއަކަށް ބެލިނަމަވެސް އޭނާ ފެންނަނީ ވަކި ގޮތަކަށް ހޭނިފައި ހުންނަ ތަނެވެ."

Man was created on divine nature, but I see him psychologically conditioned.

ކުއްޖަކު އެންމެ ފުރަތަމަ އުފަންވާދުވަހު ބައްލަވާލައްވައިފިނަމަ ފެނިވަޑައިގަންނަވާނީ މަޢުޞޫމިއްޔަތުގެ ރީތި ނަމޫނާއެކެވެ. ހީވާނީ މަލާއިކަތަކު އިންސާނެއްގެ ސިފައިގައި ބިމަށް ވަޑައިގަތީހެންނެވެ. އުފަންވާ ވަގުތު އިންސާނާގެ ސިކުނޑި އޮންނަނީ ހުހަށެވެ. އޭނާގެ ވިސްނުން އެނބުރިފައި ހުންނަނީ ފިޠުރަތުގެ އުސޫލުތަކުގެ މައްޗަށެވެ. އެކަމަކު އިންސާނާއަކީ އިޖްތިމާޢީ ޙައިވާނެކެވެ. އޭނާގެ މުޅި ދިރިއުޅުން ހޭދަކުރަން ޖެހެނީ އެހެން މީސްމީހުން ބައްޓަންކޮށްފައިވާ ދުނިޔެއެއްގައެވެ. އެހެންވީމާ އޭނާއަށް ޖެހެނީ ބޭރުފުށުން ދިމާވާ ކޮންމެ ކަމެއް ޤަބޫލުކުރާށެވެ. އެއަށް ކިޔާ ނަމަކީ ކޮންޑިޝަނިންގ ނުވަތަ ހޭނުމެވެ. މި އަސަރު ދާނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވެސް ވަމުންނެވެ. އެންމެ ފަހުން ގޮސް އިންސާނާ އެކީގައި ހޭނި ނިމިދާނެއެވެ.

ތަޞައްރަފު ފުދި ހަމަވިސްނުން އަންނަ ޢުމުރަށް އަޅައިގަތީމާ ކޮންމެ މީހަކަށްވެސް ޖެހެނީ އޭނާގެ ލާޒިމީ ޒިންމާދާރީގެ މަތީން ހަނދާންކޮށް، ސިކުނޑި ޑީކޮންޑިޝަން ކުރާށެވެ. އާދެ، އޭނާގެ ޙަޤީޤީ މަސައްކަތާ ގުޅޭ ގޮތަށް ސިކުނޑި އަނބުރައިލާށެވެ. ފިޠުރަތުގެ އުސޫލުތަކާ ދިމާއަށް އެނބުރި އަންނާށެވެ. މަޞްނޫޢީ އިންސާނެއްގެ ބަދަލުގައި ފިޠްރީ އިންސާނަކަށް ބަދަލުވާށެވެ.

މިޒަމާނުގެ ނަފްސާނީ ޢިލްމުގައި ވަރަށް މަޝްހޫރުވެފަިވާ ނަޒަރިއްޔާއެއް އޮވެއެވެ. އެއީ ބިހޭވިއަރިޒަމް (behaviourism) އެވެ. ނަފްސިއްޔާތުގެ މި ޢިލްމީ ނަޒަރިއްޔާއިން ގަބޫލު ކުރެވިފައިވާ ގޮތުގައި ކޮންޑިޝްނިންގ ވެގެން ދަނީ އިންސާނާގެ މުސްތަޤިއްލު ޙާލަތަކަށެވެ. އޭނާއަކީ އުފަންވާއިރު ވަކި ގޮތަކަށް އުޅެން ދަންނަ މީހެއް ނޫނެވެ. އިންސާނާގެ ޝްޚްސިއްޔަތު ބިނާވެގެން ދަނީ މާޙަވްލުން އޭނާ ހާނާ ގޮތަކަށެވެ. ނުވަތަ ކޮންޑިޝަން ކުރާ ގޮތަކަށެވެ. މި ނަޒަރިއްޔާ ގަބޫލުކުރާ މީހުން ބުނާ ގޮތުގައި އިންސާނާގެ ޝަޚްސިއްޔަތު އުފެދެނީ ޤުދްރަތީ ޙާލަތްތަކުގެ މައްޗަށެވެ. އާދެ، އިންސާނާއަކީ ތަރުބިއްޔަތު ކުރެވޭ މީހެކެވެ. މި ނަޒަރިއްޔާގެ މީހުން ބުނާ ގޮތުގައި އިންސާނާ އުފަންވާތަނުގެ ޙާލަތު އޮތްގޮތަކަށް ނޫނީ އޭނާ ތަރުބިއްޔަތެއް ނުކުރެވޭނެއެވެ.

He was nurtured when he was born. (Wotton)

އިންސާނާގެ ޝަޚްސިއްޔަތު ފުންކޮށް ދިރާސާ ކުރީމާ މި ނަޒަރިއްޔާ ރަނގަޅު ނޫންކަން އެނގެއެވެ. ދިރާސާތަކުން އެނގޭ ގޮތުގައި އިންސާނާ އުފަންވަނީ ފުރިހަމަ ޝަޚްސިއްޔަތެއްގެ ގޮތުގައެވެ. ވަރަށް ފަހުން ހޯދުނު ޖެނެޓިކް ކޯޑްގެ ސަބަބުން މަތީގައި ދެންނެވުނު ނަޒަރިއްޔާ ރަނގަޅު ނޫން ކަމަށް ސާބިތުވެއެވެ. އެ ހީދުންތަކުން އެނގުނު އެއް ކަމަކީ އިންސާނާ އުފަންވާއިރު އޭނާގެ ޝަޚްސިއްޔަތު މުޅިން ފުރިހަމަކޮށް އޭނާގެ ޖެނެޓިކް ކޯޑްގައި ލައްވައިފައިވާ ކަމެވެ. ފަހުން އޭނާގެ ޝަޚްސިއްޔަތަށް އަންނަ ބަދަލުތަކަކީ އެ ޖެނެޓިކް ކޯޑް ނިއުޅެމުން ދިއުމުގެ ނަތީޖާއެވެ.

މި ނުކުތާގެ މައްޗަށް ބަލާއިރު މާޙަވްލުގެ ކޮންޑިޝަނިންގ ވެގެންދަނީ އިންސާނާގެ މައްޗަށް ވައްޓައިލެވޭ މަޞްނޫޢީ ފަރުދާއަކަށެވެ. އިންސާނާ ވަނީ ފިޔައެއް ކަހަލަ އެއްޗަކަށެވެ. ފިޔާގެ އެންމެ އެތެރޭގައި އޮންނަނީ މަދެއްކަހަލަ އެތިކޮޅެކެވެ. އޭގެ މަތީގައި އެތައް ފަށަލައަކަށް ފިޔާ ތޮށި ހުރެއެވެ. އެތެރޭގައި އޮންނަ މަދު ފެންނަނީ އެހުރިހައި ފަށަލައެއް ނޮޅައިގެން ބެލީމައެވެ. އިންސާނާގެ ކަންތައްވެސް އޮންނަނީ މިކަހަލަ ގޮތަކަށެވެ. އިންސާނާގެ ޝަޚްސިއްޔަތުގެ މައްޗަށް މާޙަވްލުގެ އަސަރުގެ ފަރުދާ ވައްޓައިލެވެނީއެވެ. އިންސާނާގެ ޙަޤީޤީ ޝަޚްސިއްޔަތު ފެންނަނީ އެ ފަރުދާ ކަހައިލެވުނީމައެވެ.

އިންސާނާގެ ޝަޚްސިއްޔަތުގެ މަތީން މި ފަރުދާ ކަހައިލުމަށް ކިޔާ ނަމަކީ ޑީކޮންޑިޝަނިންގ އެވެ. ތެދުވެރި އިންސާނެއް ނަމަ ނަފްސުގެ މައްޗަށް ވެއްޓިފައި އޮތް މަޞްނޫޢީ ފަރުދާ ނަގައި އަމިއްލަ ޝަޚްސިއްޔަތު ޑީކޮންޑިޝަން ކުރުމަކީ ކޮންމެ މީހަކަށްވެސް ލާޒިމު ކަމެކެވެ.

ދީނުން ގަބޫލު ކުރާ ގޮތުގައި އިންސާނާއަކީ ﷲގެ ޚާއްޞަ އުފެއްދެވުމެކެވެ. އިންސާނާ އުފަންވާއިރު އުފަންވަނީ އިލާހީ ޝަޚްސިއްޔަތަކާ އެކީގައެވެ. ދާޚިލީ ވުޖޫދަށް ބަލާއިރު އޭނާއަކީ ފުރިހަމަ އަދި ތެދުވެރި ޝަޚްސިއްޔަތެކެވެ. ދާއިމީ ކާމިޔާބީއެއް ހޯދަން ބޭނުންނަމަ ކޮންމެ މީހަކަށްވެސް ޖެހެނީ އޭނާގެ ފިޠްރީ ޝަޚްސިއްޔަތު ޙިމާޔަތް ކުރާށެވެ. އުފެއްދެވި ފަރާތުން އޭނާ އުފެއްދެވި ފިޠުރަތުގެ މަތީގައި ދެމިހުރުމަކީ އޭނާގެ މައްޗަށް ލާޒިމު ކަމެކެވެ. ގަދައަޅައި މަސައްކަތްކޮށްގެން މިފަދަ ގޮތަކަށް އަމިއްލަ ނަފްސު ތަޢުމީރް ކުރުމަށް ކިޔާ ނަމަކީ ޑީކޮންޑިޝަނިންގ އެވެ.

މުޠާލިޢާއިން އެނގޭ ގޮތުގައި އިންސާނާ ވަކި މާޙަވްލެއްގައި އުޅެ ބޮޑުވާއިރު ކޮންމެ ދުވަހަކުމެ، އޭނާއަށް ނޭދެވޭ ކަންތައްތަކާ ކުރިމަތިލާން އޮންނަނީ ޖެހިފައެވެ. މި ތަޖްރިބާގެ ސަބަބުން އޭނާގެ ޝަޚްސިއްޔަތުގެ މައްޗަށް ނުބައި ފަރުދާއެއް ވެއްޓެނީއެވެ. މިސާލަކަށް ކޮންމެވެސް މީހަކު ވަކި ކަމެއްގައި އޭނާއަށްވުރެ ކުރިއަރައިދަނީއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހިތުގައި ޙަސަދަވެރިކަމުގެ ޝުޢޫރު އުފެދެނީއެވެ. އޭނާގެ ޝަޚްސިއްޔަތުގައި ޙަސަދައިގެ ބައެއް ހަރުލަނީއެވެ. އެހެން މިސާލެކެވެ. ކޮންމެވެސް މީހަކު އޭނާ ނުރުހޭ ކަހަލަ ކަމެއް ކުރަނީއެވެ. މި ޙަރަކާތުގެ ސަބަބުން އޭނާގެ ޝަޚްސިއްޔަތުގައި ނަފްރަތުގެ ބައި ހަރުލަނީއެވެ. އަނެއްކާވެސް އެހެން މިސާލެކެވެ. އޭނާއަށް ފެންނަ އެއްޗެއް ލިބިގަތުމުގެ އެދުން ހިތުގައި އުފެދެން ފެށީމާ ދަހިވެތިކަމުގެ ބައި އޭނާގެ ޝަޚްސިއްޔަތުގައި ހަރުލަނީއެވެ. އަދިވެސް އެހެން މިސާލެކެވެ. ކޮންމެވެސް މީހަކު އޭނާއަށް އަނިޔާވެރިވަނީއެވެ. މި ޙަރަކާތުގެ ސަބަބުން އޭނާގެ ކިބައިގައި ހަރުކަށިކަން ހަރުލައި، އެ ހަރުކަށިކަމަކީ އޭނާގެ ޝަޚްސިއްޔަތުގެ ބަޔަކަށް ވެގެން ދަނީއެވެ.

މި ދެންނެވުނު ފަދަިން މާޙަވްލުގައި އިންސާނާއަށް ތަފާތު އެތައް ކަމެއް ތަޖްރިބާ ކުރަން އޮންނަނީ ޖެހިފައެވެ. އެއިން ކޮންމެ ތަޖްރިބާއަކުން އޭނާގެ ޝަޚްސިއްޔަތުގައި ވަކިކަހަލަ ނޭދެވޭ ސިފައެއް ހަރުލައެވެ. އެންމެ ފަހުން ގޮސް އިންސާނާގެ ޝަޚްސިއްޔަތު މިކަހަލަ އެތައް ފަރުދާއެއްގެ ނިވަލަށް ވަދެ، ފޮރުވެނީއެވެ. ފިޠްރީ އިންސާނަކު މަޞްނޫޢީ އިންސާނަކަށް ބަދަލުވެގެން ދަނީއެވެ.

ޑީކޮންޑިޝަނިންގ އަކީ މި ދެންނެވުނު މަޞްނޫޢީ ޙާލަތު ރަނގަޅު ކުރުމެވެ. ޑީކޮންޑިޝަނިންގ އަކީ ކޮންމެ އިންސާނަކަށްމެ ބޭނުންވެފައިވާ ލާޒިމު ކަމެކެވެ. އެޔާނުލައި އިންސާނާގެ ޝަޚްސިއްޔަތު ވެގެން ދާނީ ފުރިހަމަ ނޫން ޝަޚްސިއްޔަތަކަށެވެ. އޭނާއަކަށް ދުވަހަކުވެސް ފުރިހަމަ މީހަކަށް ނުވެވޭނެއެވެ.

ޑީކޮންޑިޝަނިންގ ގެ މައިގަނޑު ޒަރީޢާއަކީ ތިމާގެ އަމިއްލައެދުންތަކަކީ ކޮބައިތޯ ބެލުމެވެ. ކޮންމެ އަންހެނަކާއި ފިރިހެނަކަށްވެސް ޖެހެނީ ޚުދު އޭނާގެ ފާރަވެރިއަކަށް ވާށެވެ. ހޯދަހޯދައިގެން ތިމާގެ ކިބައިގައި ހުރިއްޔާ ހުރި ނޭދެވޭ ސިފަތަކެއް ނައްތައިލުމަށްފަހު ހެޔޮ ވިސްނުމާއި ރަނގަޅު ފިކުރަށް ޖާގަދީގެން އެސިފައެއް އެދެވޭ ސިފައަކަށް ބަދަލުކުރާށެވެ. އެއަށްފަހު އެ އެދެވޭ ސިފައެއް އޭނާގެ ޝަޚްސިއްޔަތުގެ ބަޔަކަށް ހަދާށެވެ. ޑީކޮންޑިޝަނިންގގެ ޒަރީޢާއިން ތިމާގެ މުޅި ޝަޚްސިއްޔަތު ތަޢުމީރް ކުރާށެވެ.

ނަފްސިއްޔާތުގެ މުޠާލިޢާއިން އެނގިފައިވާ ގޮތުގައި އިންސާނާގެ ސިކުނޑި ބެހިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ހިނގާބަޔަކާއި ނުހިނގާ ބައެކެވެ. އިންސާނާއަށް އެދެވޭ ކަމަކާ ކުރިމަތިލާން ޖެހުނީމާ އެންމެ ފުރަތަމަ އެކަމެއް ނޭދެވޭ ކަމެއްގެ ގޮތުގައި ގޮސް ވަންނަނީ އޭނާގެ ސިކުނޑީގެ ހިނގާ ބަޔަށެވެ. މިކަމެއް ދެތިންހަތަރު ދުވަހަކު ހިނގާ ބައިގައި އޮވެފައި މަޑުމަޑުން ގޮސް ނުހިނގާ ބަޔަށް ވަންނަނީއެވެ. އެޔަށްފަހު އެކަމެއް ދާއިމީ ގޮތަކަށް އޭނާގެ ސިކުނޑީގެ ބަޔަކަށް ވެގެން ހިނގައިދެއެވެ. އެހެންވީމާ އެކަމެއް ސިކުނޑީގެ ހިނގާބައިގައި އޮންނަ ދެތިންދުވަހުގެ ތެރޭގައި އެދެވޭ ކަމަކަށް ބަދަލުކޮށްލަން ވާނެއެވެ. އެއީ އެކަމެއް ސިކުނޑީގެ ނުހިނގާ ބަޔަށް ވަންނަ އިރު ނުވަތަ ދާއިމީކޮށް ހަރުލާފައި އޮންނަ ބަޔަށް ވަދެ އެތާނގައި ގާއިމުވާއިރު އެދެވޭ ކަމެއްގެ ގޮތުގައި އޮންނާނެ ގޮތެއް ހެދުމުގެ ބޭނުމުގައެވެ.

އިންސާނާގެ ޝަޚްސިއްޔަތު ތަޢުމީރު ކުރުމުގައި ވަކިގޮތެއް ކަނޑައެޅުމުގެ ވެރިއެއްގެ ހައިސިއްޔަތު ލިބިފައިވާ ކަމަކީ މިއީއެވެ. މިވެނި މީހަކީ އެދެވޭ ޝަޚްސިއްޔަތެއްގެ ވެރިއެއްތޯ ނުވަތަ ނޭދެވޭ ޝަޚްސިއްޔަތެއްގެ ވެރިއެއްތޯ ކަނޑައެޅެނީ މިކަމުގެ ތެރޭގައެވެ.

ތިމާގެ ސިކުނޑީގެ ނުހިނގާބަޔަށް އެދެވޭ ކަންތައްތައް ޖަމާކުރުން އާދައަކަށް ހަދައިފި މީހެއްގެ ސިކުނޑި އެންމެ ފަހުން ގޮސް ފުރޭނީ އެދެވޭ ކަންތައްތަކުންނެވެ. އެފަދަ މީހެއްގެ ޝަޚްސިއްޔަތު ވެގެން ދާނީ އެދެވޭ ފުރިހަމަ ޝަޚްސިއްޔަތަކަށެވެ. މިޔާ ޚިލާފަށް ނޭދެވޭ ކަންތައްތަކުން ސިކުނޑި ފުރަމުންދާ މީހެއްގެ ޝަޚްސިއްޔަތު އެންމެ ފަހުން ގޮސް ނޭދެވޭ އަދި ނުބައި ޝަޚްސިއްޔަތަކަށް ބަދަލުވެގެން ހިނގައިދާނެއެވެ.

އިންސާނާ ކުރާ ކޮންމެ ޢަމަލެއް، ބުނާ ކޮންމެ ބަހެއް، ވިސްނާ ކޮންމެ ވިސްނުމެއް ނުކުންނަނީ އޭނާގެ ސިކުނޑީގެ ނުހިނގާ ބައިންނެވެ. (ނުހިނގާ ބަޔަކީ ޙަޤީޤަތުގައި އެއްޗެހި ދާއިމީކޮށް ރައްކާ ކުރާ ބައެވެ.) ސިކުނޑީގެ ހިނގާ ބަޔަށްވުރެ ބޮޑަށް އިންސާނާ ތަބާވަނީ ނުހިނގާ ބަޔަށެވެ. އިންސާނާގެ ސިކުނޑީގެ ޖަމާ (ނުހިނގާބައި) ނޭދެވޭ ކަންތައްތަކުން ފުރިއްޖެނަމަ އެމީހެއްގެ ބަހާއި ޢަމަލާއި ވިސްނުން ހުންނާނީ މުޅިންވެސް ނޭދެވޭ މިސްރާބަށް އެނބުރިފައެވެ. އޭނާ ދުނިޔެ ދެކޭނީ ނުބައިކޮށެވެ. މިޔާ ޚިލާފަށް ސިކުނޑީގެ ނުހިނގާބައި އެދެވޭ ކަންތައްތަކުން ފުރާލައިފި މީހެއްގެ ބަހާއި ޢަމަލާއި ވިސްނުން ހުންނާނީ އެދެވޭ މިސްރާބަށެވެ. އެފަދަ މީހަކު ދުނިޔެ ދެކޭނީ ރީތިކޮށެވެ.

ޙައްޤު ހޯދުމާއި ޙައްޤު ދެނެގަތުމަކީ ހެޔޮ ވިސްނުމެއް ނުވަތަ އެދެވޭ ވިސްނުމެއްގެ ވެރިއަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ޙައްޤު ހޯދައިގަތުމުގެ މަތިވެރި ޖަޒުބާ އުފެދެނީވެސް އެދެވޭ ވިސްނުމެއްގެ ވެރިއެއްގެ ހިތުގައެވެ. ތިމާގެ ސަލާމަތާއި ދިންނެވުން އޮތް ގޮތެއް ހޯދުމުގެ އެދުމުގައި އެންމެ ފަހުން ޙައްޤު ހޯދައިގަންނަނީވެސް އެދެވޭ ވިސްނުމުގެ އަހުލުވެރިންނެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.