މިއަދަކީ ބާރަމަހު ބާރަދުވަސް

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِّلْعَالَمِينَ،، وَبَعْدُ!

އެންމެ މަތިވެރި އެންމެ މުޤައްދަސް ބިންކޮޅު:

މާތް ﷲގެ މަޚްލޫޤުތަކުންގެ ތެރޭން އެންމެ މާތް އެންމެ މަތިވެރި މަޚްލޫޤަކީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި އެއިލާހު ފޮނުއްވި އެއިލާހުގެ ލޮބުވެތި ޙަބީބާ ކައުއިތުރު މުޙައްމަދު ނަބިއްޔާއެވެ. އެއީ އެންމެ މާތް ނަބިއްޔާއެވެ. އެންމެ މަތިވެރި މަޚްލޫޤެވެ. އެއީ ރަސޫލުކަމުގައި ސިއްކަޖެއްސެވި ޚާތަމުއް ނަބިއްޔީނެވެ. އެއީ އެންމެ ފުރަތަމަ ޤަބުރުފުޅުން ތެދުވެ ވަޑައިގެންނެވުމުގެ ޝަރަފުވެރިޔާއެވެ. އެއީ މަޙްޝަރު މައިދާނުގައި ﷲގެ ޢަރުޝީގައި ވެޑުވިގެން އިންނަވާނެ ހަމައެކަނި އަޅާއެވެ. އެއީ ކަރުޡަރުކީ އާރުގެ ވެރިޔާއެވެ. މަޤާމުލް މަޙްމޫދުގެ ސާހިބާއެވެ. ހިސާބު ބެއްލެވުން ފެއްޓޭހުށީ އެކަލޭގެފާނުންގެ ޝިފާޢަތުންނެވެ. އެކަލޭގެފާނުންގެ ހަށިކޮޅަކީ ބަރަކާތުން ފުރިގެންވާ ހަށިކޮޅެކެވެ. އެކަލޭގެފާނުން ފަސްދާނު ވެޑުވިގެން އޮންނެވި މާތް ޤަބުރުފުޅަކީ އަދި އެކަލޭގެފާނު އޮންނެވި ބިންކޮޅަކީ މިބިންމަތީގައި ލެއްވުނު އެންމެ މާތް އެންމެ މުޤައްދަސް ބިންކޮޅެވެ. އެކަލޭގެފާނުންގެ ޙަޔާތްޕުޅުގައި ގެންގުޅުއްވިހައި އެއްޗެހި ކޮޅުތަކަކީ އެކަލޭގެފާނުން ސުވަރުގެ ވަޑައިގަތުމަށް ފަހުގައިވެސް އެއިން އަޅުގަނޑުމެންނަށް ބަރަކާތް ޙާޞިލުކުރެވޭނެ އެއްޗެހިކޮޅުތަކެވެ.

ފާހަގަކުރަން އެންމެ އައުލާ ދުވަސް:

މިއަދު އަޅުގަނޑުމެންނާ ކުރިމަތި މިލީ އާދަޔާ ޚިލާފު ދުވަހެކެވެ. ބާރަމަހުބާރަ ދުވަހެވެ. ﷲގެ ލޮބުވެތި ޙަބީބާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހެވެ. އިތުރު އެކަލޭގެފާނުންގެ ޢުމުރުފުޅުގެ ނޫރާނީ އަލިކަން ދުނިޔެއަށް ފާއްދާލި ދުވަހެވެ. އެކަލޭގެފާނުންގެ އެޢުމުރުފުޅުގެ މަތިވެރިކަމާހުރެ މާތް ﷲ އެކަލޭގެފާނުންގެ ޢުމުރުފުޅު ގަންދެއްވައި ހުވައިކުރަށްވާފައި ވެއެވެ. لَعَمْرُكَ إِنَّهُمْ لَفِي سَكْرَتِهِمْ يَعْمَهُونَ (މާނައީ: އޭރަސޫލާއެވެ! ކަލޭގެފާނުންގެ ޢުމުރުފުޅުގެ މާތްކަމަށްޓަކައި ތިމަން ﷲ އެޢުމުފުރުފުޅު ގަންދެއްވަމެވެ. އެއުރެން އެތިބީ މަގުފުރެދުމުގެ މަސްތަށް ގެނބި ލޯކަނުވެފައެވެ.)

ދަންނަވަންތޯއެވެ؟ ހުކުރު ދުވަހުގެ މާތްކަމާ ބެހޭގޮތުން ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ސުވާލު ދެންނެވުމުން ޙަދީޘު ކުރަށްވަނީ فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام އެއީ އާދަމުގެފާނު އުފެއްދެވުނު ދުވަސްކަމަށެވެ. ކީރިތި ރަސޫލާ ހޯމަދުވަހު މާގިނައިން ރޯދަފުޅަށް ހުންނަވާތީ ސުވާލުވެވުމުން ޙަދީޘު ކުރެއްވީ ذَاكَ يَوْمٌ وُلِدْتُ فِيهِ އެއީ ތިމަން ރަސޫލާ ރައްކައުވި ދުވަސް ކަމަށެވެ. އަބަދާއަބަދަށް ނަރަކަ ވާޖިބު ކުރަށްވާފައިވާ އަބޫ ލަހުބަށް ތާޤިޔާމަތަށް ކޮންމެ ހޯމަދުވަހަކު އޭނާގެ އަތުގެ ދެއަހުރުދޭތެރެއިން ފެންނެރުއްވައި އެއިން ފެންތިކިވަރުތަކެއް ނަޞީބުކުރަށްވާ ވާހަކަ ޞައްޙަ ޙަދީޘުގައި އައިސްފައިވެއެވެ. އެއީ އޭނާގެ ކޮއްކޮގެ ދަރިފުޅު މުޙައްމަދުގެފާނު ރައްކައުވި ޚަބަރު ލިބުމުން އެކަމާވީ އުފަލުން އެޚަބަަރު ދިނުމަށްއައި އޭނާގެ ޖާރިޔާ ޘުވައިބާ މިނިވަންކުރީތީއެވެ. މިއީ ހަމަގައިމު އެކަލޭގެފާނުންގެ އުފަންދުވަހުގެ ބަރަކާތާހުރެ މިފަދަ ނުބައިމީހަކަށްވެސް ﷲވެވޮޑިގަތް ރަޙްމަތެވެ. އުފަންދުވަހަށް މާތް ﷲ އަހުމިއްޔަތުކަން ދެއްވާފައިއޮތް މިންވަރަކީ ﷲގެ ނަބިއްޔާ ޔަޙްޔާގެފާނަށް ﷲ ދެއްވި ނިޢުމަތްތަކުގެ ވާހަކަ ބަޔާން ކުރަށްވަމުން އަންގަވަނީ وَسَلَامٌ عَلَيْهِ يَوْمَ وُلِدَ އެކަލޭގެފާނުން ރައްކައުވެ ވަޑައިގަތް ދުވަހުވެސް އެކަލޭގެފާނަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވީމެވެ. ހަމައެހެންމެ ﷲގެ ނަބިއްޔާ ޢީސާގެފާނަށް ހަމައެމަތިވެރިކަން ދެއްވީތީ އެކަލޭގެފާނުންގެ ދޫފުޅުން ﷲ ވަޙީކުރަށްވަނީ وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ އެވެ. (ތިމަން ކަލޭގެފާނުން ރައްކައުވެ ވަޑައިގަތް ދުވަހުވެސް މާތް ﷲ ތިމަންކަލޭގެފާނަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވިއެވެ.)

އަޅުގަނޑުގެ އިލްތިމާސް:

ކީރިތި ރަސޫލާގެ މީލާދީ ދުވަހަކީ ދުވަސްތަކެއް ވަންދެން އަޅުގަނޑުމެން ދިވެހިންގެ ސަގާފަތުން ފޮހެވިގޮސްފައިވާ ދުވަހެކެވެ. އެދުވަސް އަލުން ދިރުވައި ރިވެތިގޮތުގައި އާލާކުރަން އެބަޖެހެއެވެ. އަޅުގަނޑުގެ އިސްތިމާސަކީ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ލޮބުވެތި ނަބިއްޔާދެކެ ލޯބިވުން އަށަގެންނެވުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. ﷲގެ ޚާއްޞަޚާއްޞަ ދުވަސްތައް ހަނދުމަކުރަން ﷲ އެދިވޮޑިގެންފައިވާތީ، އެދުވަސްތަކުގެ ތެރޭގައި ކީރިތި ރަސޫލާގެ މީލާދީދުވަސް ހިމަނައި އެކުދިންނަށް އެދުވަހުގެ މުހިންމުކަން ހަނދުމަކޮށްދޭން އެބަޖެހެއެވެ. ޖަލްސާތަކާއި ޙަފްލާތައް ބާއްވައި އެކަލޭގެފާނުންގެ މާތް ޛިކުރާ އައުކުރަން ޖެހެއެވެ. ކީރިތި ރަސޫލާގެ ރިވެތި އަޚުލާޤާއި ދިރިއުއްޅުއްވިގޮތާއި ސުލޫކާއި އަދަބުސަދަބާއި ބަސްމޮށުންތެރިކަން ހުރިގޮތާއި މިއެންމެހައި ކަންކަން ދަރިންނަށް ދަސްކޮށްދީ ލޮބުވެތި ރަސޫލާ އުއްމަތަށް ދޫކުރެއްވި ޤުރުއާނުގެ އަދަބުވެރިކަން އަޅުގަނޑުމެންނާއި އެކުދިންގެ ގައިގައި ހާނުވަން މިއަދުން ފެށިގެން ޢަޒުމު ކަނޑައަޅަމާ ހިނގާށެވެ.

އެންމެ މުހިންމު އެއްކަމަކީ ގިނަގިނައިން ޞަލަވާތް ކިޔެވުމެވެ.

ދަންނަވަންތޯއެވެ؟ އެކަލޭގެފާނުންގެ މަތިވެރިކަމާއި ޝަރަފުވެރިކަން ﷲގެ އެންމެ ވަޙީ ބަސްފުޅަކުން އަޅުގަނޑުމެންގެ ޝުޢޫރަށް ގެނެސްފިނަމަ މިކަމުގެ ބޮޑުކަން ހާމަވެގެންދާނެއެވެ. ނިކަން ކޮންމެ ހުކުރުދުވަހަކު ހުކުރު ޚުޠުބާގައި ތިލާވަތުކުރެވޭ إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُونَ عَلَى النَّبِيِّ މިއާޔަތަށް ވިސްނާވަޑައިގެން ބައްލަވާށެވެ. އެޢަމަލެއްގައި އެންމެހައި މަލާއިކަތުން ބައިވެރިވެ ވަޑައިގަންނަވާކަން އެންގެވުމަށްފަހު، ޚުދް ﷲ ބައިވެރިވެ ވޮޑިގެންވާ ޢަމަލެއް ކަމުގެ ޚަބަރުދެއްވައި މުސްލިމުތަކުންނަށް އެކަންކުރުމަށް ގަދައަމުރުފުޅުން އަމުރުކުރަށްވާފައިވާ ހަމައެކަނި ޢަމަލަކީ ﷲގެ ނަބިއްޔާއަށް ޞަލަވާތް ކިޔެވުމެވެ. އެހެންކަމުން އެކަލޭގެފާނަށް ގިނަގިނައިން ޞަލަވާތާއި ސަލާމް ދެންނެވުންމަތީ ދެމިތިބުމަށް ޝައުޤުވެރިވުން ވަރަށްވެސް މުހިންމެވެ. ވަކިން ޚާއްޞަކޮށް ކޮންމެ ހުކުރު ދުވަހަކާއި ހުކުރު ވިލޭރެއެއްގައެވެ. ޝައްކެއްނެތި އެކަލޭގެފާނުންގެއަރިހަށް ވަގުތުން އެޞަލަވާތް ފޯރުކޮށް ދެވެއެވެ. އަދި ޚުދް އެކަލޭގެފާނު އަޅުގަނޑުމެންނަށް ޖަވާބުދެއްވަމުން ގެންދަވައެވެ. އަދި ﷲގެ ޙަޟުރަތުން އޭގެ ބަދަލުގައި 10 ފަހަރުމަތިން އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވައެވެ. މިއީ ކިހާބޮޑު ޝަރަފަކާއި ނިޢުމަތެއްތޯއެވެ؟

اللَّهُمَّ صَلِ عَلَى مُحَمَّدٍ كُلَّمَا ذَكَرَهُ الذَّاكِرُونَ وَ صَلِ عَلَى مُحَمَّدٍ كُلَّمَا غَفَلَ عَنْ ذِكْرُهُ الْغَافِلُونَ

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.